އިންޑިއާގެ ކޮވިޑް ހާލަތަށް ބޮލީވުޑް ގިނަ ތަރިންތަކެއް އެހީވެއްޖެ

ދުނިޔޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް މަދުވުމާއި ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިންތަކެއް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެގޮތުން މިހާރު އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އޮކްސިޖަން ސިލިންޑަރުތައް ފޯރުކޮށްދިނުމަށް ކޭވީއެން ފައުންޑޭޝަނުން ކުރަމުންދާ މަސައްކަތަށް އެކްޓަރު ސުނިލް ޝެއްޓީ ވަނީ އެހީވެފަ އެވެ. އޭނާ ބުނި ގޮތުގައި މިވަގުތު އޮކްސިޖަން ސިލިންޑަރު ބޭނުންވާ ފަރާތްތަކުގެ ތެރެއިން އޭހިތެރިކަން ފޯރުކޮށްދެމުން ދަނީ މުމްބާއީ އަދި ބެންގަލޫރަށް ކަމަށެވެ. މުމްބާއީ އަކީ މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ސިޓީ އެވެ.
މީގެ އިތުރުން އެކްޓަރު އަޖޭ ދޭވްގަން ވަނީ މުމްބާއީގައި ހުންނަ ޝިވާޖީ ޕާކުގައި 20 އައިސީޔޫ އެނދު ބަހައްޓައިދީފަ އެވެ. އެނދުތައް ބެހެއްޓުމަށް އެއް ކްރޯޑް ރުޕީސް އަޖޭ ވަނީ ބްރިހާންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަނަށް ދީފަ އެވެ. އަޖޭ ހަދިޔާކުރި ފައިސާއިން ބެހެއްޓި 20 އެނދުގައި ވެންޓިލޭޓަރުގެ އިތުރުން ޕެރަ މޮނިޓާޒް އާއި އޮކްސިޖަން ސިލިންޑަރުވެސް ހުންނާނެ އެވެ.
ޓްވިންކަލް ކައްނާ އާއި އަކްޝޭ ކުމާރުވެސް ވަނީ ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ 120 އޮކްސިޖަން ސިލިންޑަރު ހަދިޔާ ކޮށްފަ އެވެ. މީގެ އިތުރުން ގޯތަމް ގަމްބީރް ފައުންޑޭޝަނުން ދިއްލީގައި ކޮވިޑަށް އެހީތެރިވާން ކުރަމުންދާ މަސައްކަތަށް އެއް ކްރޯޑް ރުޕީސް އަކްޝޭ ހަދިޔާ ކޮށްފައި ވެއެވެ.
އެކްޓަރު ސޯނޫ ސޫދުވެސް ވަނީ ކޮވިޑު ހާލަތަށް އެހީތެރިވާން ކަންތައްތަކެއް ކޮށްދޭން ފަށައިފަ އެވެ. އޭނާ އަކީ ކޮވިޑްގެ ހާލަތުގައި އިންޑިއާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެއް އެކްޓަރެވެ. މިފަހަރު ސޯނޫ ސޫދު ވަނީ އޭނާގެ އަމިއްލަ ފައުންޑޭޝަނުން މުމްބާއީގައި ހިލޭ ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖައްސައިދީފަ އެވެ. އަދި ކޮވިޑަށް ޓެސްޓު ހެދުމާއި އޮކްސިޖަލް ސިލިންޑަރު ބޭނުންވާ ފަރާތްތަކަށް އެތަކެތިވެސް ފޯރުކޮށްދޭން ސޯނޫ ދަނީ އެހީވަމުންނެވެ.
މީގެ އިތުރުން އަޔުޝްމަން ކުރާނާ އާއި އޭނާގެ އަންހެނުން ތޯހިރާ ކަޝްޔަޕް ވެސް ވަނީ މަހަރާޝްޓްރާގެ ޗީފް މިނިސްޓަރުގެ ރިލީފް ފަންޑަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެމީހުން ހަދިޔާކުރި ފައިސާގެ އަދަދު ހާމައެއް ނުކުރެ އެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސް މުމްބާއީގެ ސްޓޭޓެއް ކަމަށްވާ މަހަރާޝްތްރަގައި އަޔުޝްމަން ހަދިޔާކުރި ފައިސާއިން ސިއްހީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ހޮލީވުޑް ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ކައިވެނިކޮށްގެން އުޅޭ އިންޑިއާގެ ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ވަނީ އިންޑިއާގެ ވެކްސިން ދިނުމުގެ ޕްރޮގުރާމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޖޯ ބައިޑެންގެ އަރިހުން އެދިފަ އެވެ.
ބޮލީވުޑްގެ ގިނަ ތަރިން ދަނީ ކޮވިޑާއި ގުޅިގެން މައުލޫމާތު ފޯރުކޮށްދިނުމަށް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރަމުންނެވެ. އެގޮތުން ވެކްސިން ޖަހަން ރަޖިސްޓްރީ ކުރުމަށާއި ވެކްސިން ދެމުންދާ ސެންޓަރުތަކާއި ގަޑިތަކުގެ މައުލޫމާތުވެސް ތަރިން ދަނީ ސޯޝަލް މީޑިއާގައި އާންމު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ