މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް އަވަސްކުރަން ރާއްޖެއިން ގޮވާލައިފި

މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އަވަސް ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ގުޅިގެން މަސައްކަތްކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ގޮވާލައްވައިފިއެވެ. ވަޒީރު މިކަމަށް ގޮވާލެއްވީ ތުރުކީގައި ބޭއްވި "ތުރުކިޔޭސް ރޯޑް ޓު ކޮޕް31 : ރިޒިލިއަންޓް ސިޓީސް" ގެ މަތީފަންތީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، ކާރިސީ ޙާލަތްތަކަށްފަހު އެ ޙާލަތުން އަރައިގަތުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގެ ތިމާވެށީގެ ދާއިރާގެ ލީޑަރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ވަޒީރު ޢަލީ ޝަރީފްގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ އަވަސްކޮށް ހަރުދަނާކުރުމަށާއި، މި ދާއިރާއިން އަންނަ އީޖާދީ ބަދަލުތަކަށް ހުރިހާ ޤައުމުތަކުން އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިއަހަރު ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެށީގެ އެންމެ ބޮޑު ސަމިޓް ކަމަށްވާ ކޮޕް31 ގައި ތުރުކީއިން އަދާކުރާ ދައުރަށް ރާއްޖޭގެ ފުރިހަމަ ތާޢީދާއި އެއްބާރުލުން އޮންނާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
މި ދަތުރުފުޅުގެ ހަވާސާގައި ވަޒީރު ވަނީ ޔޫއެން ހިއުމަންޓް ސެޓްލްމަންޓް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރ އަނަކްލައުޑިއާއާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާ ގުޅިގެން ފޯރުކޮށްދޭ މާލީ އެހީތަކުގެ ތެރެއިން ރާއްޖެއިން ހުށަހަޅާ ކަންކަން އެޑަޕްޓޭޝަން ފަންޑުގައި ހިމެނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ވަޒީރު ވަނީ ބުރުނެއީގެ މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް މުޙައްމަދު ޖުއަންދާއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކުރިއަށް އޮތް ކޮޕް ސަމިޓާ ދިމާކޮށް ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
މީގެއިތުރުން ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް، ޢަބްދުލް އަވަލް މިންޓޫއާ ބައްދަލުކުރައްވައި، ސަރަޙައްދީ ފެންވަރުގައި ތިމާވެށީގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވަޒީރު ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ