މައުމޫން އާއި ގާސިމް އަށް ރައީސްކަމަށް ކުރިމަތިނުލެވޭ ފަދަ އިސްލާހެއް ހުށައަޅައިފި

އުމުރުން 65 އަހަރުވުމުން ރައީސްކަމުގެ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް މަޖިލީހަށް ފޮނުވައިފި އެވެ.
ގާނޫނު އަސާސީއަށް އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ.
މިއިސްލާހް ފާސްވެއްޖެނަމަ މިހާރު ސިޔާސީ ދާއިރާގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ރިޔާސީ އިންތިޙާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
2018 ވަނަ އަހަރު އަންނައިރު ރައީސް މައުމޫންއަށް 81 އަހަރުފުޅު ވާއިރު ގާސިމަށް 68 އަހަރުފުޅު ވާނެ އެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ)ގައި މިހާރު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ވުމުންނެވެ. ނަމަވެސް ރައީސްކަމަށް ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައެއް ނުވެ އެވެ.
މުހައްމަދު އިސްމާއީލް މިރޭ ވަގުތަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އޭނާ އިސްލާހު ހުށަހެޅުއްވީ ގާނުނު އަސާސީގައި ރައީސް ކަމުގެ މަގާމަށް ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ކަނޑައެޅުމަށް ކަަމަށާއި ގާނޫނު އަސާސީއަށް އެ އިސްލާހު ހުށަހެޅުއްވީ އެއީ އޭނާއަށް ފެންނަ އެންމެ ރަނގަޅު ގޮތް ކަމަށް ވާތީ ކަމަށެވެ.
އަދި ޒުވާނުން އެދެނީ ޒުވާނުންގެ ރައީސްއެއް ވެރިކަމުގައި ހުރުމަށް ކަމަށާއި ގާނޫނު އަސާސީއަށް އިސްލާހުލީ އެ މަގުސަދުގައި ކަމަށްވެސް އިސްމާއިލް ވިދާޅުވި އެވެ.
އަދި މިއީ ވަކި ބޭފުޅަކަށް ރައީސްކަމަށް ކުރިމަތި ނުލެއްވޭ ގޮތް ހެދުމުގެ މަގުސަދުގައި ހުށައެޅި އިސްލާހެއް ނޫން ކަަމަށާއި އަދި އެކަހަލަ ވިސްނުމެއް އޭނާގެ ނުގެންގުޅޭ ކަމަށްވެސް އިސްމާއިލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ