ވެރިކަމަށް ދެން ގެންނަންޖެހޭނީ ރާއްޖެތެރޭގެ މީހެއް: ގާސިމް

މިހާތަނަށް ރާއްޖޭގެ ވެރިކަމަށް ކުފޫ ހަމަވަނީ މާލޭގެ މީހުން އެކަނި ކަމަށާއި އެކަން ބަދަލުކޮށް، ރާއްޖެތެރޭގެ މީހަކު މި އަހަރު ވެރިކަމަށް ގެންނަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ބާއްވާ ޖޭޕީގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މިހާތަނަށް ރާއްޖެތެރޭގެ "ރަށްރަށަށް އެއްވެސް ކަހަލަ އަޅާލުމެއް ދެވިފައި ނެތް" ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. ރާއްޖެތެރެއަށް އަޅާލެވުނުނަމަ ހދ. ކުޅުދުއްފުއްޓާއި ސ. ހިތަދޫ ހޮސްޕިޓަލް އާދައިގެން ފެންވަރެއްގައި މިހާރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"[ރާއްޖެތެރެއަށް އަޅާލެވުނު ނަމަ] މިއަދު އެހާލުގައި މި ގައުމު އޮންނާކަށް ނުޖެހޭނެ،" ގާސިމް ރިޔާސީ ކެމްޕޭން ޖަގަހައިގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވި އެވެ.
މާމިގިއްޔަށް އުފަން އަދި މިހާރު މާލޭގެ ރައްވެއްސެއްގެ ގޮތުގައި ހުންނެވި ގާސިމް ވިދާޅުވީ ރާއްޖެތެރޭގެ ނިކަމެތި ރައްޔިތުންގެ ހާލު އެނގޭނީ ރާއްޖެތެރެއިން އަންނަ މީހަކަށް ކަމަށާއި އެ ދަތި ހާލު ވަޒަން ކުރެވޭނީ ވެސް އެކަން ތަޖުރިބާކޮށްފައި ހުރި މީހަކަށް ކަމަށެވެ.
"ތަރައްގީ ގައިމު" ޝިއާރުގެ ދަށުން މި އަހަރުގެ ރިޔާސީ ކެމްޕޭން ފައްޓަވާފައިވާ ގާސިމް މިރޭ ވެސް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި އޭ ލެވެލް އިމްތިހާނުން ފަސް މާއްދާއިން ފާސްވާ ކޮންމެ ކުއްޖަކަށް ޑިގްރީ އަށް ކިޔެވޭނެ ގޮތް ތަނަވަސްކުރައްވާނެ ކަމާއި ހުރިހާ ރަށެއްގައި ޕްރީ ސްކޫލް ވެސް ގާއިމުކޮށްދެއްވާނެ ކަމުގެ ވައުދު އޭނާވި އެވެ. އަދި ކުޅުދުއްފުއްޓާއި ހިތަދޫ ހޮސްޕިޓަލް މާލޭގެ ފެންވަރަށް ގެންގޮސްދޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެކަންކަން ވެރިކަމުގެ ފުރަތަމަ އަހަރު ނިންމައި، ދެ ވަނަ އަހަރު ހުރިހާ ރަށެއްގައި ފެންހޮޅި އަޅައިދޭނެ ކަމުގެ ވައުދު ވެސް ގާސިމް ވަނީ މިރޭ ވެފަ އެވެ.
"މިއީ ތޯތޯ ވާހަކައެއް ނޫން އިނގޭތޯ. މާތް ﷲ ވާގިފުޅާއެކު އަޅުގަނޑުމެން އެކަން ކުރާނަން" ގާސިމް ވިދާޅުވި އެވެ.
އަދި އޭނާ ވިދާޅުވީ ގްރޭޑް އަށަކުން މަތީގެ ކޮންމެ ދަރިވަރަކަށް ލެޕްޓޮޕެއް ދެއްވާނެ ކަމަށާއި އެކަމަށް ދައުލަތުގައި ފައިސާ ނެތްނަމަ އަމިއްލަ ހަރަދުގައި ވެސް ކޮށްދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ