މަސްތުވާތަކެތީގެ ބޮޑުންތައް ދޫވާތީ، ޗެއިން އޮފް ކަސްޓަޑީ މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުމެއް!

ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތް ނަމަވެސް، ހެކިންގެ ހެކި ބަހުގެ މައްޗަށް ބިނާކޮށް ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވާނެކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއްގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާތީ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާތީ ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އަދި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަންގައި ބުނީ މަސްތުވާތަކެތީގެ މައްސަލަތުގައި ތަހުލީލު ކުރެވިފައި ވަނީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރު ކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތް ނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީ އާއި މެދު ސުވާލު އުފެދޭ ފަދަ ކަމެއް އޮތްނަމަ އެތަކެއްޗެއް ހިފަހައްޓާ ފަރާތާއި އެޗެއިންގައި ހިމެނޭ އެންމެހައި ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށް ނުވަތަ ޗެއިން މެދުކެނޑިފައި ނުވަތަ ސުވާލު އުފެދިފައިވާ ހާލަތުގައި، ސުވާލު އުފެދޭ ކަމަކާއި ގުޅިގެން ޝަރީއަތައް ހާޒިރު ކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލު ކުރެވިފައިވާ ތަކެއްޗަކީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރު ކުރެވޭނަމަ، އެފަދަ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާކަމަށް ބަލަންވާނެ ކަމަށެވެ.
ޗެއިން އޮފަ ކަސްޓަޑީއަކީ ފުލުހުން އެއްކުރާ ހެކި ފުލުހުންގެ ތެރޭގައި އެކެއްގެ އަތުން އަނެކެއްގެ އަތަށް ގެންދާއިރު، އެ ހެއްކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން ކަށަވަރު ކުރުމަށް ހެކިތަކަށް އެވިޑަންސް ނަމަބަރު ދީ އެއާއި ހަވާލުވި މީހެއްގެ މައުލޫމާތުތަކާއި ހަވާލުވި ވަގުތު އަދި ތާރީހުތައް ހިމަނައި އެތަކެތި ގެންދިޔަ ގޮތުގެ ހުރިހާ ސިލްސިލާ މައުލޫމާތުތައް ހިމެނޭ ލިޔުންތަކެވެ.
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގައި ވާގޮތުން ފުލުހުން ބަލައި ފާސް ކުރުމުގައި ހެކީގެ ގޮތުގައި އެއްވެސް އެއްޗެއް ހިފަހައްޓައިފި ނަމަ ލަސްނުކޮށް އެ އެއްޗެއް ސީލް ކުރަން ވާނެ އެވެ. އަދި ހިފެހެއްޓޭ އެއްޗަކީ ސީލް ނުކުރެވޭ ބާވަތުގެ އެއްޗެއް ނަމަ އެ އެއްޗެއް ހިފެހެއްޓި ބޭނުން ނުގެއްލޭ ގޮތަށް ރައްކައުތެރި ކުރަން ވާނެކަމަށް ވަނީ ބުނެފަ އެވެ.
އެގޮތުން ހިފަހައްޓާ ކޮންމެ މުދަލެއްގައި، ނުވަތަ ސީލް ކުރެވޭ އެއްޗެއްގެ ބޭރުގައި ޗެއިން އޮފަ ކަސްޓަޑީ ފޯމެއް ހަރު ކުރަން ޖެހޭނެ އެވެ. އެއަށް ފަހު އެއަށް އެވިޑެންސް ނަމަބަރެއް ދީ، އެ ނަމްބަރު ރިކޯޑު ކުރަން ވާނެ އެވެ.
މިފަދަ މައްސަލަތައް އާއްމުވެފައި ވަނިކޮށް، ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލަތައް ސާބިތު ކުރުމަށް ދައުލަތަށް ފަސޭހަަތަކެއް ވެގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ