ފިލްމީ ތަރި އާމިރާ ކައިވެނިކޮށްފި
ދެދާހުގެ ކުރީކޮޅު ތަފާތު ގިނަ ފިލްމުތަކާއި ޝޯތަކުން އާންމުންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާ އާމިރާ އިސްމާއީލް ކައިވެނިކޮށްފިއެވެ. ފިލްމު އިންޑަސްޓްރީން ބޭރުން އާމިރާ ކައިވެނި ކޮށްފައިވަނީ ރ. އަތޮޅު މަޑުއްވަރީއަށް ނިސްބަތްވާ މީހެއް ކަމަށްވާ މުހައްމަދު ނަހްޔާން އާއެވެ. ނަހްޔާން އަކީ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ މީހެކެވެ. ދެމީހުން ކައިވެނިކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އާމިރާ އާއި ނަހްޔާން ކައިވެނި ކޮށްފައިވަނީ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އެގޮތުން ދެމީހުން ކައިވެނިކޮށްފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިންވަރަކަށް މަހަށް ފަހުގައެވެ. ދެމީހުން ދިމާވި ގޮތުގެ ވާހަކައެއް އާމިރާ ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް ދެމީހުން ތިބީ ވަރަށް އުފަލުން ކަމަށް އޭނާ ހިއްސާކޮށްފައިވެއެވެ. އާމިރާއަކީ ދިވެހީން ދަންނަ ނަމެކެވެ. އެގޮތުން އެންމެ ފުރަތަމަ އާމިރާ ދިވެހީންނަށް ފެނިފައިވަނީ ތަފާތު އެކި ލަވަތަކުންނެވެ. ނަމަވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވަނީ 2003 ވަނަ އަހަރުގައި އޭނާ ފެނިގެންދިޔަ ފިލްމު "ދޮންކަމަނަ" އާއި ހަމަ އެއަހަރު ދައްކަން ފެށި ޓީވީ ޑްރާމާ "ވައިސޫރި" އިންނެވެ. ވައިސޫރި އަކީ އެ ދުވަސްވަރު އެޅުވި ވަރަށް މަގުބޫލު ޝޯއަކަށް ވުމާއެކު މުޅި ރާއްޖެއަށް އާމިރާގެ ނަން އެހާ ހިސާބުން އެނގިގެން ދިޔައެވެ. އާމިރާގެ ކެރިއަރުގައި އޭނާ އެންމެ ގިނައިން ފެނިގެން ގޮސްފައިވަނީ ބިރުވެރި ފިލްމުތަކުންނެވެ. ގިނަ ފިލްމުތަކުގައި އޭނާ ފެނިގެން ގޮސްފައިވަނީ ލީޑް ރޯލުންނެވެ. އޭގެތެރޭގައި "ޖިންނި" އާއި "ހަނދުކޭތަ" އަދި "އުދަބާނި" ފަދަ ފިލްމުތައް ހިމެނެއެވެ. ދެހާހުގެ ކުރީކޮޅުން ފެށިގެން އެކްޓް ކުރަމުން އައި އާމިރާގެ މަސައްކަތްތަކަށް ވަނީ ގައުމީ ފިލްމު އެވޯޑުން ނޯމިނޭޝަން ވެސް ލިބިފައެވެ. އެންމެ ފުރަތަމަ އޭނާ ނޯމިނޭޓް ވެފައިވަނީ 2012 ވަނަ އަހަރުގައި ނެރުނު "ލަވް ސްޓޯރީ" އިން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށެވެ. ދެން އޭނާ ނޯމިނޭޓް ވެފައިވަނީ 2014 ވަނަ އަހަރުގެ "އާދޭސް" އިން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ ރޯލަށެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ހިސާބުން އެކްޓިން އާ ކޮންމެވެސް ވަރަކަށް ދުރަށް ގޮސްފައެވެ. އެއަށްފަހު 2019 ވަނަ އަހަރު އެނބުރި އައުމަށްފަހު މިހާރުވެސް އާމިރާ އަންނަނީ ތަފާތު އުފެއްދުންތަކުން ފެންނަމުންނެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ ބައިސްކޯފުން ދާދިފަހުން ނިންމާލާފައިވާ ޝޯ "ޔާރާ"ގައި ގެސްޓް ރޯލަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ