ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއަށް ސޮއިކުރުމުގެ ޖަލްސާ ބޭއްވަން ހުށަހެޅި ތަންތަން ނުދޭން ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް، އެ ޖަލްސާ ބާއްވަން ސަލްޓަން ޕާކު ދޭން ނިންމައިފި އެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ ޖަލްސާ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދީފި ނަމަ ހޯމަ ދުވަހުގެ ރޭ 9:00 އަށް މުލީއާގޭ ދޮށަށް އެމްޑީޕީއަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކުން ދިޔުމަށް އެމްޑީޕީގެ ޗެއާޕާސްން ފައްޔާޒު ދައުވަތު އަރުވާފައިވެ އެވެ.
ފައްޔާޒު އެކްސްގައި ކުރެއްވި އެ ޕޯޓަށް ފަހު ވެސް ސަރުކާރުން ގޮތް ދޫނުކޮށް ތަޖުރަމާނު ހީނާ ވަލީދު ރޭ ވަނީ ރައްދު ދެއްވަފަ އެވެ. ނަމަވެސް އެމްޑީޕީން އެދުނު ތަންތަނުގެ ތެރެއިން ޖަލްސާ ބާއްވަން ސަލްޓަން ޕާކް ދޭން މިހާރު ނިންމާފައިވާކަން އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު މިރޭ ވަނީ ވިދާޅުވެފަ އެވެ.
"ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވާ ތަނަކަށްވާތީ އެތަން މިމިނިސްޓްރީން މިހާތަނަށް ކުއްޔަށް ދީފައިނުވާނެއެވެ. އަދި ކުއްޔަށް ދިނުމަށް އުސޫލެއް ކަޑައަޅާފައިވެސް ނުވެއެވެ. ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމާފަ،" މުއްތޮލިބު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދު އާއި ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ކިޔުމަށް ހަފުލާއެއް ބާއްވާނެ ތަނެއް ހޯދަން އެމްޑީޕީން އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހަފުލާ ބާއްވާނެ ތަނެއް ހޯދުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުން ދިޔަ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވީ ޖޫން 21، 2023 ގަ އެވެ. ދެ އަހަރު ފަހުން އެ މަނިކުފާނު އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަނީ، ޑިމޮކްރެޓްސްގެ މެންބަރުންނާއެކު އެވެ. އަދި އެ މަނިކުފާނު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން އޮތްކަން ހާމަކުރައްވާފަ އެވެ.
ނަޝީދު އެމްޑީޕީއަށް އަލުން ސޮއިކުރާ ޖަލްސާ ބާއްވަން ސަލްޓަން ޕާކް ދީފި ނަޝީދު އެމްޑީޕީއަށް އަލުން ސޮއިކުރާ ޖަލްސާ ބާއްވަން ސަލްޓަން ޕާކް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ