މާލޭގެ މަގުތަކުގެ ޑިޒައިންގެ މަސައްކަތް ކުރުމަށް ޗައިނާގެ ޓީމެއް މި މަހު ރާއްޖެ އަންނާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ލަސްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ކޮންމެ ޤައުމަކުންވެސް ހިލޭ އެހީދިނުމަށް ޚާއްސަ އުސޫލުތަކާއި ގަވާއިދުތަކެއް ކަނޑައަޅާފައިވާއިރު ޗައިނާއިންވެސް މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދަނީ އެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން، އެ ޤައުމުގެ ހިލޭ އެހީގައި ހިންގާ މަޝްރޫޢުތަކުގައި ފީސިބިލިޓީ އާއި ސާވޭ އާއި ޑިޒައިނިން އަދި ކޮންސްޓްރަކްޝަން ކަންކަން ވަކިން ޓެންޑަރކޮށް، ޕްރޮކިޔަރ ކުރާ ކަމަށާއި މަސައްކަތް ލަސްވެގެންދަނީ އެ ސަބަބުން ކަމަށެވެ.
މާލޭގެ މަގުތަކުގެ މަޝްރޫޢު މިހާރު އޮތީ ޑިޒައިނިންގެ މަރުހަލާގައިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ މަސައްކަތް ޗައިނާ ސަރުކާރުން ހަވާލުކުރި ފަރާތުން މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން މަޝްރޫޢުގެ ކޮންޓްރެކްޓަރު ހޮވުމަށް ޗައިނާ ސަރުކާރުން ޓެންޑަރ ކުރާނެ ކަމަށާއި ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކުރެވުމުން އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހިލޭ އެހީދޭ ކަމުގައިވާނަމަ އެއީ އެ ޤައުމުގެ ޓެކްސްޕޭޔަރސްގެ ފައިސާ. އެ ފައިސާ ޚަރަދުކުރާނީ އެ ޤައުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން. އެހެންމަ އަޅުގަނޑުމެން ހިލޭ އެހީ ބޭނުންވާ ކަމުގައިވާނަމަ އަޅުގަނޑުމެން އެކަން ފޮލޯކުރަންޖެހޭނެ. އެއަށް އެއްބަސްވާންޖެހޭނެ، އެހެންވީމަ އެ އުސޫލުން އެ މަސައްކަތް ކުރިއަށްދަނީ. އެއްވެސް ހާލެއްގައި ޗައިނާ ސަރުކާރުންވެސް އަދި ދިވެހި ސަރުކާރުންވެސް މި މަޝްރޫޢު ލަސްކުރުމަށްޓަކައި ނުވަތަ މި މަޝްރޫޢު ކުރިއަށް ނުގެންދިއުމަށްޓަކައި އެއްވެސް ކަމެއް ނުކުރޭ. ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުން މިދަނީ މި މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި،" ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މާލޭގެ މަގުތައް ހެދުމަށް ފީސިބިލިޓީ ސްޓަޑީ ހަދަން ރާއްޖެއަށް އައި ޗައިނާގެ ޓީމުން، މަގުތަކުގައި ފެންބޮޑުވާތީ ސާވޭކޮށް، ޑިޒައިންހެދުމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، އެ މަޝްރޫޢުގެ މަސައްކަތް ދެބަޔަކަށް ބަހާލައިގެން، އެހެނިހެން މަގުތަކުގެ ޑިޒައިނިންގެ މަސައްކަތް ކުރިއަށްދާއިރު މަޖީދީ މަގުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޖަޕާނުގެ ހިލޭ އެހީގެ ދަށުން ހިންގަމުންދާ މަޝްރޫޢުތަކާއި އިންޑިއާގެ ލައިންއޮފް ކްރެޑިޓްގެ ދަށުން ހިންގަމުންދާ މަޝްރޫޢުތަކަށްވެސް ގިނަ ދުވަސްތައް ނަގާކަން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ފާހަގަކުރައްވާފައެވެ.
"މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތް ކުރަން ޗައިނާގެ ޓީމެއް މިމަހު ރާއްޖެ އަންނާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ