ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި ފުލުހުންގެ ދައުރަކީ ކޮބައިކަން ސާފުކުރަން އެދިއްޖެ

ސެޕްޓެމްބަރު ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރި ހުކުމުގައިވާ ގައިޑްލައިނާ ހިލާފަށް އިންތިހާބު ނުބޭއްވުމަށް އަމުރުކޮށްފައި ވާތީ، އެ ގައިޑްލައިންގައި ފުލުހުންގެ ދައުރަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެޓާނީ ޖެނެރަލާއި ސުޕްރީމް ކޯޓުގައި ފުލުހުން މިއަދު އެދިއްޖެ އެވެ. ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައިޑްލައިނަށް އަމަލުކުރަން ޖެހޭ ކަމަށް ކޮށްފައިވާ އަމުރާ ގުޅިގެން ފުލުހުންގެ ދައުރު ސާފުކޮށްދިނުމަށް އެދި އެ ދެ މުއައްސަސާ އަށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އެ ސިޓީގެ ތަފްސީލް ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ މުއައްސަސާތަކަށް ކޮށްފައިވާ އަމުރާ ގުޅިގެން ފުލުހުން އެދުނީ ގައިޑްލައިންގައިވާ ކަންތައްތަކުގެ ތެރެއިން އެ މުއައްސަސާ އިން ކުރަން ޖެހޭ ކަންތައްތަކާއި ދައުރު މިހާރަށް ވުރެ ބޮޑަށް ސާފުކޮށްދިނުމަށް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މި މަހު 19 ގައި އިންތިހާބު ބާއްވަން އުޅުނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ހިލާފަށް ކަމަށް ބުނެ އިންތިހާބުގެ ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދޭން ފުލުހުން ދެކޮޅު ހެދުމުން އިންތިހާބު ބޭއްވޭ ގޮތެއް ނުވި އެވެ. އޭގެ ފަހުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ސޮއިކުރައްވައި ނެރުއްވި އަމުރުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާ ތާރީހުތަކުގައި އިންތިހާބު ބޭއްވިފައި ނެތުމަކީ އެ ހުކުމްގައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫން ގޮތަކަށް އެ އިންތިހާބު ބޭއްވުމަށް ގާނޫނީ ގޮތުން ހުއްދަ ކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުން ރައްޔިތުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބޭ އެންމެންނަށް މިނިވަންކަމާ އެކު އަދި އެއްވެސް ބާވަތެއްގެ ހުރަހެއް އެޅުމަކާ ނުލައި، އެ ހައްގު ބޭނުންކުރެވޭނެ އިންތިޚާބަކަށް ހެދުމަކީ އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ