އެފްއޭ ކަޕްގެ ފަސް ވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދައިފި

އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. މިމުބާރާތުގެ ފަސް ވަނަ ބުރުން ޔުނައިޓެޑް ޖާގަހޯދީ ހަތަރު ވަނަ ބުރުގައި ލެސްޓާ ސިޓީއާ ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މި މެޗުގެ ފެށުން ދެ ޓީމަށް ވެސް ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. މިގޮތުން ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް މި މެޗުގެ ކުރީކޮޅު މާ ރަނގަޅަކަށް ނުކުޅެވެއެވެ. އަދި މިހާފުގައި ކިރިޔާވެސް ހިތްވަރެއް ލައިގެން ކުޅުން ރަނގަޅު ކުރިތަން ފެނުނީ ލެސްޓާއިންނެވެ. މިގޮތުން މާގިނަ ހަމަލާތަކެއް ނުފެނުނު ނަމަވެސް ދޭތެރެދޭތެރެއިން ލެސްޓާއިން ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރިތަން ފެނުނެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ލެސްޓާއިން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބޮބީ ޑި ކޯޑޯވާ ރީޑްއެވެ. މިހާފުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނު ކުޅުމާއެކު ސަޕޯޓަރުންގެ ފަރާތުންވެސް މާޔޫސްކަން ފެނުނެވެ. އަދި އަމިއްލަ ދަނޑުގައި އަނެއްކާވެސް ބަލިވަނީކަމުގެ އިހްސާސް ކުރެވުނުތަން ފެނުނެވެެ. ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފަށް ޔުނައިޓެޑުން ނުކުތީ ފުރަތަމަ ހާފަށްވުރެ ކުޅުން ރަނގަޅުކޮށް މެޗުން ނަތީޖާއެއް ނެރުމުގެ އަޒުމުގައެވެ. މިގޮތުން މިހާފުގައި އަލެހަންޑްރޯ ގެނާޗޯ އެރުވުންވީ ޔުނައިޓެޑްގެ ޓީމަށް އިތުރު ދިރުމެއް އައި ކަމަކަށެވެ. މިހާފުގައި ގެނާޗޯވަނީ ލެސްޓާއަށް ގިނަ އުނދަގޫތަކަކާ ކުރިމަތި ކުރުވާފައެވެ. މިމެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި ޖޯޝުއާ ޒާކްޒީއެވެ. ޔުނައިޓެޑް މޮޅުވި ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިފެންޑާ ހެރީ މެގުއާއެވެ. މިލަނޑު ޖެހިއިރު މެގުއާ އޮފް ސައިޑް މަގާމެއްގައި ހުރިކަމަށް ފާހަގަވި ނަމަވެސް މިބުރުގައި ވީއޭއާރުގެ ބޭނުން ކުރަމުން ނުދިއުމާއި ރެފްރީންނަށް އެކަން އަޅައިނުގަތުމުން މިލަނޑު ވަނީ ބަލައިގެންފައެވެ. މިކާމިޔާބީއާއެކު މިދިޔަ ސީޒަންގައި އެޓީމުން ކާމިޔާބު ކުރި ތަށި ދިފާއު ކުރުމުގެ އުންމީދު އަދި އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ