މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓު ލީ މީހުންގެ ލިސްޓާއި ނަތީޖާ ޝީޓް ހޯދުމަށް ޖުމްހޫރީ ޕާޓީ )ޖޭޕީ(ން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމުން އަލުން އިސްލާހުކޮށް މިއަދު ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮޅުވާލާފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ވޯޓު ލީ މީހުންގެ ލިސްޓާއި ނަތީޖާ ޝީޓް ހޯދުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
ހައި ކޯޓުން އިއްޔެ އެ މައްސަލަ ބަލައިނުގަތީ އެއީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 64 ވަނަ މާއްދާގައި ބުނާ ހާލަތްތަކުގެ ތެރެއިން ހާލަތަށް ނުފެތޭ މައްސަލައެއް ކަމަށްވާތީ އެވެ. ނަމަވެސް މިއަދު ހުށަހެޅި މައްސަލަ ބަލައިގެންފައިވާ ކަން އެ ކޯޓުން ކަށަވަރުކޮށްދިނެވެ.
ޖޭޕީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ހަލީމް ވިދާޅުވީ އެ މައްސަލަ އިއްޔެ ބަލައިނުގަތީ ބައެއް ލިޔުންތައް މަދުވުމުން ކަމަށާއި ނަމަވެސް މިއަދު މައްސަލަ ހުށަހެޅީ އެ ލިޔުންތައް ހަމަކޮށްފައި ކަމަށެވެ.
އިންތިޚާބުތަކާ ބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބާ ބެހޭ މައްސަލަތައް ފުރަތަމަ މަރުހަލާއިން ބަލާނީ ހައި ކޯޓުންނެވެ.
ޖޭޕީން ބުނަމުންދަނީ އިންތިޚާބުގައި އޮޅުވާލާފައިވާ ކަމަށާއި މަރުވެފައި ތިބި މީހުންނާއި ބިދޭސީން ވެސް ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި އޮތް ކަމަށެވެ. އެހެންކަމުން އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރާނެ ކަމަށް އެ ޕާޓީން ދަނީ ބުނަމުންނެވެ.
ޖޭޕީން އަލުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ