ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުޅޭ ދުނިޔޭގެ އެންމެ ބޮޑު އެއް ހަރަކާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕުގެ މި އަހަރުގެ މުބާރާތްގައި ގެނެސްދޭ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ކަވަރޭޖް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މިކަމަށްޓަކައި ޕީއެސްއެމްގެ ޓީވީ ބިލްޑިންގ ގައި ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
ވަޒީރު ރާފިއުގެ އިތުރުން މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްއާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤާއި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަކީބް އަދި ޑީއެމްޑީ އަބްދުﷲ ޔާމިން އާއި ޕީއެސްއެމްގެ އިސް ވެރިންނާއި މުވައްޒަފުން އަދި ކުޅިވަރު އާއިލާގެ ފާހަގަކޮށްލެވޭ ބައެއް ފަރާތްތަކުން ބައިވެރިވެފައިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ޕީއެސްއެމް އިން ވޯލްޑް ކަޕަށް ޙާއްސަކޮށްގެން ގެނެސްދޭ ކަވަރޭޖުގައި ހިމެނޭ ބައެއް ޕްރޮގްރާމްތަކާއި އެކިއެކި ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ވޯލްޑް ކަޕުގެ މެޗުތަކަށް ޙާއްސަކޮށްގެން ގެނެސްދޭ މެޗް ޝޯތަކުގެ ޕްރެޒެންޓަރުންނާއި އެނެލިސްޓުން ވެސް އިއުލާނުކޮށްފައިވެއެވެ.
މެޗު ޝޯވތަކުގެ އިތުރުން ވޯލްޑް ކަޕަކީ ކުޅިވަރުގެ ބޮޑު ޢީދެއްގެ ގޮތުގައި ނުވަތަ ކާނިވަލެއްގެ ގޮތުގައި ހެދުމަށް ޕީއެސްއެމް އިން ކުރާ މަސައްކަތުގައި، ވޯލްޑް ކަޕް އޮންނަ ދުވަސްވަރު ތަފާތު އެކިއެކި ޕްރޮގްރާމްތަކާއި، އާންމުންގެ ބައިވެރިވުން އެކުލެވޭ އެކިއެކި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި، މިފަހަރުގެ ވޯލްޑް ކަޕްގެ ރަސްމީ ބޯޅަ ވެސް ތަފާތު ގޮތަކަށް ރިވީލްކޮށްފައިވެއެވެ. "ޓްރިއޮންޑާ" ގެ ނަމުން ނަން ދީފައިވާ މި ބޯޅަ ރިވީލްކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރާއި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އިތުރުން އެފްއޭއެމްގެ ރައީސް އަދި ޕީއެސްއެމްގެ އެމްޑީއެވެ.
މިއީ ތާރީޚުގައި ވެސް، "މުޅިން ހިލޭ" ދިވެހިންނަށް ވޯލްޑް ކަޕް ބަލާލެވޭނެ ފުރަތަމަ ފަހަރެވެ. މީޑިއާނެޓާއި ޕީއެސްއެމް ގުޅިގެން މިފަހަރުގެ ވޯލްޑް ކަޕް ދިވެހިންނާ ހަމައަށް ގެނެސްދޭއިރު، މީޑިއާނެޓްގެ ކަނެކްޝަނެއް އޮތް ކޮންމެ ފަރާތަކަށް ވެސް، އެއްވެސް ޗާޖެއް ނުލައި މުޅިން ހިލޭ ޕީއެސްއެމްގެ ޗެނަލްތައް ބަލާލެވޭނެއެވެ.
48 ގައުމު ބައިވެރިވާހެން އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މިފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާނެ އެންމެ ޝައުގުވެރި، އެންމެ ގިނަބައެއްގެ ބައިވެރިވުން އެކުލެވޭ އެންމެ ފޯރިގަދަ ވޯލްޑް ކަޕަށް ވެގެންދާނެއެވެ.
ޕީއެސްއެމް އިން މަސައްކަތްކުރަމުންދަނީ އެ ތިން ގައުމުގެ ދަނޑުތަކުގައި ނަގާ ފޯރި، ރާއްޖޭގެ ގޭގޭގެ ސިޓިން ރޫމްތަކާއި އެކިއެކި ޖަގަހަ ތަކާއި ބޮޑު ސްކްރީންތަކަށް ގެނެސްދިނުމަށެވެ. ޕީއެސްއެމްގެ އަމާޒަކީ، މި ފަހަރުގެ ވޯލްޑް ކަޕަކީ ދިވެހިންނަށް ވެސް ޙާއްސަ، ދިވެހިން އެދޭފަދަ، ބޭނުންވާ ފަދަ ކަވަރޭޖެއް ގެނެސްދެވޭ ވޯލްޑް ކަޕަކަށް ހެދުމެވެ.
ވޯލްޑް ކަޕް 2026ގެ ޕީއެސްއެމްގެ ކަވަރޭޖް ރަސްމީކޮށް ލޯންޗުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ