ނޯޓިސް ދިނީ އެއްބަސްވުމާ ހިލާފަށް: ޖީއެމްއާރު

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުން އުވާލުމުގެ ނޯޓިސް މިއަދު ދީފައި ވަނީ ކޮންސެޝަން އެގްރީމެންޓާ ހިލާފަށް ކަމަށް ޖީއެމްއާރުން ބުނެފި އެވެ. ޖީއެމްއާރުގެ ސީއީއޯ އެންޑްރޫ ހެރިސަން ސޮއިކުރައްވައި ކުންފުނީގެ މުވައްޒަފުންނަށް ފޮނުއްވާފައިވާ ލިޔުމެއްގައި އޭނާ ވިދާޅުވެފައި ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ހަތް ދުވަހުގެ ނޯޓިސްއެއް ދީފައި ވާއިރު މިއަދުން ފެށިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ފިނޭންސް މިނިސްޓްރީ އެއާޕޯޓާ ހަވާލުވެފައިވާ ކަމަށް ނޯޓިސްގައި ބުނެފައިވާ ކަމަށެވެ. އަދި އެ ފަރާތާ ތަން ހަވާލުކުރުމަށް ކުރަންޖެހޭ ކަންތައް އެންމެ އެދެވޭ ގޮތެއްގައި ކުރުމަށް އެދިފައިވާ ކަމަށް އެންޑްރޫގެ އެމްޕްލޯއީ ކޮމިއުނިކޭޝަންގައިވެ އެވެ. ނަމަވެސް އެންޑްރޫ ވިދާޅުވެފައި ވަނީ ފިނޭންސުން ފޮނުވި ލިޔުމަކީ އެއްބަސްވުން އުވާލުމުގެ ލިޔުން ނޫން ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމަކީ ބާތިލް އެއްބަސްވުމެއް ކަމަށް ދިވެހި ސަރުކާރުން ބުންޏަސް އެކަން ޖީއެމްއާރުން ގަބޫލު ނުކުރާ ކަމަށާއި މި މައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް ޖީއެމްއާރުން މިހާރު އަޅަމުންދާ ކަމަށެވެ. އަދި ޖީއެމްއާރުން މި މަސައްކަތް ކުރާއިރު ކުންފުނީގެ ކޮންމެ މުވައްޒަފަކު ވެސް ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އެންމެ ރަނގަޅަށް މަސައްކަތްކުރުމަށާއި އެއްބަސްވުން އުވާލުމުގެ މައްސަލާގައި އެހެން މީހުންނާ ކުރިމަތިލުމަކަށް ދާންޖެހޭ ފަދަ އަމަލެއް ނުހިންގުމަށް ވެސް އިލްތިމާސްކުރައްވާފައިވެ އެވެ. އެއްބަސްވުމުގެ މައްސަލަ ޖެހިފައި އޮތަސް ކަސްޓަމަރުންނަށް ބަރާބަރަށް ހިދުމަތް ދެމުން ދާނެ ކަމަށާއި އެއްބަސްވުމާ އެހޯދއްގޮތަށް ހުރިހާ ކަމެއް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ވެސް އެންޑްރޫ ވިދާޅުވެފައިވެ އެވެ. ޖީއެމްއާރަށް 25 އަހަރަށް އެއާޕޯޓް ދީފައި ވާއިރު މިދިޔަ ދެ އަހަރު ތެރޭ ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށާއި ދެން އޮތް 23 އަހަރު ހޯދޭނެ ކުރިއެރުންތައް ވަޒަންކޮށްލުމަށް އެންޑްރޫގެ މެސެޖުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ