ޢިމާރާތްކުރުމުގެ ދާއިރާގެ ކަންކަން ބެއްލެވުމަށް ޚާއްސަ މިނިސްޓްރީއެއް!

ކޮންސްޓްރަކްޝަން ދާއިރާގެ ކަންކަން ބެއްލެވުމަށާއި ކުރިއެރުވުމަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ރޭ ބޭއްވި ހަފުލާއެއްގައި އިންތިހާބީ ރައީސް ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާއަކީ ދެވަނައަށް އެންމެ ބޮޑު ސިނާއަތަށްވީ ނަމަވެސް އެ ސިނާއަތް އެންމެ އެދެވޭ ބާރުމިނުގައި ކުރިއަރައިގެން ނުދާ ކަމަށެވެ. މިއާއި އެކު ކޮންސްޓްރަކްޝަން ދާއިރާއަށް އެމަނިކުފާނުގެ ޒައާމަތުގައި ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރުކަންވެސް ކުރެއްވި ޑރ މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން އަބަދު އެހެން މިނިސްޓްރީއެއްގެ ދަށުގައި ކޮންސްޓްރަކްޝަން ދާއިރާ އޮތުމަށް ވުރެ، އެ ދާއިރާ އަށް ހާއްސަވާ މިނިސްޓްރީއެއް މުހިއްމު ކަމަށާއި ވެރިކަމާއި ހަވާލުވެވަޑައިގެން އެކަމަށް ޚާއްސަ މިނިސްޓްރީއެއް އުފައްދަވާނެކަން ޑރ މުއިއްޒު ހާމަކުރެއްވި އެވެ.
"ކޮންސްޓްރަކްޝަން އިންޑަސްޓްރީ، އަބަދުވެސް އޮންނަނީ ކޮންމެވެސް ވުޒާރާއެއްގެ ތެރެއަށް ލެވިފައި، ފޮރުވިފައި އެބައޮވޭ. އެހެން ނަމަވެސް، ބޭރަށް ނެރެ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ނަމުގައި ޝާމިލުވާ ގޮތަށް ވުޒާރާއެއް ގާއިމުކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ކޮންސްޓްރެކްޝަން ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެދާއިރާގެ ބޭފުޅުންނަށް ދެއްވައިފަ އެވެ.
ރާއްޖޭގައި މީގެ ކުރިންވެސް ކޮންސްޓްރަކްޝަން މިނިސްޓްރީއެއް އުފެއްދިއެވެ. އެއީ ރައީސް މައުމޫނުގެ ވެރިކަމުގައި އެވެ. އޭގެ ފަހުން އައި ހަތަރު ވެރިކަމުގައި ވެސް އިމާރާތް ކުރުމުގެ ދާއިރާ އަށް ހާއްސަ ވަކި މިނިސްޓްރީއެއް ނެތެވެ. އެގޮތުން ކޮންސްޓްރަކްޝަން ދާއިރާގެ ކަންކަން ވޭތުވެދިޔަ 4 ސަރުކާރުން ބަލަމުން އައީ ހައުސިން މިނިސްޓްރީގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ