2013 ވަނަ އަހަރުން 2018 ވަނަ އަހަރާއި ހަމައަށް ރައީސް އަބްދުﷲ ޔާމީން އަބްދުލައް ގައްޔޫމް ހިންގެވި ސަރުކާރަކީ ”ޖައްބާރު ސަރުކާރެއް“ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ އޯގާތެރި ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގެ ”ޙަބަރަށްފަހު“ ޕްރޮގްރާމުގައި އަހުމަދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުކޮށް މިއީ އަނިޔާވެރި ސަރުކާރެއްގެ ގޮތުގައި ސިފަ ކުރި ނަމަވެސް ހަގީގަތަކީ ނުލަފާ ޖައްބާރު ވެރިކަމެއް ކުރެއްވީ ރައީސް ޔާމީން ކަމަށެވެ. ރައްޔިތުންނަށް ދިމާވި އެތައް ދަތި އުނދަގޫ ހާލަތަކަށް ފަހު މިއަދު ދެކެމުން މިދަނީ އޯގާތެރި ވެރިއެއްގެ އުފާވެރި ދުވަސްތަކެއްކަމަށް އަހުމަދު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށް ބޮޑު އާމްދަނީއެއް ލިބުނީ އެކަމުގައި އެއްވެސް ހުރަހެއް ނެތުމުންކަން ފާހަގަ ކުރައްވައި އަހުމަދު ވިދާޅުވީ، އެއީ އެންމެ އާމްދަނީ އިތުރުވި ފަސް އަހަރު ކަމަށެވެ. ނަމަވެސް އެއީ ރައީސް ޔާމީންގެ މޮޅުކަމަކުން ލިބުނު ކަމިޔާބީއެއް ނޫންކަން ދޭހަވާ މޭރުމަކުން، އޭނާ ވާހަކަ ދެއްކެވި އެވެ.
އަހުމަދު ވިދާޅުވީ ކޮވިޑު 19 ފަދަ ނުރައްކާތެރި، ދިގު މުއްދަތަކަށް ދިގުދެމިގެން ދިޔަ ބަލިމަޑުކަމެއް ރައީސް ޔާމިނުގެ ސަރުކާރުން ތަހަމައްލު ކުރަން ޖެހުނު ނަމަ ދިވެހި ރައްޔިތުން ތިބެނީ ބަނޑަށް ޖެހިފައި ކަމަށެވެ. އަދި ރައީސް ޔާމީން އެފަދަ ދަނޑިވަޅެއްގައި ރައްޔިތުން ނިކަމެތި ކޮށްލީސްކަމަށް އަހުމަދު ވިދާޅުވިއެވެ. އެއީ ރައީސް ޔާމީނަކީ އެއްވެސް މިންވަރަކަށް ރައްޔިތުންނަށް އަޅާލައި، ލޯބިވާ ވެރިއަކަށް ނުވާތީކަމަށް އޭނާ ވިދާޅުވި އެވެ.
”ރައީސް ޔާމިނުގެ ސަރުކާރުން ކޮވިޑު ފަދަ ބަލިމަޑު ކަމެއް މެނޭޖު ކުރަން ޖެހުނު ނަމަ، ރައްޔިތުން ތިބޭނީ ބަނޑަށް. އެއީ އޯގާތެރި ސަރުކާރެއް ނުވަތަ ވެރިއަކު ނެތުމުން“ އަހުމަދު އަބްދުﷲ
ރައީސް ސޯލިހުގެ ސަރުކާރުގައި ކޮވިޑުގެ އުނދަގޫތަކާއި ގޮންޖެހުންތަކާއި ކުރިމަތި ލަމުން ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެއްވެސް ހުއްޓުމެއް ނާންނަކަމަށް އަހުމަދު ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުވެ، އަމްދަނީ ލިބުމުގެ މަގު ބަންދު ވުމާއި އެކު، ރިސޯޓު ފަދަ ތަންތަނުގެ ވަޒީފާއިން ވަކި ކުރެވުނު މުވައްޒަފުންނަށް އިންކަމް އެލޮވެންސް ދިނުމުގެ އިތުރުން ރައްޔިތުންނަށް ދަތި ނުވާ ފަދަ ގޮތަކަށް ސަރުކާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގައި ހުރި ފައިސާގެ އިތުރަށް ފައިސާ ހޯދައި، ފުރިހަމަ ހިދުމަތް ފޯރުކޯށްދެވުނީ ސަރުކާރުގެ އޯގާތެރިކަމުގެ ސަބަބުން ކަމަށް އަހުމަދު ފާހަގަ ކުރެއްވިއެވެ.
މެމްބަރު އަހުމަދު ގަބޫލުކުރާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫންވެ. ކޮންމެ ދައުލަތެއްގައި ވެސް އަބަދުމެ ހިނގަމުންދާ ކަންތައް ތަކެއް ހުންނާނެކަމަށް ފާހަގަކުރަމުން އަހުމަދު ވިދާޅުވީ މިއީ އަބަދު ރިބަން ކަނޑާ ސަރުކާރެއް ނޫން ކަމަށެވެ.
2008 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ފެށި ފްލެޓު އެޅުމުގެ މަސައްކަތް ޖެހިގެން އައި ސަރުކާރުން ކުރިއަށް ގެންދިއުމުން، މަޝްރޫއުތައް ނުހިންގާ ކަމަށް ނުބުނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމިނުގެ ސަރުކާރުގައި އަޅަން ފެށި ހިޔާ ފްލެޓު މަޝްރޫއު ގެ ބޮޑުބައި ނިންމައި، މަޝްރޫއު ކުރިއަށް ގެންދިއުމާއި އެކު މިއަދު އެތަނުގައި މީހުން އާބާދު ވަމުން ދަނީ މި ސަރުކާރުގެ މަސައްކަތުން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެ، ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގައި، އިތުރަށް ބިންގާ އަޅައިގެން މަޝްރޫއުތައް ކުރިއަށް ގެންދާކަމަށް އަހުމަދު ފާހަގަކުރެއްވިއެވެ.
ވޭތުވެ ދިޔަ 3 އަހަރު ކޮވިޑުގެ ގޮންޖެހުންތަކާއި އެކުވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި މަގު ހެދުމުގެ މަޝްރޫއު ހިންގައި، ބަނދަރު ހެދުމުގެ އިތުރުން ގިނަ ރަށް ރަށުގެ މަގުގައި ތާރު އެޅުމުގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށް އަހުމަދު ފާހަގަ ކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނާއި ހަމައަށް ތަރައްގީގެ މަޝްރޫއެއް ނުހިންގާ އެންމެ ރަށެއްވެސް ނޯންނާނެ ކަމަށް އަހުމަދު ވިދާޅުވިއެވެ. ރަށްތަކުގައި އެއާޕޯޓު ގާއިމުކުރުމާއި އެކު، އެއާޕޯޓުތައް ހުޅުވުން ފަދަ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރުން ކާމިޔާބުވެފައިވާ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
ޔާމީނުގެ ސަރުކާރަކީ ”ޖައްބާރު ސަރުކާރެއް“، މިއީ އޯގާތެރި ސަރުކާރެއް: އަހުމަދު އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ