ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން މުހައްމަދު ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ޝަރީއަތުގައި ހުކުމް ކުރުން މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ.
ދައުލަތުން ޝައްމާނަށް ކުރަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިންކާރުކޮށްފައެވެ.
އޭނާގެ ޝަރީއަތުުގެ ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު ހަވީރު 4:00 އަށެވެ.
ޝައްމާންއާއި އިމިގްރޭޝަންގެ ކުރީގެ މުވައްޒަފުންތަކެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ. އެ ބިދޭސީ މީހާ ދޫކޮށްލީ އޭނާ އަތުގައި ހުރި ފައިސާ ދިނުމުން ކަމަށް ދައުވާތަކުގައިވެއެވެ.
ބިދޭސީ މީހާ އަތުން ނެގި ބައި މިލިއަން ރުފިޔާ ބޭނުންކޮށްގެން ޝައްމާންގެ ސްޓޫޑެންޓު ލޯނު ހިމެނޭހެން ލޯނުތަކެއް ދެއްކި ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ.
މި މައްސަލައިގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި މ. ހަޒާރީވިލާ، އަހުމަދު ލައްސާންގެ އިތުރުން ގ. ހެޕީސައިޑް އަހުމަދު ޝަހެޝަން އާއި އެގޭ އިބްރާހިމް އަހުމަދާއި ތ. ބުރުނީ މޫނިމާގޭ، އަހުމަދު އަލްސަން އިސްމާއިލްގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހަދައި ލުއި އަދަބެއް ހޯދައިފައެވެ.
ޝައްމާނަށް ހުކުމްކުރުން މިއަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ