ކަރަންޓު ބިލް ބޮޑުވުމުގައި ސްޓެލްކޯގެ މައްސަލައެއް ނެތް: މިނިސްޓްރީ

ކަރަންޓު ބިލް ބޮޑުވުމުގައި ސްޓެލްކޯގެ މައްސަލައެއް ނެތް ނެތް ކަމަށް އެ އިދާރާގެ ބެލެނިވެރި ވުޒާރާކަމަށްވާ އެންވައިރޮމެންޓް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
މިއަދު އެންވައިރޮމެންޓް މިނިސްޓްރީގައި ކަރަންޓުގެ އަގާއި މެދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި، އެންވައިރޮމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ ކަރަންޓް ބިލް ބޮޑުވުމުގައި ސްޓެލްކޯގެ އިހުމާލެއް އޮތްތޯ އެ ވުޒާރާއިން ބަލާފައިވާނެ ކަމަށާއި، އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އަދި ކަރަންޓް އިގްތިސާދު ކުރެވޭނެ މަގު ފަހިކުރުމަށް ކުރިއަށް އޮތްތާ ޕްލޭންކޮށްގެން މިނިސްޓްރީގެ އިސްނެގުމާއި އެކު އިތުރު މަސައްކަތްތައް ކުރަން ނިންމާފައިވާކަން އެނާ ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެން ބެލި އިރު ސްޓޭލްކޯ އަށް ގޮސް ސްޓެލްކޯގެ ބޭފުޅުންނާއި އެއްކޮށް ބަލައިފިން. ބެލި އިރުގައި އަޅުގަނޑުމެންނަށް ފާހަގައެއް ނުކުރެވުނު ބޭނުން ނުކުރާ ޔުނިޓަކަށް އެ ބޭފުޅުން ބިިލްކޮށްފައި އޮތްކަމަކަށް. ގިނައިން ކަރަންޓް ބޭނުން ކުރެވުނީމަ މިއޮތީ ބިލް ބޮޑުވެފަ. ފާހަގަކުރައްވައިފި އެއްވަރަކަށޭ މީހުން ތިބީ އެއްވަރަކަށޭ ތަކެތި ބޭނުން ކުރީ. އެކަމަކު މި ވާގޮތަކީ 2،3،4 ފެކްޓަރ އެއް އެބަ އުޅޭ ކަރަންޓް ބޭނުން ކުރެވޭ މިންވަރު އިތުރުވާ." އޭނާ ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ ކަރަންޓް ބިލް ބޮޑުވާ ސަބަބުތަކުގެ ތެރޭގައި ހޫނު ގަދަވުމާއި، ރޯދަމަސް އައުމުގެ އިތުރުން ގިނަ ވަގުތު މީހުން ގޭގައި ދިރިއުޅުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޓެލްކޯގެ ޑިރެކްޓަރ ޖެނެރަލް މެނޭޖަރ ހުސެއިން ފަހުމީ ވަނީ 700 އެއްހާ ގޭބިސީއަށް ޒިޔާރަތްކޮށްގެން ކަރަންޓް ބިލް ބޮޑުވި ސަބަބު ހޯދަން އެ އިދާރާއިންވެސް މަސައްކަތް ކުރިކަން ހާމަކުރައްވާފައެވެ. އެގޮތުން ކުރި މަސައްކަތުން ސްޓެލްކޯގެ މައްސަލައެއްގެ ސަބަބުން ބިލް ބޮޑުވެފައި ނުވާކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ، އަބަދު ކަރަންޓު ބިލްތައް 40% އަށް ސަބްސިޑައިޒްކުރުމަކީ ދައުލަތަށް ވެސް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
"މި ފަހަރުވެސް ޖޫން މަހުގެ ބިލް ބޮޑުވުމާއި ގުޅިގެން އަޅުގަނޑުމެން މިނިވަން ކޮމިޓީއެއް އުފައްދާ، މެނޭޖްމެންޓްގެ ފަރާތުން ކޮމިޓީ އެކުލަވާލެއްވީ. އެ ރިޕޯޓް ހިއްސާކޮށްފަވާނީ މިހާރު މިނިސްޓްރީ އާއިވެސް. އެ ރިޕޯޓްގައި ނެތް އަޅުގަނޑުމެންގެ ވިލިން ޕްރޮސެސްގައި މަލްފަންގްޝަން ނުވަތަ އެކަހަލަ އެއްވެސް ޕްރެކްޓިސްއެއް ގޯސްގޮތަކަށް ހިނގާކަމަކަށް. އަޅުގަނޑުމެން އަބަދުވެސް ބިލްކުރަމުން މިދަނީ މީޓަރަށް އަރާވަރަށް، މީޓަރު ހިނގާ މިނަކުން." އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯގެ އެ ވާހަކަތަކަށް ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ އަހުމަދު ނަޖާހު ވަނީ ތާއީދު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ކަރަންޓް ބިލް ބޮޑުވަނީ އާއްމުންނަށް ދޭން ޖެހެ ވަރަށް ސަމާލުކަން ނުުދެވުމުން ކަމަށެވެ. ކޮންމެ އަހަރެއްގެ ވެސް ޖޫން މަހަކީ ހޫނު މޫސުން ކަމަށް ވުމުން ކަރަންޓް ބިލް ބޮޑުވާ ކަމަށާއި، މި އަހަރު އެ ޝަކުވާ ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ޝަކުވާ ނައީ، އެޕްރިލް، މޭއި ޖޫން މި ތިން މަހު ސަރުކާރުން ވަނީ ކަރަންޓަށް 40 ޕަރސަންޓްގެ ޑިސްކައުންޓެއް ދީފަ. އެހެންވީމަ، ކަރަންޓް ބިލުން ކޮންމެ އަހަރެއްގައި މަތިވުމުގެ ގޮތުން ލިބޭ އަދަދަށް ވުރެ ބޮޑު އަދަދެއް ޑިސްކައުންޓްގެ ގޮތުގައި ލިބުނީމަ އަސްލު ޝަކުވާއެއް ނާދޭ. އެކަމު ބޭނުން ކުރި އަދަދު ހަމަ ބޮޑު." އޭނާ ވިދާޅުވިއެވެ.
އެނަރޖީ އޮތޯރީޓީގެ ފަރާތުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެ އޮތޯރިޓީގެ ޑިރެކްޓަރ، މުއާވިޔަތު ޝަރީފް ވަނީ ކަަރަންޓް ބިލް ބޮޑުވާން ދިމާވާ ބައެއް ސަބަބުތަކަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ގޭގައި ތިބެން ޖެހުމުން ބިލު ބޮޑުވިކަން އޭނާ ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ކަރަންޓު ބިލް ކުޑަ ކުރަން ކުރެވިދާނެ ބައެއް ކަންކަމަށް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ. އައިސް އަލަމާރި ފަދަ އެއްޗެހި އަވަސް އަވަހަށް ހުޅުވާފަ ލެއްޕުމުންނާއި، ޓީވީ އާއި ޗާޖަރު ފަދަ ތަކެތި ސްޓޭންޑް ބައިގައި ހުރުމުން ކަރަންޓް ބިލް ބޮޑުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އޭސީ ދަށްވެގެން މިހުންނަނީ ދަށްވެގެން 21 ޑިގްރީ 22 ޑިގްރީގައި ބަހައްޓަވާފަ. އޭގެ ބަދަލުގައި 25 ޑިގްރީގައި ބެހެއްޓީމަ ރާއްޖޭގެ ކްލައިމެޓްގައި އަރާމު ޓެމްޕަރޭޗަރ އެއް މި ހުންނަނީ. އޭގަ ހަނދާންކޮށްލަން ޖެހޭ ކަމަކީ، ޓެމްޕަރޭޗަރ ދަށްކޮށްލާ ކޮންމެ ޑިގްރީއަކަށް އެއަރކޮންޑިޝަނާ އިން ބޭނުން ކުރާ ކަރަންޓު 7 ޕަސެންޓު މައްޗަށް ޖެހޭ." އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ތިން މަސް ދުވަހު ކަރަންޓް ބިލްތަކަށް ޑިސްކައުންޓް ދިނުމަށް ފަހު ކުރިން ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ ކަރަންޓް ބިލަށް ޑިސްކައުންޓް ނުދޭށެވެ. ނަމަވެސް ކަރަންޓް ބިލް ބޮޑުވެ އާއްމުންގެ ޝަކުވާ އިތުރު ވުމުން މިހާރު ހަމަޖައްސާފައި ވަނީ މިދިޔަ މަހުގެ ކަރަންޓް ބިލަށް ވެސް 40 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ