ޖަލަށްލާން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: އުމަރު

ތިން ސަަރުކާރަކުން އޭނާ ޖަލަށްލެވޭތޯ މަސައްކަތް ކޮށްފައިވާ ކަމަށާ ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ "ރައީސް ޔާމީނަށް ފަހު އުމަރު ނަސީރުވެސް ޖަލަށްލާން ޖެހޭ" ކަމަށް ވިދާޅުވެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ދެއްކެވި ވާހަކަތަކަކަށް އިޝާރާތް ކުރައްވައެވެ. ދޮންބިލެތް މި މޭރުމުން ވާހަކަ ދެއްކެވީ މިިދިޔަ އަހަރު ޓީވީ ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެންނެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވީ ދޮންބިލެތް އެ ވާހަކަ ދެއްކެވީ މީގެ އެއް އަހަރު ދުވަސް ކުރީން ކަމަށެވެ. އަދި މިއަދު އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވާކަން ފާހަގަ ކުރެއްވިއެވެ. އުމަރު ވިދާޅުވީ މިއީ އޭނާ ޖަލަށް ލެވޭތޯ މަަސައްކަތް ކުރާ ތިންވަނަ ސަރުކާރު ކަމަށެވެ.
"އަޅުގަޑު ޖަލަށް ލެވޭތޯ މަސައްކަތްކުރާ މިއީ ތިން ވަނަ ސަރުކާރު. އިރާދަކުރެއްވިއްޔާ އަދި އެއްވެސް ބަޔަކަށް ކާމިޔާބެއް ނުވޭ. އަދި ނުވެސްވާނެ،" އުމަރު ވިދާޅުވިއެވެ.
އުމަރުގެ މައްޗަށް ދައުވާކޮށްދޭން އެދުނީ 2015 ވަނަ އަހަރު ތެރޭގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އުމަރު ނަސީރުއާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަަހު ކަމަށެވެ. އުމަރުގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތަފްސީލު ދެމުން އޭސީސީން ބުނީ އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ހިދުމަތްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކޮށްފައިވާ އިއުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް އަމަލުކުރަމުންދާ އުސޫލުގެ ބޭރުން މިނިސްޓަރު އުމަރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުން ކަމަށެވެ.
އެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހަތަރު މީހުންނަކީ ވެސް އުމަރާ ގާތްގުޅުން އޮންނަ މީހުން ކަމަށާ އޭގެތެރެއިން ދެ ހިއްސާދާރުންނަކީ އުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދުވާ ގޮތުން އެއީ އުމަރުގެ ކްލޯޒް އެސޯސިއޭޓުން ކަމަށެވެ.
".. އެހެންކަމުން ސްޓެލްވާޓަކީ އުމަރު ނަސީރުއާ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެކެވެ. އެހެންނަ މަވެސް ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު ނަސީރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއާގެ ގޮތުގައި އުމަރު ނަސީރު ބައިވެރިވެފައިވެއެވެ،" އޭސީސީގެ ބަޔާނުގައިވެއެވެ.
ސްޓެލްވާޓުން ޓްރައަލް ޕީރިއަޑްގައި ބޭނުންކޮށްފައިވާ ޓެގާއި އެއާ ގުޅޭ އިލެކްޓްރޯނިކް ސާމާނަކީ މި ހިދުމަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ތަކެތި ކަމަށް ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފައި ވީނަމަވެސް މި މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމަށް އެ ކޮމެޓީން ނިންމާފައި ނުވާ ކަމަށާ އެ ތަކެތި ގަތުމާއި ހިދުމަތް ހޯދުމަށް މަސައްކަތާ ހަވާލުވާނެ ބަޔަކު ކަނޑައަޅަންވާނީ އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލާއިރު އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށް އޭރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދު ބުނާއިރު މި މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމެޓީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
އޭގެ އިތުރުން ސްޓެލްވާޓުން ބިޑު ހުށަހެޅިއިރު ބިޑުގައި އެޑްވާންސްގެ ގޮތުގައި ބޭނުންވާނެކަމަށް ބަޔާންކޮށްފައިވާ 500,000 ރުފިޔާ ސްޓެލްވާޓަށް އެޑްވާންސްގެ ގޮތުގައި ދިނުމުގެ ހުއްދައަށް އެދިފައި ވަނީ އަދި އެ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ އެ ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށް ކަމާއި އަދި އެ ކުންފުނިން ލޯނު ނަގަންޖެހޭތީކަން އޭސީސީގެ ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ބުންޏެވެ.
".. އެހެންކަމުން މި މަސައްކަތް ސްޓެލްވާޓާ ހަވާލުކޮށްފައިވަނީ އޭރުގެ މިނިސްޓަރު އޮފް ހޯމްއެފެއާޒް އުމަރު ނަސީރު އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލެވާޓް އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަން މި މައްސަލައިގެ ތަހުގީގުން އެނގެއެވެ،" އުމަރުގެ މައްޗަށް ދައުވާކޮށްދޭން އެދުނު ސަބަބުތައް ސާފުކޮށްދީ އޭސީސީން ބުންޏެވެ.
ނަމަވެސް އުމަރު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އުމަރު ވިދާޅުވީ އިލެކްޓްރޯނިކް-ޓެގް ގެ ޕްރޮޖެކްޓް މިނިސްޓްރީން ހަވާލު ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އާއި އެއްގޮތްވާގޮތުގެ މަތިން އާންމުކޮށް އިއުލާން ކޮށްގެން ހުޅުވާލެވިފައިވާ ބިޑެއްގައި އެންމެ ކުޑަ އަގުހުށަހެޅި ފަރާތަށް ކަަމަށެވެ.
އުމަރު ވަނީ އެ ތުހުމަތުތަކާއި ގުޅިގެން ޕީޖީން ގޮތް ނިންމަންދެން 90 ދުވަހަށް އޭނާގެ ރިޔާސީ ކެންޕެއިންވެސް މެދުކަނޑާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ