އާ މަޖިލިހާއެކުވެސް ޗައިނާގެ ކަންކަން ބަލާ ކޮމިޓީ ދެމި އޮންނާނެ: ކޮންގްރެސް

އެމެރިކާގެ ކޮންގްރެސްގެ އާ ދައުރާއެކުވެސް، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި އޮންނަ ޗައިނާގެ ކަންކަމާ ބެހޭ ކޮމިޓީ ދެމި އޮންނާނެ ކަމަށް ކޮންގްރެސް ލީޑަރުން ވިދާޅުވެއްޖެއެވެ.
ޗައިނާގެ ފަރާތުން އެމެރިކާއަށް އޮތް ނުރައްކާތަކާއި، އެނުރައްކަލުން ސަލާމަތްވުމާ ގުޅޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް 2023 ވަނަ އަހަރު މި ކޮމިޓީ އެކުލަވާލީއްސުރެ، ކޮމިޓީގައި އިސްކޮށް ތިއްބަވަނީ ރިޕަބްލިކަން ޕާޓީގެ ބޭފުޅުންނެވެ.
ޗައިނާއާއި ވިޔަފާރީގެ ދާއިރާގައި އިތުރު ވާދަވެރިކަމަކަށް ޓްރަމްޕްގެ ވެރިކަމުގައި ދާނެކަމަށް ބެލެވޭއިރު، މި ކޮމިޓީއަކީ ކޮންގްރެސްއަށް މުހިއްމު ކޮމިޓީއަކަށް ވާނެއެވެ.
Advertisement
ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއަށް ތައުރީފުކޮށް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދެއްކެވިނަމަވެސް، ޓްރަމްޕްގެ ފުރަތަމަ ދައުރު ނިންމަވާލެއްވީ އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ފައްޓަވާފައެވެ. އަދި ދެވަނަ ދައުރަކަށް ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގަންނަވާއިރު، ޑިޕްލޮމެޓިކް ގިނަ މަގާމުތަކަކަށް ޗައިނާގެ މައްސަލައިގައި ހަރުކަށި ވިސްނުން ގެންގުޅުއްވާ ބޭފުޅުން ލަމުން ގެންދަވާތީ، މިފަހަރުވެސް ޗައިނާއާއެކު އޮންނަ ވާދަވެރިކަން އިތުރުވާނެކަމަށް ބެލެވެއެވެ.
ކޮންގްރެސްގައި ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ވާދަވެރިކަމާއި ކޯޅުން ބޮޑުނަމަވެސް، ޗައިނާ ކޮމިޓީގައި ތިއްބަވާ ދެ ޕާޓީގެ މެމްބަރުންގެ މެދުގައި އޮންނަނީ އާދަޔާ ޚިލާފު ގާތްކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ