ރަސްމީ އިއްޒަތުގައި ޝަހީދު ލާންސް ކޯޕްރަލް އާދަމް ހަލީމްގެ ޖަނާޒާ ބާއްވައިފި

ރޭ ދަންވަރު ކ.ކާށިދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޝަހީދުކޮށްލި، ޕޮލިސް ލާންސް ކޯޕްރަލް އާދަމް ހަލީމް، ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައި ވަޅުލައިފިއެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު މިސްކިތުގައި މިއަދު މެންދުރުނަމާދަށްފަހު މޫނުދެއްކުން ކުރިއަށްގެންދިޔައިރު، ޝަހީދު ލާންސް ކޯޕްރަލް އާދަމް ހަލީމްގެ ކަށުނަމާދަށް އެތައް ހާސް ބަޔަކު އިސްލާމީ މަރުކަޒަށް ޖަމާވިއެވެ.
ޝަހީދު ލާންސް ކޯޕްރަލް އާދަމް ހަލީމް ވަޅުލާފައިވަނީ ރަސްމީ އިއްޒަތުގައެވެ. އާދަމް ހަލީމްގެ ސަންދޯކުގެ މަތީގައި ދިވެހި ދިދައެއް އަޅާފައި އޮތްއިރު، ސަންދޯއް އުފުލާފައި ވަނީ ހަ ފުލުހުންގެ ކޮނޑުމަތީގައެވެ.
ސަންދޯއް ވަޅަށް ތިރިކުރުމަށްފަހު ތިންބަޑީގެ ސަލާމެއް އެރުވިއެވެ. އަދި އެއަށްފަހު ދިވެހި ދިދަ ޝަހީދު ލާންސްކޯޕްރަލް އާދަމް ހަލީމްގެ ބައްޕައާއި ހަވާލުކުރެއްވިއެވެ.
ޝަހީދު ލާންސް ކޯޕްރަލްގެ ޖަނާޒާގައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކާއި، ނައިބު ރައީސް މުހައްމަދު ވަހީދުއްދީނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.
ރޭ ކ.ކާށިދޫގައި ވަޅިން ހަމަލާދީ މަރާލާފައިވާ ލާންސް ކޯޕްރަލް އާދަމް ހަލީމް (26)، ގެ މޭކަށިގަނޑާއި ދިމާލުން 9 އިންޗިހާ ވަރުގެ ތަނެއް ދިގަށް ކަފާލާފައިވެ އެވެ. އަދި މަސްގަނޑު ހުރީ 5 އިންޗި ފޭވެފައެވެ. އާދަމް ހަލީމް މަރުވެފައިވަނީ އޭނާއަށް ލިބުނު ޒަޙަމްތައް ރޮދި ޖަހައި ފަހަން އުޅެނިކޮށް ކާށިދޫ ސިއްހީ މަރުކަޒުގައި އެވެ.
އާދަމް ހަލީމަށް ހަމަލާދިން އެރަށު ސުވަސްސާގެ މުހައްމަދު ސަމާހް (22)، އެންމެ ފުރަތަމަ ވެސް ވަޅި ހަރާފައިވަނީ މޭކަށިގަނޑަށެވެ. އާދަމް ހަލީމް މަރާލީ އޭނާ ޑިއުޓީއަށް ދަމުން ސަމާހު ފެނުމުން އެއީ ގޭބަންދުގައި ހުރި މީހަކަށްވާތީ އޭނާ ގެއިން ނިކުތީ ކީއްވެތޯ އާއި ގެއަށް ދިއުމަށް ފުލުސް މީހާ ބުނުމުން ޒުވާބު ކުރުމަށްފަހު ކަމަށް އެމްވީޔޫތަށް މައުލޫމާތު ލިބިފައިވެ އެވެ.
އާދަމް ހަލީމް މަރާލި ހާދިސާއާ ގުޅިގެން ރޭ ހައްޔަރުކޮށްފައިވާ ސަމާހަކީ މީގެ ދެ ދުވަސް ކުރިން މަރާމާރީގެ މައްސަލައެއްގައި ހައްޔަރުކޮށް މިއަދު ގޭ ބަންދަށް ބަދަލު ކޮށްފައި ހުރި މީހެކެވެ. އެމްވީޔޫތަށް ކަށަވަރުވެފައިވާ ގޮތުގައި ސަމާހް އަކީ ފޭރުމާއި ވައްކަން ކުރުމާއި މާރާމާރީ އާއި މަސްތުވާތަކެތީގެ ކުށުގެ ރިކޯޑުތަކެއް އޮތް ބޮޑު މުޖުރިމެކެވެ. އަދި އޭނާއަކީ ކާށިދޫ ދާއިރާގެ ކެމްޕެއިންގެ ތެރޭގައި ޖާބިރު ކެމްޕެއިން ޓީމުގައި ހިމެނޭ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ވެސް މީހެކެވެ.
ޕޮލިސް ލާންސް ކޯޕްރަލް އާދަމް ޙަލީމު މަރާލުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި ދިވެހި ޤައުމީ ދިދަ ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ. އަދި ފުލުހުންގެ މުއައްސަސާތަކުގައި ހުރި ފުލުހުންގެ ދިދަ 3 ދުވަހު ބައިދަނޑިއަށް ތިރި ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ