މީސްތަކުންނަށް ކުރެވޭ ފާފަތަކަށާއި ބުނެވޭ ނުބައި ބަސްތަކަށް ވަޤުތުން ޢަޛާބު ދެއްވަވާނަމަ ހިނދުކޮޅަކަށް ނަމަވެސް ޢަޛާބުން ސަލާމަތްވެ ހުރެވޭނީ ހާދަ މަދު މީހަކަށެވެ. އެކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ވަޤުތުން ޢަޛާބު ނުދެއްވަވަނީ ކުރާ ކަންކަން ދެކެދެނެވޮޑިގެން ނުވާތީއެއް ނޫނެވެ. ތައުބާވުމަށް ފުރުޞަތު ދެއްވެވުމަށެވެ.
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި މުޝްރިކުން ބުނަމުން އައި ނުބަސްތަކަށާއި ކުރަމުން އައި ބޮޑެތި ފާފަތަކަށް ބަލައިފިނަމަ ބިރުން އަންތަރީސްވާވަރުވެއެވެ. އަދިވެސް ވިސްނާށެވެ! އެމީހުން އެގޮތަސް ކަންކަން ކުރަމުން އައީ އެމީހުންގެ ލޯތަކަށް ބޮޑެތި މުޢްޖިޒާތްތައް ދައްކަވަމުން ގެންދެވިއިރުއެވެ. އެކަންކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެމީހުންނަށް ބަޔާންކޮސް ދެއްވަވައި އިންޒާރު ދެއްވަމުން ގެންދަވަނިކޮށެވެ.
އެހެންކަމާއިއެކު މުޝްރިކުންގެ ތެރެއިން ﷲ ތަޢާލާ ވަޤުތުން ކޯފާލައްވަވައި ޢަޛާބް ފޮނުއްވެވީ މަދުފަހަރަކުއެވެ. އެއިގެ މާނައަކީ އިސްލާމްވެ ތައުބާ ނުވެތިބި މީހުންނަށް ސަލާމަތްވެވުމެއް ނޫނެވެ. ޤިޔާމަތް ދުވަހު ޖެހޭނީ ކުރިމަތިލާށެވެ!
މީސްތަކުންނޭވެ! ﷲ ތަޢާލާ އަށާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނުބައި ބަސްތައް ނުބުނާށެވެ! ދީނުގެ ޙުކުމްތައް ކުށްވެރިނުކުރާށެވެ! ދީނަށް ކުޑައިމިސްބަސް ނުބުނާށެވެ! އެކަންކަން އެމީހަކާއި އަރައިހަމަކޮށް އެމީހަކު ނިކަމެތިކޮށްލާނީ ކޮން އިރަކު ކޮން ގޮތަކަށް ކަމެއް ނުއެނގޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ހަމަ މިއަދުވެސް ބޮޑެތި މުޞީބާތްތައް ކުރިމަތިކުރައްވަވާކަން ވިސްނިލައްވާނެއެވެ. އިން ޝާ ﷲ
ބައެއް މީހުން ކުރަންބޭނުންވާ ކަންކަމުގެ ވާހަކަ ބުނިމާ ތިއައީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫންކަމަށް ބުނެފިނަމަ އެއްވެސް ޖެހިލުމެއް ނެތި އެބަ ބުނެއެވެ. "ތިއައީ ދެން މިޒަމާނުގައި ހާދަ ކަޓު ގޮތެކެވެ. އެންމެން ކުރާ ކަންކަން ނުކުރާނަމަ ސޮސައިޓީގައި އަހަރެމެންގެ ދަރަޖައަކީ ކޮބައިހެއްޔެވެ؟ މިހާ ބުރަމަސައްކަތުން ހޯދާ ފައިސާއިން ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟"
އެއީ އެމީހުންގެ ވިސްނުމެވެ. ހަޤީޤަތެއް ނޫނެވެ. ކިތަންމެ ގިނައިން ނުބައި ޢަމަލުތައް ކުރިނަމަވެސް ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ. އުފާވެރިކަން ލިބުންވަނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. އިސްލާމް ދީނަކީ އުފާކުރުމުގެ ބޭނުމުގައިވެސް އަދި އެހެން ގޮތަކުން ބޭނުންވި ނަމަވެސް އެމީހަކު ކުރަން ބޭނުންހައި ކަމެއް ކުރަން ހުއްދަކުރާ ދީނެއް ނޫނެވެ. އިސްލާމް ދީނުގައި ހުއްދަވެގެންވަނީ އެކަމެއް ކުރަން ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމެވެ. ހުއްދަކުރައްވަވާފައިވާ ގޮތުގެމަތީން ކުރުމަށެވެ.
ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަންކަމާއި ޙަރާމް ކުރެއްވެވި ކަންކަން ވަނީ މީގެ 1450 ވަރަކަށް އަހަރުކުރިން ކަނޑައަޅުއްވަވައި ނިންމަވައިފައެވެ. އިސްލާމް ދީން ފުރިހަމަކުރެއްވެވިކަން ބަޔާންކުރެއްވެވި ދުވަހުން ފެށިގެން އެކަންކަމަށް އެއްވެސް ބަދަލެއް ނުގެވޭނެއެވެ.
ކިތަންމެ ގިނަ ބައަކު ކުރިނަމަވެސް ޙަރާމްކަމެއް އޮންނާނީ ހަމަ ޙަރާމްކަމެއްގެ ގޮތުގައެވެ. ކިތަންމެ މަދުބައަކު ކުރިނަމަވެސް ހުއްދަވާނީ ހަމަ ހުއްދަކުރެއްވެވި ކަންތައްތަކެވެ.
މިސާލަކަށް ބުނާނަމަ ބަނގުރަލާއި މިޔުޒިކާއި ނެށުމާއި ފާހިޝް ޢަމަލުތައް ކުރުން ފަދަ ކަންކަން މިއަދު މިވަނީ މުޅި ދުނިޔެއަށް ޢާންމުވެފައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ކަމަކަށް ނުހެދޭނެއެވެ. މިފަދަ ކަންކަން ކުރާ އެންމެންގެ ގުނަވަންތައް މިނިކާވަގު ނުކައިފާނެއެވެ. ނަމަވެސް މިކިޔައިދެނީ އުފާކުރަން ކުރަން ބޭނުންވާ ކަންކަން ނުކުރެވޭނަމަ އިސްލާމް ދީނަށް އުޅެން ބޭނުންނުވާކަމަށް ބުނި އިންޑިއާގެ ޒުވާނަކަށް ކަންކަން މެދުވެރިވި ގޮތުގެ ވާހަކައެވެ.
މުމްބާއީގެ މުސްލިމް ސްކޫލެއްގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދަން ކުރި ދަތުރެކެވެ. އެ ރޭ މަޑުކުރީ އުސް ފަރުބަދައެއްގައެވެ. ރޭގަނޑުގެ ކެއުމަށްފަހު ހޯލުގައި ތިބެ ދެ ޖިންސުގެ ދަރިވަރުން އުފާކޮށް މަޖާކުރަމުން ދަނިކޮށް މުދައްރިސަކު ދުރުވެ މުސްލިމުން ކޮންމެ ކަމެއްގައިވެސް ކަންކަން ކުރަންވާނީ އިސްލާމް ދީނުގައި އޮންނަ އިމުގެ ތެރެއިން ކަމަށް ބުނުވައި ނަބޭޙަތް ދެއްވެވިއެވެ. އަދި ކައި ނިމިފައިވުމާއިއެކު އަވަހަށް ފަތިސް ނަމާދަށް ހޭލުމަށްޓަކައި ކޮޓަރިތަކަށް ގޮސް ނިދުމަށާއި ނިދުން ލަސްކުރާ ނަމަވެސް ރިވެތި އަޚްލާޤީ އިންތަކުގައި އަމަލުތައް ބެހެއްޓުމަށް ނަބޭޙަތް ދެއްވެވިއެވެ.
އެއީ އެތަނުގައި ލަވަޖަހައި އަޑުގަދަކޮށް ދެޖިންސުގެ ކުދިން އެކުގައި ނެށުން ފަދަ ކަންކަން ކުރަން ފެށުމުންނެވެ. ގިނައިރުވާނަމަ ކަންކަން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.
މުދައްރިސް އެނބުރި ދުރުވުމުން މުދައްރިސުގެ ނަޞޭޙަތާއިމެދު ހިތްހަމަ ނުޖެހުނު ދަރިވަރަކު ބުނީ މަޖާ ނުކުރެވޭނަމަ ދުނިޔޭގައި އުޅުމުގެ ބޭނުމެއް ނެތް ކަމަށާއި މަޖާ ނުކުރެވޭނަމަ އިސްލާމް ދީނަށް އުޅެން ބޭނުން ނޫން ކަމަށެވެ.
އެއަށްފަހު ކުޑަކޮށް ފިނިކޮށްލައިގެން އެބައަންނަ ކަމަށް ބުނެފައި ދަރިވަރު ހޯލުން ނުކުތީއެވެ. އެކަމަށް އެހެން ދަރިވަރުން އެއްވެސް ސަމާލުކަމެއްވެސް ނުދެއެވެ. އިރުކޮޅެއް ފަހުން އިވުނީ އެ ދަރިވަރު ރޮއިގަތް އަޑެވެ. އެޢާއިއެކު ކޮންމެވެސް ބިޔަ ޖަނަވާރެއް ގަސްތަކުގެ ތެރެއަށް ވަދެގަތް އަޑުއިވުނެވެ.
އެހޮޓަލުގެ މީހުންނާއިއެކު ދަރިވަރުންތައް ބޭރަށް ނުކުމެ ބެލިއިރު ދަރިވަރު އޮތީ ބިންމައްޗަށް ވެއްޓިފައެވެ. ކަކުކުހުޅުން ތިރިއަށް ދެފައެއް ނެތެވެ. މިވީ ގޮތަކީ ދެފައި ބޭރަށް އެލުވާލައިގެން ތިރި ފާރެއްގެ މަތީގައި އިންދާ މިނިކާވަގެއް ނުވަތަ ސިންގާއެއް ފަދަ ޖަނަވާރެއް ނުކުމެ ދަތް އެޅީއެވެ. ދަތް އެޅީ ސިންގާއެއްކަމެއް މިނިކާވަގެއްކަންވެސް ދަރިވަރަކަށް ނުއެނގުނެވެ.
ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ދިން ފަރުވާއިން ދަރިވަރު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް މަޖާކުރާނެ ދެ ފައި ނެތް މީހެއްގެ ގޮތުގައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ނިޞްބަތްކޮށް ނުވަތަ އިސްލާމް ދީނަށް ނިޞްބަތްކޮށް މިބާވަތުގެ ބަސްތައް ނުބުނާށެވެ. ބަހެއް ބުނާ ކޮންމެ މީހެއްގެ ދެފައި ޖަނަވާރަކު ކައިނުލައިފާނެއެވެ. ނަމަވެސް ތައުބާ ނުވި ނަމަ ކޮންމެވެސް ސިފައެއްގައި އެ ބަސްތައް އެމީހަކާއި ބައްދަލުކުރާނެއެވެ. އެއީ ޢާޚިރަތުގައި ކަމަށްވުމަކީ އެންމެ ހިތާމަ ހުރި ގޮތެވެ.
ދުނިޔޭގައި ކަންކަން ހިނގަމުން މިދަނީ އެގޮތަށެވެ. އަދި އާޚިރަތުގައިވެސް ކަންކަން ހިނގާނީ ހަމަ މިގޮތަށްކަން އިސްލާމް ދީނުން އެނގެން އެބަ އޮތެވެ. ވީމާ ބިރުވެތިވާށެވެ! ދީނާއި ދެކޮޅަށް ގަދަ ބަސްތައް ނުބުނާށެވެ. ކަމެއް ދިމަވާނީ އެނގިގެނެއް ނޫނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ދީނަށް ކުޑައިމިސް ބަސް ނުބުނާށެވެ! އެއީ ވަޤުތުންވެސް މުޞީބާތްތައް ކުރިމަތިކުރައްވަވާ ކަމެކެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ