ޕާޓީއަށް ޓަކައި ކެމްޕެއިންކޮށްދިނުމުގެ އަގަކަށް ސަރުކާރުން ވަޒީފާ

"ވަރަށް ބައިވަރު މީހުން ކޮނޑަށް ލައިގެންނޭ ވެރިކަމަކާ ހަމައަށް މި އާދެވެނީ. އެއީ އާއިލާތަކެއް. އެއީ ވެސް ބަޔަކު. އެ މީހުންގެ ޑިމާންޑުތަކެއް ހުރޭ."
މިއީ މިދިޔަ ހުކުރު ދުވަހު 'ދައުރު'ން ގެނެސްދިން 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ސިޔާސީ ވަޒީފާތައް އެހާ ބައިވަރު ދޭން ޖެހިގެން އުޅޭ ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވި ބަސްފުޅެކެވެ.
"ރަށެއްގެ މަންމައަކު ބޭނުންވާނީ އޭނާގެ ދަރިއަށް ވަޒީފާއެއް. އޭނާ ގާބިލުތޯ ނުވަތަ ނޫންތޯ ނުބަލާނެ އެ މަންމައަކު،" މުހައްމަދު ހުސައިން ޝަރީފް އިތުރަށް ވިދާޅުވި އެވެ.
ވޮޑްކާސްޓްގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން އެންމެ ޝައުގުވެރި އެއް ބަޔަކީ މިއީކަަން ފާހަގަކޮށްލަމެވެ.
އެ ވާހަކައިން ފަހުމުވި ކަންކަމަކީ މިއެވެ؛ ވެރިކަން ހޯދަން ކުރާ ކެމްޕެއިނުގައި ގިނަ ބަޔަކު މިހާރު ބައިވެރިވަނީ ކުޑަމިނުން ވަޒީފާއެއްގެ އުންމީދުގަ އެވެ. ނޫނީ އެފަދަ ކަމަކަށް ޝަރުތުކޮށްގެނެވެ. ހިލޭ ސާބަހަށް، ޕާޓީގެ ސިޔާސަތުތަކަށް ތާއީދުކުރުމުގެ ނިޔަތުގައި ކެމްޕެއިން ކުރުމުގެ ސަގާފަތް ފުހެވެމުން އަންނަ ކަމެވެ. ނޫނީ ފުހިގެން ހިނގައްޖެ އެވެ. ކެމްޕެއިންކޮށްދިނުމަށް މިއަދު ހުށަހަޅާ އަގަކީ ސަރުކާރުގެ ވަޒީފާ އެވެ. މިހާ ގިނަ ސިޔާސީ ވަޒީފާ އުފައްދާތީ، ޕާޓީން އަހުދުވެފައި އޮވެދާނެހެން ވެސް ހީވި ކަހަލަ އެވެ.
"ވެރިކަމަށް އާދެވެނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި ތާއީދާއެކު. ސިޔާސީ މަގާމުތަކުގެ ފެށުމާއި ނިމުން އަންނަނީ އެ ގޮތަށް. މި ގާނޫނުއަސާސީން ލިބިދޭ ހައްގެއްގެ ތެރެއިން ސިޔާސީ މަގާމުތައް ދެއްވަނީ ކޮންމެ ސަރުކާރެއްގައި ވެސް. އެކަމަކު ޓްރެންޑެއް އެބައިން. ދަނީ ހަމަ އިތުރުވަމުން، އިތުރުވަމުން ރާއްޖޭގައި،" މުހައްމަދު ވިދާޅުވި އެވެ.
ޕާޓީތަކުގެ އެކްޓިވިސްޓުންގެ ފަރާތުން ވެސް އަބަދު އިވޭ ވާހަކަ އެވެ. އެ ޕާޓީއެއް ވެރިކަމަށް ގެނައުމަށް ޓަކައި ތިމަންނާމެން ރެއާ ދުވާލު މަސައްކަތްކުރީމެވެ. އެ ކުރި ބުރަ މަސައްކަތާއެކު ޕާޓީ ވެރިކަމަށް އައުމުން ކޮންމެ ވެސް ކަންކަމެއް ކުރަން ޖެހޭނެ އެވެ. އެއް ކަމަކަށް އޭނާގެ ގާތް މީހުން، އޭނާ އިތުބާރުކުރާ މީހުންނަށް ސިޔާސީ ވަޒީފާ އެ ސަރުކާރުގައި ދޭން ޖެހޭނެ އެވެ.
"ސިޔާސީ މުވައްޒަފުން ތަނެއް ދޮރެއް ނުބަލާތަ ނަގާފައި ހުރީ، އެހެންބާ މިވީ؟" ސިޔާސީ މަގާމުތަކުގެ ވާހަކަ ތަރުޖަމާނު ދެއްކެވުމުން ވޮޑްކާސްޓްގެ އެއް ހޯސްޓް އަދި 'ދައުރު'ގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް އެއްސެވި އެވެ.
އެ ސުވާލުގެ ޖަވާބުގައި ތަރުޖަމާނު ވިދާޅުވީ މިހެނެވެ؛ "ސިޔާސީ މަގާމު މުޅިން ވެސް ދެމުން އައީ ޕޮލިޓިކަލް ސަބަބުތަކަށް އެކަނި. އެއަށްވުރެ ވެސް ބޮޑަށް މީހަކު ދެއްވާ ޔަގީންކަމަކަށް. މިސާލަކަށް އަޅުގަނޑުމެން ޕާޓީގެ މަޖިލިސް މެންބަރެއް. ދައްކަވަނީ މީހަކު، އެއީ މިވެނި ދާއިރާއަކުން ކިޔަވައިގެންނޭ ހުރީ، ނޫނީ ތަޖުރިބާއާއި ފަންނު އެބަހުއްޓޭ."
މި ރިޔާސީ ދައުރު ދެބައިވެ، ހިޔާލު ހޯދުމުގެ ވޯޓެއްގައި ސަރުކާރުން ހުށަހެޅި ގޮތަށް %69 ނޫނެކޭ ބުނެ އަދި ސިޓީތައް ހިމެނޭ ގޮތަށް ގިނަ ކައުންސިލްތައް ސަރުކާރަށް ގެއްލުމާއެކު މިހާރު އެ ކަން ހައްލުކުރަން މި ސަރުކާރުން ބޭނުންވެއްޖެ އެވެ. އެ ކަން ސަރުކާރުގެ ތަރުޖަމާނުގެ އިތުރުން ރައީސް މުހައްމަދު މުއިއްޒު ވެސް އިއުލާންކުރެއްވި އެވެ.
ކެމްޕެއިންކޮށްދިނުން ހިމެނޭ ގޮތަށް ޕާޓީއަށް ހިދުމަތްކުރުމުގެ އަގެއްގެ ގޮތުގައި، ފަސް އަަހަރުގެ މުއްދަތަކަށް މިހާ ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ދިނުމަކީ ހަގީގަތުގައި ވަރަށް ބޮޑު އިސްރާފެކެވެ. އިސްރާފު އެކަންޏެއް ނޫނެވެ. ވަރަށް ބޮޑު ބޭއިންސާފެކެވެ. މި ކަމަށް ހަރަދުވެގެން ދަނީ އަހަރުމެން އެންމެން ދައްކާ ޓެކްސް ފައިސާ އެވެ.
ޓެކްސް ދެއްކުމުގައި މުޅި މުޖުތަމައު ބައިވެރިވެ އެވެ. ޓެކްސް މި ނަގަނީ އެންމެން ވެސް ކުރާ ހޭދައިންނެވެ. މުދަލާއި ހިދުމަތަށް ކުރާ ހޭދައިންނެވެ. ކޮންމެ މީހަކު ވެސް ރައްޓެހިންނާއެކު ކޮފީ މޭޒުމަތީ ވަގުތު ހޭދަކޮށް ދައްކާ ބިލުންނެވެ. ކެއިންބުއިމަށާއި ސާފުތާހިރުވުމަށާއި އެކި އަސާސީ ބޭނުންތަކަށް މި ހޭދަކުރާ ފައިސާއިންނެވެ. އެންމެން ޝާމިލުވާ ކަމެކެވެ. ސަރުކާރު ހިންގާ ޕާޓީއަށް ކެމްޕެއިންކޮށްދިން މީހުންގެ އިތުރުން ވާދަވެރި ޕާޓީތަކަށް ކެމްޕެއިންކޮށްދިން މީހުން ވެސް ހިމެނެ އެވެ. ވަކި ޕާޓީއަކަށް ތާއީދުނުކޮށް ތިބި އެތައް ހާސް މީހުން ވެސް ހިމެނެ އެވެ.
މި ސަރުކާރު އައީ މި ވާހަކަ ވެސް ދައްކައިގެނެވެ. މިހާ ގިނަ ސިޔާސީ ވަޒީފާ އުފެއްދުމަކީ ގޯހެއް ކަމުގައި ރައްޔިތުންނަށް ބުނެދީގެނެވެ. ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު، އެ ދުވަހު ހުޅުމާލޭގެ ކައުންސިލަރަކަށް ހުންނެވިއިރު ޕޯޑިއަމެއްގައި ހަރުއަޑުން އޭރުގެ ސަރުކާރާ ދިމާއަށް ހަރުއަޑުން ވިދާޅުވީ ވެސް އެ ވާހަކަ އެވެ. "މިތިބަ ބުރާންތިތަކާއޭ، ވޯލްޑް ބޭންކުން އެ ބުނަނީ ހަރަދުކުޑަކުރާށޭ. ސިޔާސީ ވަޒީފާ މަދުކުރާށޭ،" މިހެނެވެ.
ރައީސް މުއިއްޒު އިންތިހާބުވުމުން ދެއްވި ޔަގީންކަމަކީ ވެސް އެއީ އެވެ. އެ އަދަދު 700އަށްވުރެ ގިނަ ނުކުރާނެ ކަމެވެ. ނަމަވެސް އޭގެ ފަހުގައި ސިޔާސީ މުވައްޒައްފުންގެ ޖުމުލަ އަދަދު ހާމަނުކޮށް 1 އަހަރާއި 8 މަސް ހޭދަވި އެވެ. ތަކުރާރުކޮށް އެ މައުލޫމާތަށް އެދެމުން ދަނިކޮށް، 16 ޖުލައި 2025ގައި ސަރުކާރުން ހާމަކުރީ 922 މުވައްޒަފުން ތިބި ކަމަށެވެ.
އެއް ކަމަކަށް އޭގެ ފަހުގައި ސަރުކާރުން އިތުރު މީހުންނަށް ސިޔާސީ ވަޒީފާ ދިންކަން އެނގެ އެވެ. އަނެއް ކަަމަކަށް މި ތިބި މީހުންގެ މައުލޫމާތު ސަރުކާރުން ހިފަހައްޓާތީއާއި، ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ފޮނުވާއިރުގައި މިިއިން ތަފްސީލެއް ނާރުވަ އެވެ. މި ދެ ކަމާ ހުރެ އެކަނި ސަރުކާރުން ބުނާ އަދަދަކަށް އިތުބާރުކުރަން ވެސް ދައްޗެވެ. ކޮންމެ ގޮތެއް ވިއަސް ސަރުކާރުން އެ ބުނާ އަދަދަކީ ވެސް ރައީސް މުއިއްޒު ކުރިން ވެވަޑައިގެންނެވި ވައުދާ ހިލާފު އަދަދެކެވެ.
ކޮންެމެ ސަރުކާރަކުން ވެސް ސިޔާސީ ވަޒީފާ އުފައްދަމުން ދަނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ ސަރުކާރު ކުންފުނިތައް ބޭނުންކޮށްގެނެވެ. އަނެއް ގޮތަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ދީފައިވާ ބާރެއްގެ ތެރެއިންނެވެ. މި ލިޔުމުގައި ބޮޑަށް މި އަލިއަޅުވައިލެވުނީ ވެސް މި ބުނާ ބާރުގެ ތެރެއިން މި އުފައްދާ ސިޔާސީ މަގާމުތަކުގެ ވާހަކަ އެވެ.
ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ބަޔާންކުރާ 115ވަނަ މާއްދާގެ (ޅ) - ވަޒީރުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް ޓަކައި ބޭނުންވާ މަގާމުތަކަށް މީހުން އައްޔަންކުރުމާއި އެ މަގާމުތަކުން މީހުން ވަކިކުރުމާއި އެ މީހުންގެ އިސްތިއުފާ ގަބޫލުކުރުން
މި މައްސަލާގައި ސަރުކާރުން ކުރާނެ ކަންތަކުގެ ގޮތުގައި މިހާތަނަށް ހާމަކުރީ ދެ ކަމެކެވެ؛ ފުރަތަމަ ކަމަކީ ސިޔާސީ މުވައްޒަފުންގެ ފެންވަރު ބެލުމުގެ މަސައްކަތެއް ކުރުމަށްފަހު، ބޭނުމެއް ނުހިފޭ މުވައްޒަފުން ތިބި ނަމަ އެ ބަޔަކު ވަކިކުރުމެވެ. އަނެއް ކަމަކީ ކުރިއަށް އޮތް ތަނުގައި އުސޫލީ މިންގަނޑެއް ނުވަތަ 'މެރިޓް'ގެ ތެރެއިން ސިޔާސީ މުވައްޒަފުން އައްޔަންކުރުމެވެ.
އުސޫލީ މިންގަނޑެއްގެ މިސާލަކަށް ރައީސް މުއިއްޒު ފާހަގަކުރެއްވީ:
ސްޓޭޓް މިނިސްޓަރަކު އައްޔަންކުރާއިރު އެންމެ ދަށްވެގެން މާސްޓާސް ޑިގްރީއެއް އޮތް މީހަކު އައްޔަންކުރުން
ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކުރާއިރު އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީއެއް އޮތް މީހަކު އައްޔަންކުރުން
އެކަމަކު ހަގީގީ މާނައެއްގައި މި އިސްލާހު ގެންނަން އެބަޖެހެ އެވެ. ހެޔޮ ނިޔަތެއް އޮތް ނަމަ ކުރަންވީ ކަމަކީ ހަގީގަތުގައި ރައީސަށް ލިބިދީފައިވާ އެ ބާރު ބޭނުންކުރުމުގައި 'މެރިޓް' ގެންގުޅެން މަޖުބޫރުކުރުމެވެ. އެ ކަން ކުރެވޭނީ ގާނޫނުއަސާސީގައި އެ ބާރު ތަފްސީލްކޮށްގެން ނުވަތަ އެ ބާރު ބޭނުންކުރެވިދާނެ ގޮތުގެ ތަފްސީލްތައް ހިމެނޭ ގާނޫނެއް ގެނެސްގެނެވެ.
'ދައުރު'ގެ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގެ އެހެން އެޕިސޮޑެއްގައި ގާނޫނީ ވަކީލު މަހުފޫޒު ސައީދު މި މައްސަލާގައި ވާހަކަ ދައްކަވަމުން ދެއްވި ހިޔާލަކީ ވެސް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނެއް ހެދުމެވެ. އޭނާގެ ހިޔާލަކީ:
ކޮންމެ މިނިސްޓްރީއަކަށް ހާއްސަކޮށްގެން ރައީސް ކަނޑައަޅުއްވާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން؛ މި ހުށަހެޅުން ފޮނުވަން ޖެހޭނީ މުވައްޒަފުން އެ އަދަދަށް ބޭނުންވާ ސަބަބާއި 'ނީޑް އެސެސްމަންޓް' ވެސް ހިމެނޭ ގޮތަށް
މިިނިސްޓްރީއަކަށް ކަނޑައެޅި މުވައްޒަފުންގެ އަދަދު އިތުރުކުރަން ބޭނުންވާ ކޮންމެ ފަހަރަކު ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން؛ މި ފަހަރު އަދަދު އިތުރުކުރަން ނުވަތަ ބަދަލުކުރަން ޖެހުނު ސަބަބާއި ކުރިން އޮތް ހާލަތަށް އައި ބަދަލު އެންގުން
ކޮންމެ ހުށަހެޅުމެއް ވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް، ކޮމިޓީއަކުން ދިރާސާކުރުމަށް ފަހު ތަޅުމުގައި އަހާ ވޯޓަކުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުން ލާޒިމުކުރުން
މީގެ ބޭނުމަކީ ސަރުކާރުން މި ކަމުގައި ގެންގުޅޭ ވިސްނުންތައް ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި، ދެފުށް ފެންނަ ގޮތަކަށް މި ކަން ކުރަން މަޖުބޫރުކުރުވުމެވެ.
"މީގެ ބޭނުމަކީ ވީހާވެސް ގިނައިން ވީހާވެސް ގިނަ ރައްޔިތުންނަށް މި ވާހަކަތައް އިއްވުން. ރައްޔިތުންނަށް މި މަންޒަރު ދެއްކުން. އޭރަށް ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޖަޖްކުރަން މާ ބޮޑަށް ފަސޭހަވެގެން ވެސް ދާނެ،" މަހްފޫޒް ވިދާޅުވި އެވެ.
މަހްފޫޒު ފާހަގަކުރެއްވި ގޮތުގައި ގާނޫނުއަސާސީގައި އެ ބާރު ރައީސަށް ދީފައިވަނީ ވެސް އެއްވެސް ގައިދެއް ނުވަތަ އިމެއް ނެތިއެއް ވެސް ނޫނެވެ. އޭގައި ކަނޑައަޅާފައިވާ އިމަކީ 'ރައީސްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމުގައި' ބަޔަކު އައްޔަންކުރުމެވެ. ނަމަވެސް އެ މާއްދާ އިމެއް ނެތި ބޭނުންކުރަމުންދާތީވެ، ކަނޑައެޅިފައިވާ އިން ތަފްސީލްކުރަން ޖެހިފައިވާ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ