ޕްރައިމަރީގައި ވާދަ ކުރުމާއިމެދު މާކުރިންވަނީ ގޮތެއް ނިންމާފައި: ރައީސް މައުމޫނު

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމައި މެދު މާކުރިން ވެސް ގޮތެއް ނިންމަވާފައިވާ ކަމަށް އެޕާޓީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ސީއެންއެމުން މިރޭ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ މާކުރިން ވެސް ޕްރިައިމަރީގައި ވާދަ ކުރުމާމެދު ގޮތެއް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އަދި އިއުލާނު ނުކުރައްވާ މަޑު ކުރައްވަނީ އެކަމުގެ ވަގުތު ނުޖެހޭތީ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޕްރައިމަރީގެ ކަންތައްތައް އިއުލާނު ކުރެވޭނެ ކަމަށާއި ޕްރައިމަރީގެ ޓައިމްލައިންތައް ވަރަށް އަވަހަށް ކައުންސިލުން ކަނޑައަޅާނެ ކަމަށެވެ.
ނިމިދިޔަ ޕީޕީއެމްގެ ކޮންގްރެސްގައި ޕްރައިމަރީ ބާއްވާނެ އުސޫލުތަކާއި ގަވައިދުތައްވަނީ އެކުލަވާލާފައެވެ.
ޕްރައިމަރީގައި ވާދަ ކުރެއްވުމާ މެދު ގޮތެއް ނިންމަވާފައިވާ ކަމަށް ރައީސް މައުމޫނު މިރޭ ވިދާޅުވި އިރު މީގެ ކުރިން އެމަނިކުފާނު ވިދާޅުވެފައިވަނީ އެކަމާމެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށާއި ވަގުތު ޖެހުމުން އެކަމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރެއްވުމާމެދު ގޮތެއް ނިންމަވާފައިވާ ކަމަށް ރައީސް ވަހީދު ވިދާޅުވެފައިވާ އިރު ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އަބުދުﷲ ޔާމީނާއި އުމަރު ނަސީރުވަނީ އިއުލާނު ކުރައްވާފައެވެ.
ރައީސް މައުމޫނު ވާދަ ކުރައްވާ ނަމަ ނަން އަނބުރާ ގެންދަވާނެ ކަމަށް އުމަރު ނަސީރުވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ