ކަރަންޓްގެ ހިދުމަތް ނުލިބި ވޭތުވި ހަތަރު ދުވަހުގެ ތެރޭގައި ތ. ދިޔަމިގިލީ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުގެ ފަރާތުން ހޯދުމަށް ދިޔަމިގިލީ ރައްޔިތުންނަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ގޮވާލައްވައިފި އެވެ.
މި މަހު ހަ ވަނަ ދުވަހުން ފެށިގެން ދިޔަމިގިލިން ކަރަންޓް ކެނޑިފައިވާ މައްސަލަ މިއަދާ ހަމައަށް ސަރުކާރުން ހައްލުކޮށްދީފައި ނުވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ކަރަންޓް ނެތުމުގެ ސަބަބުން، މި ހިނގާ ރޯދަ މަހު ބޭނުން ކުރުމަށް އެ ރަށު ރައްޔިތުން ރަށަށް ގެންގޮސް، ފްރިޖްކޮށްފައިވާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކުނިވެ ރައްޔިތުންގެ ވިޔަފާރި އަށާއި އަމިއްލަ ފަރުދުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންނަށް ގޮވާލަން އޭގެ ބަދަލު ހޯދުމަށް މި ސަރުކާރު ގޮވައިގެންދައުވާ ކުރުމަށް. ކަރަންޓަކީ ރައްޔިތުންގެ އަސާސީ ހައްގެއް އެ ހައްގު ދިނުމުގައި ސަރުކާރު ވަނީ އިހްމާލްވެފައި،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ރަޝީދު ވިދާޅުވީ، މެދު ދެކުނު ޕްރޮވިންސްގެ ޔުޓިލިޓީސް ކުންފުނިން ދިޔަމިގިލީ އިންޖީނުގެ ހަވާލުވި އިރު ބޮޑެތި ވައުދުތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އައިރު، ތެޔޮ އަޅައިގެން އެތަކެތި ހިންގައިގެން ފައިދާނެގުން ފިޔަވައި އެއްވެސް ކަމެއްކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އުޓިލިޓީސް ކުންފުނިތަކަށް ސަރުކާރުގެ ބަޖެޓުން ބޮޑު ސަބްސިޑީއެއް ދޭއިރު އެކަމުގެ އެއްވެސް ފައިދާއެއް ރައްޔިތުންނަށް ފެންނަމުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ދިޔަމިގިއްޔަށް ދިމާވެފައިވާ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ސަރުކާރާއި ޔުޓިލިޓީސް ކުންފުނީގެ އެއްވެސް ފަރާތަކާ ގުޅޭގޮތް ނުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސާޅީހަކަށް އަހަރު ދުވަހު ރައްޔިތުން އެ އިންޖީނުގެތައް ހިންގި އިރު މިފަދަ މައްސަލައެއް ދިމަލެއްނުވޭ. އެއްވެސް މަރާމާތެއް ކުރުމެއްނޯވޭ. ޔުޓިލިޓީސް ކުންފުނިން ކުރާކަމަކީ ތެޔޮ އަޅައިގެން އެތަކެތި ހިންގައިގެން ފައިދާ ހޯދުން. އެ މައްސަލަ ދިމާވީ ވެސް އިންޖީނުތައް މަރާމާތު ނުކޮށް ދިގު މުއްދަތަކަށް ބޭނުން ކުރަމުން ގެންދިއުމުގެ ސަބަބުން. އެ މައްސަލައިގައި ކަމާ ބެހޭ އެއްވެސް ފަރާތަކުން ފޯނު ނަގަނީކީނޫން. މިއަދު މިނިސްޓަރު ގުޅުއްވާފައި ވިދާޅޫވި ވަރަށް ގާތުން އެ މައްސަލަ ބަލަމޭ." ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވަނީ މި މައްސަލައިގައި ބަހުސް ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ދިޔަމިގިލީން ކަރަންޓް ކެނޑުމުން ލިބުނު ގެއްލުމުގެ ބަދަލުހޯދުމަށް މެންބަރަކު ގޮވައިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ