ޖިންސީ ގޯނާކުރި މައްސަލައިގައި ފާމަސީ އެސިސްޓެންޓް ހައްޔަރުކޮށްފި

މާލޭގެ ފާމަސީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ ފާމަސީގެ އެސިސްޓެންޓް މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފާމަސީއަކަށް ދިޔަ މީހަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ 50 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޖިންސީ ގޯނާއާ ކުރިމަތިވި ކަމަށް ބުނާ އަންހެެން މީހާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ބޭސް ފިހާރައިގައި ހުއްޓައި، ފާމަސީ އެސިސްޓެންޓް ވަނީ އެ އަންހެން މީހާގެ ޖިންސީ ގުނަވަނެއްގައި އަތްލައިފަ އެވެ. ތުހުމަތުކުރާ މީހާ އަކީ އެތަނުގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތެއް ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ ފަދަ މައްސަަލަތައް ރިޕޯޓްކުރަން ބާރު އަޅައި ޖެންޑާ މިނިސްޓްރީން ވަނީ ދާދިފަހުން ކެމްޕޭނެއް ވެސް ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ