ޕެންޝަން އޮފީހުގެ ދެމިލިއަން ރުފިޔާ ހޯދާ އެ އޮފީހުގެ އެކައުންޓަށް ޖަމާކޮށްފި

މޯލްޑިވްސް ޕެންޝަން އޮފީހުގެ ފައިސާ ތަކަކަށް އެ އޮފީހުގައި ކުރިން މަސައްކަތް ކުރި މުވައްޒަފަކު ހިޔާނާތްތެެރިވުމާއި ގުޅިގެން ގެއްލިގެން ދިޔަ ފައިސާ ހޯދައި ޕެންޝަން އޮފީހުގެ އެކައުންޓަށް އަލުން ޖަމާކޮށްފި އެވެ.
ޕެންޝަން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިކަން ޔަގީންކޮށްދީފަ އެވެ.
މި ބަޔާނުގައި ބުނެފައިވަނީ ހިޔާނާތުގެ ސަބަބުން ގެއްލިގެން ދިޔަ ދެ މިލިއަން ރުފިޔާ ހޯދައި ޕެންޝަން އޮފީހުގެ އެކައުންޓަށް މިހާރު ޖަމާކޮށްފައިވާ ކަމަށާ މިފަދަ ކަމެއް ތަކުރާރު ނުވާނެހެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. . އަދި ގެއްލިގެން ދިޔަ ފައިސާ އަކީ ޕެންޝަން ސްކީމުގައި ބައިވެރިވާ ފަރާތްތަކުން ޕެންޝަން ފައިސާގެ ގޮތުގައި ޖަމާކުރާ ފައިސާއާއި އެއްވެސް ގުޅުމެއް ހުރި ފައިސާ ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ.
ޕެންޝަން އޮފީހުގެ ދެ މިލިއަން ރުފިޔާއަށް ހިނާޔަތްތެރިވުމުގެ ތުހުމަތު ކުރަނީ ކުރިން ޕެންޝަން އޮފީހުގައި އިސްކޮށް މަސައްކަތް ކުރެއްވި އަދި މިހާރު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހްމަދު އަދީމުގެ މައްޗަށެވެ.
މިމައްސަލަ ފެންމަތިވީ ޕެންޝަން އޮފީސް އޮޑިޓް ކުރުމުގެ ތެރޭގައި ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ