އަބްދުﷲ ރިޔާޒްގެ ދައުވާ އަނބުރާ ގެންދިޔުމަށް ޕީޖީ އަރިހުން އޭނާ އެދިވަޑައިގެންފި

ޖިނާއީ އިޖްރާއަތުގެ ގާނޫނާ އެކު ފުލުހުންގެ ތަހުގީގަށް ފޯނެއް ހުޅުވައި ނުދިން ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒަށް ކުރާ ދައުވާ ނުކުރެވޭނެ ކަމަށް ބުނެ އެ ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އަރިހުން ރިޔާޒް މިއަދު އެދިވަޑައިގެންފި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ރިޔާޒްގެ މައްޗަށް ދައުލަތުން ކުރަނީ، މިދިޔަ މާޗް މަހު ފުލުހުންގެ ތަހުގީގެއްގައި ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން ރިޔާޒް އެކަން ނުކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގެ އަޑުއެހުންތައް ނިމި ހުކުމް ކުރުމުގެ މަރުހަލާގައި މައްސަލަ އޮއްވައި އެ ދައުވާ އަނބުރާ ގެންދަން ރިޔާޒް ޕީޖީގެ ކިބައިން އެދިވަޑައިގަތީ އިއްޔެ އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން، ތިމާއާ ދެކޮޅަށް ދައުވާއެއް އުފުލިދާނެ ފަދަ މައުލޫމާތެއް ނުދިނުމަކީ ހަނު ހުރުމުގެ ތެރޭގައި ހިމެނޭނެ ކަމެއް ކަމަށް އެ ގާނޫނުގައި ބުނެފައިވާތީ އެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 48 ވަނަ މާއްދާގެ ބުނާގޮތުން ތުހުމަތު ކުރެވޭ މީހާގެ ކިބައިން އަތު ލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާނެއް ނުވަތަ ހަށިގަނޑުގެ ބޭރުން ނުވަތަ ހަށިގަނޑުގެ އެތެރެއިން ސާމްޕަލެއް ހޯދަން އެދޭ ހާލަތުގައި އެއިން ސާމްޕަލެއް ނުދިނުމަކީ ނަފްސާ ދެކޮޮޅަށް ބަޔާން ނުދިނުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެ ގާނޫނުގެ 49 ވަނަ މާއްދާގެ ރ. ގައި ބުނަނީ ވަކި އެއްޗެއް އޮތް ތަނެއް ނުވަތަ ވަކި ތަނެއް ހުޅުވޭނެެ ގޮތް ނުވަތަ ތަޅުދަނޑިއެއް ނުވަތަ ޕާސްވޯޑެއް ނުވަތަ ތަނެއް ހުޅުވޭނެ ނަމްބަރުތަކެއް ބުނެދިނުމަކީ ހަނު ހުރުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
ޕީޖީ އައިޝަތު ބިޝާމަށް ރިޔާޒް ފޮނުއްވި ސިޓީގައިވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނު އޮތްގޮތުން، ފޯނެއްގެ ކޯޑް ޖަހައި، އެ ފޯނު ހުޅުވައި ނުދީގެން ދައުވާ ކުރުމަކީ އެ ގާނޫނުގެ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށެވެ.
ފަހުން ހެދޭ ގާނޫނަކީ ތުހުމަތު ކުރެވޭ މީހާއަށް ފައިދާވާ ގޮތަށް އޮތް ގާނޫނެއް ނަމަ އެ ގާނޫނު، މާޒީގައި ހިނގާފައިވާ ކަންކަމަށް ވެސް ހިނގާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަން ފާހަގަކުރައްވައި އެ ސިޓީގައި ރިޔާޒް އެދިވަޑައިގެންފައިވަނީ ދައުވާ އަނބުރާ ގެންދިއުމަށެވެ.
ރިޔާޒްގެ ޝަރީއަތް ހިނގިއިރު ކޯޓުގައި އޭނާގެ ދިފާއީ ވަކީލުން ވަނީ ފޯނު ހުޅުވައި ނުދިނުމަކީ ހަނު ހުރުމުގެ ހައްގު ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެފަ އެވެ. ރައްދުގައި ދައުލަތުން އޭރު ކޯޓުގައި ބުނެފައިވަނީ ފޯނު ހުޅުވަން ކޯޓަކުން އެންގުމުން އެކަން ކުރަން ޖެހޭނެ ކަމަށާއި އެފަދަ ހާލަތެއްގައި އެއީ ހަނު ހުރުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
ޕީޖީ އޮފީހުން ހިންގި އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން ރިޔާޒްގެ ދައުވާ އަނބުރާ ގެންދަން ވެސް އޭނާ ކުރިން އެދިވަޑައިގަތެވެ. އެކަމަކު ޕީޖީން އޭރު ނިންމާފައި އޮތީ ރިޔާޒްގެ ދައުވާ އަނބުރާ ނުގެންދިއުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ