ރިޝްވަތު ނެގިކަމަށް އިރާނުންކުރާ ތުހުމަތުތައް ޑރ. ޝަހީދު ދޮގުކުރައްވައިފި

އދ. އިން އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބެއްލެވުމަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު އެމެރިކާއިން ރިޝްވަތު ނަންގަވާފައިވާ ކަމަށް އީރާނުން ބުނެފައިވާ ބުނުން ޝަހީދު ދޮގުކުރައްވައިފިއެވެ.
ޖެނީވާގައި ހުންނަވައިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވީ އީރާނުގެ ތުހުމަތު ތަކަކީ ދެކޮޅު ނުޖެހޭ، ތާކުންތާކުން ނުޖެހޭ ތުހުމަތު ތަކެއް ކަމަށެވެ. އަދި އީރާނުން މަސައްކަތް ކުރަމުން ގެންދަނީ އެމަނިކްފާނު ތައްޔާރު ކުރައްވާފައިވާ ރިޕޯޓާއި މެދު މީހުންގެ ސަމާލުކަން ކުޑަ ކުރަމުގެ ގޮތުން ކަމަށް ޝަހީދު ވިދާޅުވިއެވެ.
"އީރާނުން މަސައްކަތް ކުރަނީ އަޅުގަނޑުގެ ރިޕޯޓަށް ޖަވާބު ދާރީ ވުމުގެ ބަދަލުގައި އެ ރިޕޯޓާއި މެދު މީހުންގެ ސަމާލުކަން ކުޑަކުރުމަށް. ނަމަވެސް އީރާނުން ކަންތައް ކުރަމުން އަންނަ ގޮތުން ރިޕޯޓާއި މެދު ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައި. މީ އާކަމެއް ނޫން. އދ. އިން އެބަތިބޭ ދިހަ ވަރަކަށް ގައުމަށް ރެޕަޓުއާއިން ކަނޑައަޅާފައި، އެ ގައުމުތަކުން ރެޕަޓުއާއިންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް މިފަދަ ކަންތައްތައް ކުރޭ،" ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ އީރާނާއި ގުޅޭގޮތުން އެމަނިކްފާން އެންމެ ފަހުން ތައްޔާރު ކުރެއްވި ރިޕޯޓް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ކުރިއަށް އޮތް ދެތިން ގަޑިއިރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ ރިޕޯޓާއި މެދު ހިއުމަން ރައިޓްސް ކައުންސިލްގައި މިއަދު ބަހުސް ކުރައްވާނެ ކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.
އީރާނުގެ ހައި ކައުންސިލް ފޯ ހިއުމަން ރައިޓްސްގެ ސެކްރެޓަރީ ޖެނަރަލް މުހަންމަދު ޖަވާދު ލަރިޖާނީ މީޑިއާގައި ވިދާޅުވެފައިވަނީ އެމެރިކާއިން ޑރ. ޝަހީދަށް ދީފައިވާ ފައިސާގެ ސަބަބުން، ރެޕަޓުއާ ހައްދަވާ ރިޕޯޓްތަކުގައި އީރާނާއި އެއްކޮޅަށް އެއްޗެއް ނުލިޔެވޭ ކަމަށެވެ. އަދި ޑރ. ޝަހީދު ބައިނަލް އަގްވާމީ ގާނޫނުތަކާއި ހިލާފުވެފައިވާ ކަމުގެ ހެކި އދ. އަށް ހުށަހަޅާފައިވާ ކަމަށްވެސް ލަރިޒާނީ ވިދާޅުވެފައި ވެއެވެ.
"ރެޕަޓުއާ އަކަށް އޭނާ އާ ހަވާލުވެފައިވާ ގައުމާއި ދެކޮޅުވެރިއެއް ނުވެވޭނެ. ސެލެބްރިޓީއެއް ފަދައިން ހުނޅަގުގެ ޓީވީތަކަށް އަރައި އެމެރިކާ އާއި އިޒްރާއީލުން އީރާނާއި ދެކޮޅަށް ދައްކާ ވާހަކަތައް ޑރ. ޝަހީދު ގެންދަވަނީ ތަކުރާރު ކުރައްވަމުން،" ލަރިޒާނީ ވިދާޅުވިކަމަށް އެސޯސިއޭޓް ޕްރެސް (އޭޕީ)ގައި ބުނެފައި ވެއެވެ.
އީރާނުން 2011 ވަނަ އަހަރު ވަނީ ޑރ. ޝަހީދު އެ ގައުމަށް އެރުން މަނާ ކޮށްފައެވެ. އެހެން ކަމުން ޑރ. ޝަހީދު އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ގުޅޭގޮތުން ހައްދަވާފައިވާ ހަތަރު ރިޕޯޓުވެސް ހެއްދެވީ ސްވިޒްލޭންޑުގެ ޖެނީވާގައި ހުންނަވައިގެންނެވެ. ރިޕޯޓްތަކުގައި މައިގަނޑު ގޮތެއްގައި ޑރ. ޝަހީދު ފާހަގަ ކުރައްވާފައިވަނީ އީރާނުގައި މަރުގެ އަދަބު ތަންފީޒުކުރުން އިތުރުވަމުން އަންނަ މައްސަލަ އާއި ނޫސްވެރިން ގިނަ އަދަދަކަށް ހައްޔަރުކޮށް ޖަލަށް ލާފައިވާ މައްސަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ