މި މަހު އެކަނިވެސް މާލެއިން ޗިކުންގުންޔާގެ 46 ކޭސް، ސަމާލުވުމަށް އިލްތިމާސް ކޮށްފި

ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެ، ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ޗިކުންގުންޔާ ފެތުރޭ މިންވަރު މި މަހު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މި މަހު އެކަނިވެސް މާލޭ ސަރަހައްދުން ޗިކުންގުންޔާގެ 46 ކޭސް ރިޕޯޓުށްފައިވާ ކަމަށެވެ. މީގެ އިތުރުން އެޗްޕީއޭ އިން ވަނީ ބަލިން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އިލްތިމާސްކޮށްފައެވެ. އެ ގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމާ، މަދިރި ނުހަފާނެ ގޮތަކަށް ރައްކާތެރިވުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
ޗިކުންގުންޔާ އަކީ މަދިރީގެ ސަބަބުން ފެތުރޭ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ޗިކުންގުންޔާ އަކީ އެބަލީގެ އަލާމާތްތައް ޑެންގީ ހުމާއި ވަރަށް އެއްގޮތް ބައްޔެކެވެ. މި ބަލި ޖެހުމުން ވަރަށް ބޮޑަށް ހުޅުތައް ދުޅަވެ، ހުޅުތަކުގައި ތަދުވެ ރިއްސާ ބައްޔެކެވެ. ޗިކުންގުންޔާ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަނީ އީޑީޒް މަދިރީގެ ފަރާތުންނެވެ. ޗިކުންގުންޔާ ޖައްސާ މަދިރި އާންމުކޮށް ގައިގައި ހަފަނީ ފަތިހާ އަދި މެންދުރު ފަހުގެ ވަގުތުތަކުގައެވެ.
ޗިކުންގުންޔާ ޖެހެނީ ބަލި ޖައްސާ ވައިރަސް ނުވަތަ ޖަރާސީމް އަށަގެންފައިވާ އަންހެން މަދިރިއެއް ސަލާމަތުން ހުރި މީހާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި ޗިކުންގުންޔާ ޖައްސާ ވައިރަސް އެމީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ. މިގޮތަށް އެކަކު ގައިން އަނެކަކު ގަޔަށް ބަލި ޖައްސަމުން ގެންދެއެވެ.
ޗިކުންގުންޔާގެ އަލާމާތްތައް ފެންނަށް ފަށަނީ ޖަރާސީމު އަށަގެންފައިވާ މަދިރި ސަލާމަތުން ހުރި މީހާގެ ހަށިގަނޑުގައި ހަފާތާ 7-4 ދުވަހާ ނުވަތަ 5-2 ދުވަހާއި، ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. ޗިކުންގުންޔާ ޖެހުމަށްފަހު އަލާމާތްތައް ނުފެނި ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. ޗިކުންގުންޔާ ޖެހުމުން ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުން، ހީކެރުވުން، އަތްފައިގެ ހުޅުތަކުގައި ރިހުން، އަތްފައިގެ ހުޅުތައް ދުޅަވުން، ގައިގައި ރިހުން، މަސްތަކުގައި ރިހުން،ބޮލުގައި ރިހުން، މޭނުބައިކުރުން، ހޮނޑުލެވުން، އަދި ވަރުބަލިވުން ނުވަތަ ވަރުދެރަވުން ހިމެނެއެވެ.
ޗިކުންގުންޔާ ޖެހުމަށްފަހު އެކަށޭނަ ފަރުވާ ނުލިބި ގިނަ ދުވަސްވުމުން ކުރިމަތިވެދާނެ ކަންތައްތަކުގެ ތެރޭގައި ސިކުނޑި އާއި އޭގެ ވަށައިގެންވާ ދުލިފަށް ދުޅަވުން، ހިތުގެ މައްސަލަތައް ކުރިމަތިވުން އަދި ނޭވާލުން ފޭލްވުން ފަދަ ކަންތައްތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ