އަމޮރިމްގެ ފުރަތަމަ މެޗު އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުން އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
މިއީ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި އަލަށް ހަވާލުވި ޕޯޗުގަލްގެ ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.
ޕްރިމިއާ ލީގުގައި މި ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑް މިހާތަނަށް 12 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވާ 16 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 12 ވަނައިގަ އެވެ. އިޕްސްވިޗަށް 12 މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގަ އެވެ.
އިޕްސްވިޗްގެ ޕޯޓްމަން ރޯޑްގައި ތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ދެވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ މިދިޔަ ސެޕްޓެމްބަރ މަހުގެ ފަހުން ޕްރިމިއާ ލީގު މެޗެއްގައި ރަޝްފޯޑް ލަނޑެއް ޖެހި ފުރަތަމަ ފަހަރެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އިޕްސްވިޗްގެ އޮމާރީ ހަޗިންސަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އިޕްސްވިޗް އިން ރަގަޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމުގެ ލިއާމް ޑެލަޕް ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް މެންޗެސްޓަރ ޔުނައިޓެޑްގެ ކީޕަރު އެންޑްރޭ އޮނާނާ ވަނީ ދިފާއުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ