2018 ގައިވެސް އެމްޑީއޭ އޮންނާނީ ރައީސް ޔާމީން އާއެކު ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.
މިރޭ ވަގުތު އާއި ވާހަކަ ދައްކަވަމުން މައުރޫފު ވިދާޅވީ 2013 ވަނަ އަހަރު އެމްޑީއޭ އިން ރައީސް ޔާމީން އަށް ތާއީދު ކުރަން ނިންމީ އެމަނިކުފާނުގެ ސިޔާސަތުތަކަށް ތާއީދުކޮށް އެމަނިކުފާނާއެކު ކުރިއަށްދާން އެމްޑީއޭގެ ކައުންސިލަށް ފެންނާތީ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ރައީސް ޔާމީންގެ ސަރުކާރާއެކު ސާބިތުކަމާއެކު ދެމިއޮންނާނެކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ދެއަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަން މައުރޫފު ފާހަގަ ކުރެއްވިއެވެ.
"އުމްރާނީ ގޮތުންނާއި، ސިއްހީ އަދި ތައުލީމީ ދާއިރާއަށް ދުވަހަކުވެސް ނާންނަ ވަރުގެ ކުރިއެރުންތައް މި ދެއަހަރާ ބައިގެ ތެރޭ އައިސްފި" މައުރޫފު ވިދާޅުވީ ދިވެހިރާއްޖެއަށް ލާބަ އާއި މަންފާ އަންނާނެ ކޮންމެ ކަމެއްގައިވެސް އެމްޑީއޭގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ދެމުން ގެންދާނެކަމަށެވެ. "ރާއްޖެ އަށް ސުލްހަ އާއި އަމާންކަން ގެނައުމަށް 2018 ގައިވެސް ރައީސް ޔާމީން އާއެކު އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އިންތިޚާބު ކާމިޔާބު ކުރާނަން". ރާއްޖޭގެ ސިޔާސީ މަސްރަހަށް އަލިއާޅުއްވާ ލައްވާ މައުރޫފު ވިދާޅުވީ ރާއްޖެ އަށާއި ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ ހުރިހާ ކަމެއްގައިވެސް އެއްބާލުން ދޭނެ ކަމަށާއި، ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ރައީސް ޔާމީންގެ ހިކުމަތްތެރިކަން ފެންނަމުންދާނެ ކަމަށެވެ. "ރައީސް ޔާމީން އަކީ ވަރަށް ހިކުމަތްތެރި ބޭފުޅެއް. މިއަށްވުރެ ބޮޑެތި ކަންތައްވެސް ރައީސް ޔާމީންގެ ވެރިކަމުގަ ވަނީ ހިނގާފަ. އެމަނިކުފާނު ވަނީ ހިކުމަތްތެރިކަމާއެކު އެކަންތައްވެސް ހައްލު ކުރައްވާފަ. މިކަންތައްވެސް އެމަނިކުފާނު ހައްލު ކުރައްވާނެ"
އެމްޑީއޭގެ ބޮޑު މެޖޯރިޓީ އެއް އޮންނަ ނ އަތޮޅާއި ދ އަތޮޅު އަދި ހއ އަތޮޅަށްވެސް މިގެ ކުރިން އައިސްފައިނުވާ ވަރުގެ ތަރައްޤީ މި ދެއަހަރާ ބައިގެ ތެރޭ އައިސްފިކަމަށް މައުރޫފު ވިދާޅުވިއެވެ. އަދި ޖުމްލަކޮށް ރާއްޖޭގެ އިޤްތިސާދަށާއި، އުމްރާނީ ތަރައްޤީވެސް މި ސަރުކާރުގެ ދެއަހަރާ ބައިގެ ތެރޭ ކުރިއަށް ގޮސްފައިވަނީ މީގެ ކުރިން ކުރިއަށް ނުދާހާ ހަލުވި މިނެއްގައި ކަން މައުރޫފު ފާހަގަ ކުރެއްވިއެވެ.
2018 ގައިވެސް އެމްޑީއޭ އޮންނާނީ ރައީސް ޔާމީން އާއެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ