މެޖިސްޓްރޭޓް ކޯޓު ތަކުގެ މެޖިސްޓްރޭޓުން މައްސަލަތަކުން ތަނާޒުލްވުމާއި ގުޅިގެން އެމައްސަލަތައް ބެލުމަށް މެޖިސްޓްރޭޓަކު ހަމަޖައްސައިދިނުން އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބައެއް ކޯޓު ތަކުން ލިޔަމުންދާތީ އެކަން ހުއްޓާލުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ސުޕްރީމް ކޯޓުން މިކަން އަންގާފައިވަނީ އާންމު ސިޓީއެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވާ މިމަހުގެ ހަތަރުވަނަ ދުވަހު އާންމުކުރައްވާފައިވާ ސިޓީއެއްގަ އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމެވީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ދަށުން އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓް ކަމަށްވާތީ ކަމަށް ސިޓީގައިވެ އެވެ. އަދި ސުޕްރީމް ކޯޓުން 10 އޮގަސްޓް 2011 ގައި ނެރުއްވި ސާކިއުލާ އެއްގައި އެކިއެކި ސަބަބުތަކާ ހުރެ ފަނޑިޔާރުން ތަނާޒުލްވުމާ ބެހޭ ގަވައިދުތަކާއި އެފަދަ މައްސަލަތައް ބަލާނެ ފަރާތެއް ހަމަޖައްސާނެ އުސޫލެއް ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމުގައި ކަނޑައަޅާފައި ވުމަކީ ވެސް ސުޕްރީމް ކޯޓުން މިގޮތަށް އަންގަންޖެހުނު ސަބަބެއް ކަމަށް ސިޓީގައިވެ އެވެ.
"މައްސަލަ ބަލަމުންދާ މެޖިސްޓްރޭޓަކު މައްސަލައަކުން ތަނާޒުލްވެއްޖެނަމަ އެ މައްސަލައެއް ބެލުމަށް މެޖިސްޓްރޭޓަކު ހަމަޖެއްސުމަށް ލިޔާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމުގައި ދަންނަވަމެވެ،" އުއްތަމަ ފަނޑިޔާރުގެ ސިޓީގައިވެ އެވެ.
މި ސިޓީގައި އިޝާރާތްކުރައްވާފައިވާ ސުޕްރީމް ކޯޓުގެ ސާކިއުލާގެ ހަވަނަ ނަންބަރުގައި ބުނެފައިވަނީ އެކިއެކި ސަބަބުތަކާ ހުރެ ފަނޑިޔާރުން ތަނާޒުލްވުމާ ބެހޭ ގަވައިދުތަކާ އެފަދަ މައްސަލަތައް ބަލާނެ ފަރާތެއް ހަމަޖައްސާނެ އުސޫލެއް ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމުގަ އެވެ.
ދިވެހިރާއްޖޭގެ ކޯޓު ތަކުގެ ގާނޫނުގެ 62 ވަނަ މާއްދާގައިވާ ގޮތުން މެޖިސްޓްރޭޓް ކޯޓް ތަކަކީ މި ގާނޫނަށް އަމަލުކުރުމުގެ ކުރިން ރަށު ކޯޓު ތަކުގެ ގޮތުގައި ހިނގަމުން އައި ކޯޓުތަކެވެ.
މެޖިސްޓްރޭޓުން ތަނާޒުލްވުމުން ސުޕްރީމް ކޯޓަށް ލިޔަން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ