އެމެރިކާގެ ކަނޑުގެ ސިފައިންގެ ވެރިޔާ ވަކިކޮށްފި

އީރާނާ އެކު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން، އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން)ގެ އިސް ސަފަށް ގެންނަ ބަދަލުތަކުގެ ތެރެއިން، ނޭވީ ސެކްރެޓަރީ ޖޯން ފީލަން އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
ފީލަން މަގާމުން ވަކިކުރިކަން ޕެންޓަގަންއިން ކަށަވަރުކޮށްދިން ނަމަވެސް، އެކަމުގެ ސަބަބެއް ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
ނަމަވެސް، ހަބަރުތައް ބުނާ ގޮތުގައި، އޭނާ މަގާމުން ވަކިކުރީ މަނަވަރުތައް ބަނުމުގެ އިސްލާހީ މަސައްކަތްތައް ލަސްވުމާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އާއި އޭނާގެ ނައިބާ ދެމެދު އޮތް ގުޅުން ގޯސްވުމުގެ ސަބަބުންނެވެ. މީގެ އިތުރުން، ފީލަންގެ އޮފީހާ ގުޅޭ ގޮތުން ހިންގަމުންދާ އަހްލާގީ މައްސަލައެއްގެ ތަހުގީގަކީ ވެސް އޭނާ މަގާމުން ވަކިކުރުމަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެ އެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، އޭނާ އައްޔަނުކުރެއްވި ސިފައިންގެ ލަޝްކަރެއްގެ ސެކްރެޓަރީއަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ. ނޭވީގެ ވަގުތީ ސެކްރެޓަރީގެ މަގާމަށް މިހާރު ހަމަޖައްސާފައިވަނީ އެ އިދާރާގެ ދެވަނައަށް އެންމެ އިސް މަދަނީ މަގާމުގައި ހުންނެވި ހަންގް ކާއޯ އެވެ.
އެމެރިކާގެ ދިފާއީ ދާއިރާގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، ސެނެޓަރު ޖެކް ރީޑް ވަނީ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ ޕެންޓަގަންގެ ތެރޭގައި ހަމަނުޖެހުމާއި ނުތަނަވަސްކަން އޮތްކަން ހާމަވާ ކަމެކެވެ.
މި ބަދަލުތައް މި އައީ އީރާނަށް ފިއްތުންތައް ކުރިމަތިކޮށް މަޝްވަރާގެ މޭޒަށް ގެނައުމަށްޓަކައި، އެމެރިކާގެ ކަނޑުގެ ސިފައިން އިސް ދައުރެއް އަދާކުރަމުންދާ ވަގުތެއްގަ އެވެ. ހަމަ އެއާ އެކު، ހަނގުރާމައިގެ ތެރޭގައި ކަނޑުގެ ބާރުގަދަކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫއުގެ ދަށުން، ނޭވީގެ އުޅަނދުފަހަރު އިތުރުކުރުމަށް ވެސް މިހާރު ވަނީ ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ