ކަރަންޓް ކެނޑޭ މައްސަލަ ކުޑަކުރުމަށް މަތީ ކަރަންޓް ނަގާ އެއްޗެހީގެ ބޭނުން ކުޑަ ކުރަންޖެހޭ: ސްޓެލްކޯ

މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ މުޅިން ހައްލުވާނީ ފޯތްޕަވާ ޕްރޮޖެކްޓްގެ މަޝްރޫއު ނިމުމުން ކަމަށާއި ކަރަންޓް ކެނޑޭ މައްސަލަ ކުޑަކުރުމަށް މިދުވަސްވަރު މަތީ ކަރަންޓް ނަގާ އެއްޗެހީގެ ބޭނުން ވީހާ ވެސް ކުޑަކުރަންޖެހޭ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިޝާ ޑރ. މުހައްމަދު ޒައިދު ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރު އާދަޔާހިލާފަށް ހޫނު ގަދަވެ ކަރަންޓް ބޭނުން ކުރަމުން އަންނަ މިންވަރު އިތުރުވާ ކަމަށާއި އިންޖީނުތަކަށް ލޯޑް ބޮޑުވެ މުޅި މާލޭއަށް ބޭނުންވާ މިންވަރަށް ކަރަންޓް އުފެއްދުމުގައި އެ ކުންފުންޏަށް ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ.
ަޒައިދު ވިދާޅުވީ ޖަނަރޭޓަރުތަކަށް އެންމެ ބާރުބޮޑުވަނީ ހެނދުނު 10:00 އިން މެންދުރު 12:30 އަށް އަދި މެންދުރު ފަހު 2:00 އިން ހަވީރު 4:00 ކަށް ކަމަށެވެ. އަދި މިވަގުތުތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރު ދަށް ނުކުރެވިއްޖެ ނަމަ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެޑުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ލޯޑް ކުޑަކުރުމަށްޓަކައި އެވަގުތު ތަކުގައި އެއާކޮންޑިޝަން ފަދަ މަތީ ކަރަންޓް ނަގާއެއްޗެހީގެ ބޭނުން ވީހާވެސް ކުޑަކުރުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ.
" މިހާލަތުގައި ވެސް ކަރަންޓް ބޭނުންކުރަމުން މި ދަނީ ސްޓެލްކޯގައި ހުރި ހުރިހާ ޖަނަރޭޓަރެއް އެއްފަހަރާ ޖައްސައިގެން. އެ އިންޖީނުތަކުގެ ތެރެއިން އެންމެ އިންޖީނެއް ވެސް ނިވިއްޖެ ނަމަ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑެން ދިމާވާނެ،" އޭނާ ވިދާޅުވި އެވެ.
ކަރަންޓްގެ މައްސަލަ މިހާބޮޑަށް ކުރިމަތިވެފައި ވަނީ ސްޓެލްކޯއާއި ޖަރުމަނާއި ޑެންމާކުންގެ ކުންފުންޏަކުން އުފައްދާފައިވާ ކޮންސޯޓިއަމް، "މޭން ސެމްކޯ" ފޯތް ޕަވާ ޕްރޮޖެކްޓްގެ މަސައްކަތް ނުފެށި ލަސްވެގެން ދިއުމާ ގުޅިގެން ކަމަށާއި އެޕްރޮޖެކްޓް ނުފެށި ލަސްވެގެން ދިޔައީ އެޕްރޮޖްޓް ހިންގުމަށް ސްޓެކޯގެ ފުރަގަހުން ދޫކޮށްފައިވާ ބިމަކީ ކުނިއަޅައިގެން ހިއްކާފައިވާ ސަރަހައްދަކަށް ވެފައި، އެސައިޓްގެ ޑިޒައިންކޮށްފައިވާ ގޮތުގެ މައްސަލަތަކެއް ކުރިމަތިވެގެން ކަމަށް ޒައިދު ވިދާޅުވި އެވެ.
ސްޓްލްކޯއިން މުޅި މާލެއަށް ކަރަންޓް ދިނުމަށްޓަކައި ޖުމްލަ 17 ޖެނެރޭޓަރު ބޭނުން ކުރަމުން އަންނައިރު އޭގެތެރެއިން މައި ހަތް ޖެނެރޭޓަރު ގާއިމްކޮށްފައި ހުންނަނީ ސްލްކޯގެ މައި އިންޖީނު ގޭގަ އެވެ.
ސްޓެލްކޯގެ ސީނިއާ އިންޖީނިއާ އިބްރާހިމް ނިޒާމް ވިދާޅުވީ ކޮންމެ އަހަރަކު ވެސް މާލެއަށް ކަރަންޓް ބޭނުން ކުރާ މިންވަރު 12 މެގެވޯޓް އިތުރުވެގެންދާ ކަމަށާއި ފޯތްޕަވާ ޕްރޮޖެކްޓް ނިމުމުން ސްޓެލްކޯއަށް 16 މެގަވޯޓް އިތުރަށް ލިބިގެންދާނެ ކަމަށެވެ. އަދި އެ 16 މެގަވޯޓު ދޭއް ނޫނީ ތިން އަހަރު ދުވަހުގެ ތެރޭގައި ބަދަލުކުރަން ޖެހޭ ކަމަށެެވެ.
" ގިނަ ވަގުތުތައް ސަތޭކަ ޕަސެންޓް ލޯޑްގަ ހުރިހާ ޖަނެރޭޓަރުތައް ވެސް މި ހިންގަނީ. ޖަނަރޭޓަރުގެ ކޮންޑިޝަނަށް ބަލާއިރު މިނެގެނީ 37 މެގަވޯޓް. އެކަމުގެ މާލޭގެ ޑިމާންޑް އުޅެނީ 41 މެގެވޯޓްގަ، އެހެންވެ މިދުވަސްވަރު ކަރަންޑް ބޭނުންކުރާ މިންވަރު ކުޑަކުރަން އެބަޖެހޭ ނޫނީ ކުޑަ ސަރަހައްދެއްގެ ބަދަލުގައި ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް،" ނިޒާމް ވިދާޅުވި އެވެ.
ސްޓެލްކޯގެ ފޯތްޕަވާ ޕްރޮޖެކްޓް ނިންމުމަށް ހަމަޖެހިފައި އޮތީ 2010 ވަނަ އަހަރު އެވެ.
މުޅި މާލެއަށް ބޭނުންވާ ކަރަންޓް އުފެއްދުމަށް ސްޓެލްކޯއިން ބަހައްޓާ އާ ދެ ޖެނެރޭޓަރު މިމަހުގެ 21 ގައި ޓެސްޓަށް ޖައްސާނެ ކަމަށާއި ސްޓެލްކޯއިން މާލެއަށް ކަރަންޓް ފޯރުކޮށްދޭ މައި ސިސްޓަމަށް އެ ދެ ޖެނެރޭޓަރު އަންނަ މަހު ގުޅާލުމުން ކަރަންޓް ކެނޑޭ މައްސަލަ މުޅިން ހައްލުވެގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ