އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންގެ ވާހަކަތަކުގެ މިސްރާބު ހުރީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބަށް އެކި ކެންޑިޑޭޓުން ވައުދުތައް ވަމުންދާ މި ދަނޑިވަޅުގައި އެ ވައުދުތަކަށް އިޝާރާތްކުރައްވައި މައުމޫން މިގޮތަށް ވިދާޅުވީ ޓްވީޓެއްގަ އެވެ.
ބުނީ ކީކޭ؟ - "ބައެއް ކޭންޑިޑޭޓުން ވާހަކަ ފުޅު ދައްކަވާއިރު ހީވަނީ ޚުދު މުޚުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅު ވާހެން. ވަގުތުން މިވެނި ކަމެއް ކުރައްވާނަމޭ ވަގުތުން މިވެނި ކަމެއް ހުއްޓުވާނަމޭ. ކޮބައިތޯ ޤާނޫނު؟ ކޮބައިތޯ ޑިއު ޕްރޮސެސް؟" 30 އަހަރު ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި މައުމޫންގެ ޓްވީޓްގައި އިތުރު ތަފްސީލެއް ނުދެއްވައި ލިޔުއްވާފައިވެ އެވެ.
މައުމޫންގެ ޓްވީޓްގައި އިޝާރާތް ކުރެއްވީ ކޮން ކަމަކަށް ކަމެއް ވިދާޅުނުވިޔަސް، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.
އެ ހުކުމުގެ ސަބަބުން މި އިންތިހާބުގައި ވާދަ ކުރެއްވުމުގެ ދޮރު ބަންދުވި ޔާމީންގެ ބަދަލުގައި ރިޔާސީ ރޭހަށް ނުކުންނެވި މުއިއްޒު ވިދާޅުވެފައިވާ ގޮތުން އޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
ޔާމީން މިނިވަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ގާނޫނީ ހަމައަކީ، ކޮބާތޯ ނޫސްވެރިން ސުވާލު ކުރުމުން އޭނާ ވަކި ޖަވާބެއް ނުދެއްވަ އެވެ.
ގުޅުންހުރި - މުއިއްޒުގެ އިތުރުން، ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިފަހުން ވަނީ ޔާމީން މިނިވަންކުރުމަށް ގޮވާލައްވައި، އެ މަސައްކަތް ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
މައުމޫން ވިދާޅުވަނީ ބައެއް ކެންޑިޑޭޓުންގެ ވާހަކަ ހުރީ ހުދުމުހުތާރު ވެެރިކަމަކާ ދިމާލަށް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ