ރައީސް ވަހީދަށް ދަނީ އެތެރެއިންނާއި ބޭރުން ވަރަށް ގިނަ ފިއްތުންތައް ކުރިމަތިވަމުން: މައުމޫނު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ވަރަށް ގިނަ ފިއްތުންތައް އެތެރެއިންނާއި ބޭރުން ކުރިމަތިކުރަމުންދާކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމުގެ އިންތިގާލީ ރައީސް މައުމޫނު އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދުދާއިރާގެ މެމްބަރ ޝިފާގު މުފީދު (ހިސްޓޯ) ޕީޕީއެމަށް ސޮއުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަމުން މައުމޫނު ވިދާޅުވީ މި ފަދަ ދަނޑިވަޅެއްގައި އިއްތިހާދުގެ ސަރުކާރު ހިފެއްޓުމަކީ މުޅި ގައުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭކަމެއްކަމަށާއި އެއްވެސް ނުތަނަވަސްކަމެއް ކުރިމަތިވެގެން ނަމަވެސް ސަރުކާރު ދޫކޮށްލައިގެންނުވާނެކަމަށެވެ.
"މިސަރުކާރު ދޫކޮށްލުމުގެ ހިލާޔެއް ގެންގުޅެގެންނުވާނެ. ސަރުކާރަށް ކުރާ ތާއިދު ކުޑަކުރުމުގެ ހިޔާލެއް ވެސް ގެންގުޅެގެންނުވާނެ. އެހެން ހަދައިފިނަމަ އޭގެ ހިތި ނަތީޖާ ތަޖުރިބާކުރަން ޖެހޭނީ ދިވެހި ރައްޔިތުން،" ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި މައުމޫނު ވިދާޅުވި އެވެ.
ޕާޓީތަކުން އެދޭވަރަށް ކަންކަން ނުކުރެވޭނެ ކަމަށާއި އެ އުސޫލުން އާންމުންގެ އެދުމާ އެއް ހަމައެއްގައި ކަންކަންނުވާނެކަމަށާއި އެހެން ނަމަވެސް ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ދޭން ޖެހޭނެކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.
މައުމޫނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މިނިވަން މެމްބަރުން ޕީޕީއެމާ މާލަސްތަކެއްނުވެ ގުޅިވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާކަމަށާއި އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައިވާކަމަށެވެ.
ރޭގެ ޖަލްސާގައި މައުމޫނު ވިދާޅުވީ ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެންފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި މީހުން ދައްކާހާ ވާހަކައެއް އަޑުއެހުމުގެ ބޭނުމެއްނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ