ޓީމާ އެކު ސަލާހު ނުގެންގޮސް ސްލޮޓް ކާމިޔާބު ހޯދައިފި

ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހު ނުހިމަނާ 2009ގެ ފަހުން ލިވަޕޫލަށް ރަށުން ބޭރުގައި ޗެމްޕިއަންސް ލީގުގެ މެޗެއް، ރޭ ނޫނީ ކާމިޔާބުކުރެވިފައެއް ނެތެވެ.
އިޓަލީގެ މިލާންގައި އިންޓަ މިލާނާ ދެކޮޅަށް ކުޅުނު ލީގު ބުރުގެ މި މެޗުން ލިވަޕޫލް މޮޅުވީ މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނެލްޓީއެއްގަ އެވެ. އެ ޕެނެލްޓީ ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮބޮލްސައި އެވެ.
މިދިއަ ހޮނިހިރުދުވަހު އޮތް ޕްރިމިއަ ލީގުގެ މެޗުގައި ބެންޗުގައި އިން ސަލާހު ވަނީ މެޗަށް ފަހު އާންމުކޮށް ކުޅުންތެރިން ނުކުރާ ކަމެއް ކޮށްފަ އެވެ. އެއީ ލިވަޕޫލުގެ މެނޭޖްމަންޓަށް ނޭނގި ނޫސްވެރިންނަށް އިންޓަވިއު ދިނުމެވެ.
އެ އިންޓަވިއުގައި ސަލާހު ވަނީ އޭނާ ބެންޗުގައި ބައިންދާތީ ކޯޗަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. މިދިއަ އަހަރުގެ ލީގު ޗެމްޕިއަންއަށް މިފަހަރު ކުރިމަތިވެފައިވާ މައްސަލަތަކުގެ ޒިންމާ އަޅުވަނީ ހަމައެކަނި އޭނާގެ ބޮލުގައި ކަމަށް ވެސް ބުންޏެވެ. އޭގެ އިތުރުން މިހާރު އޭނާ އާއި ސްލޮޓާ ދެމެދު ގާތް ގުޅުމެއް ވެސް ނެތްކަން ވެސް ފާހަގަކުރި އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ސަލާހު ބޭންދީ ބެންޗުގަ އެވެ. މިއީ މިދިއަ ސީޒަންގައި ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ހޯދައިދިނުމުގެ އެންމެ މުހިންމު އެއް ބައިވެރިޔާ އަދި އެ ސީޒަންގެ ގޯލްޑަން ބޫޓު ވެސް ހޯދި ކުޅުންތެރިޔާއަށް ފަސޭހަ ކަމަކަށް ނުވި އެވެ.
ފާޅުގައި އެގޮތަށް ފާޑުކިޔުމުން ލިވަޕޫލްގެ އެތެރޭގައި އެ އުފެދުނީ ބޮޑު މައްސަލަގަނޑެއްކަން އެންމެންނަށް ވެސް އެނގެ އެވެ. އަދި ސަލާހަށް ދެން އިތުރު ފުރުސަތެއް ފަސޭހައިން ލިބިދާނެތޯ ވެސް ސުވާލު އުފެދުނެވެ.
ލިވަޕޫލް ދަތުރުކުރީ ސަލާހު ބަހައްޓައިފަ އެވެ. އަދި މުހިންމު މެޗަކުން މޮޅުވެ، ޗެމްޕިއަންސް ލީގުގެ ތާވަލްގެ އަށްވަނައަށް ވެސް ރޭ އެރީ އެވެ. ނޮކްއައުޓް ބުރަށް ސީދާ ދާނީ ގަދަ އަށް ޓީމެވެ. އޭގެ ފަހަތުން ޖާގައެއް ލިބިއްޖެ ނަމަ އޮންނާނީ ޕްލޭއޮފް މެޗުތަކެއް ކުޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ