13 ރިސޯޓެއްގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރަން ފަށައިފި

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި"ގެ ދަށުން 13 ރިސޯޓެއްގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މި މަސައްކަތް ކުރިއަށްދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކަމަށާއި، މި މަސައްކަތުގައި އެ ވުޒާރާގެ 56 މުވައްޒަފުން ބައިވެރިވާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 52،495 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށް ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގައި ދިރިއުޅޭ 30،426 ބިދޭސީންނާއި އަތޮޅުތެރޭގައި ދިރިއުޅޭ 22،069 ބިދޭސީންގެ މަޢުލޫމާތު ހިމެނެއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފެށިފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ