ނަދީމްގެ މަރުގެ ދައުވާއިން ސަލާމަތްވި މަފާޒު އަނެއްކާ ވެސް ހައްޔަރަށް

ބޮލަށް ވަޅި ޖަހައި 2017 ވަނަ އަހަރު މަރާލި ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އުފުލި ދައުވާއިން ސަލާމަތްވި ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް އަނެއްކާ ވެސް ހައްޔަރު ކޮށްފިއެވެ. ނަދީމަށް ހަމަލާ ދިން ކަމުގެ ތުހުމަތުކުރެވިފައިވާ މަފާޒް އޭރު ހައްޔަރު ކޮށްފައިވަނީ ފިލައިގެން އުޅެނިކޮށެވެ. ނަމަވެސް އޭގެ ހަ އަހަރު ފަހުން އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ފަސް މަސް ފަހުން އިއްޔެ އަނެއްކާ ވެސް އޭނާ ހައްޔަރުކޮށްފައިވަނީ މާރާމާރީއެއްގެ ތުހުމަތުގައެވެ. މިފަހަރު އޭނާގެ މައްޗަށް ތުހުމަތުކުރަނީ ފުލުހެއްގެ ގައިގައި ޖެހި ކަމަށެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް އިތުރު ކޮށްދީފައެެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރި އަނެއް ދެ މީހުންގެ ބަންދަށް ވެސް ހަތް ދުވަސް އިތުރު ކޮށްދީފަވެއެވެ. ނަދީމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި މަފާޒް ހައްޔަރު ކޮށްފައި ހުއްޓައި އޭނާ ވަނީ ގޮޅި ތެރޭގައި އޮވެ ވެސް ފުލުހަކަށް މަރުގެ އިންޒާރު ދީފައެވެ. އެ މައްސަލަ ސާބިތުވެ 2021 ވަނަ އަހަރު ވަނީ މަފާޒަށް 18 މަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. ނަދީމްގެ މަރުގެ މައްސަލައިގައި މަފާޒްގެ އިތުރުން ދައުވާ އުފުލި އަނެއް ތިން މީހުން ވެސް ވަނީ ސަލާމަތް ވެފައެވެ. ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ