އުންމީދަކީ 2018 ވަނަ އަހަރުގެ މިނިވަން ދުވަހަށް ބްރިޖް ނިންމުން: ހައުސިންގ މިނިސްޓަރ

އުންމީދަކީ 2018 ވަނަ އަހަރުގެ މިނިވަން ދުވަހަށް ބްރިޖްގެ މަސައްކަތްތައް ނިންމުން ކަމަށާއި އެކަމަށް ގަދައަޅައި ކޮންޓްރެކްޓަރު މަސައްކަތްކުރަމުން އަންނަކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުއިއްޒު މިއަދު ވިދާޅުވީ މިހާރު އެންމެ ބާރަށް ކުރިއަށް ދަނީ ބުޑުތައް އަޅައި ތަނބުތައް ޖެހުމަށްޓަކައި އަޅަންޖެހޭ ވަގުތީ ޕްލެޓްފޯމް ހެދުމަށް ޖަހަންޖެހޭ ވަގުތީ ތަނބުތައް ޖެހުމުގެ މަސައްކަތްކަމަށެވެ. އެގޮތުން 20 ތަނބެއް ޖަހަންޖެހޭ ކަމަށާއި އެއިގެ ތެރެއިން 3 ތަނބު މިހާރުވަނީ ޖަހާފައި ކަަމަށެވެ.
މިމަސައްކަތަށް ބޭނުންވާ 5 އުޅަނދެއް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. އެއިގެ ތެރޭގައި ފްލޯޓިންގ ކްރޭނާއި ޓަގު ބޯޓު ފަހަރާއި ބާޖު ވެސް ހިމެނެއެވެ.
ޑރ. މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރެވެނީ އެންމެ ރަނގަޅު ފެންވަރުގައިކަން ކަށަވަރުކުރުމަށް މިހާރު ވަނީ ލެބޯޓްރީ ޤާއިމުކުރެވިފައި ކަމަށެެވެ.
ޑރ. މުޢިއްޒު ވިދާޅުވީ މިމަސައްކަތުގެ ފެންވަރު ބެލުމަށާއި މަސައްކަތް ކުރިއަށްދާގޮތް ބެލުމަށް ޗައިނާއިން އައްޔަނުކޮށްފައިވާ ކޮންސަލްޓަންޓަކީ ވަރަށް ޤާބިލު، މިފަދަ ަމސައްކަތްތައް ދުނިޔޭގެ ފެންވަރުގައި ކޮށްފައިވާ ކޮންސަލްޓަންޓެއް ކަމަށެވެ. އަދި މިނިސްޓްރީގެ އިންޖިނޭރުން ގެންދަނީ ވަރަށް ގާތުން ކަންކަން ބަލަމުން ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ މިއީ ރާއްޖޭގައި މިހައިތަނަށް ހިންގޭ އެންމެ މުހިންމު މަޝްރޫއު ކަމަށާއި ޗައިނާ އާއި ޜާއްޖޭގެ މެދުގައި އޮތް ގާތް ގުޅުމުގެ ސަބަބަުން ދެ ސަރުކާރާއި ދެ ޤައުމުގެ އިސްވެރިން ގެންދަވަނީ މަޝްރޫއުގެ މަސައްކަތްތައް ވަރަށް ގާތުން ބައްލަވަމުން ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތަށް 900 މީހުން ޗައިނާއިން އަންނާނެ ކަމަށާއި އެއިގެތެރެއިން މިހާރުވެސް 446 މީހުން ރާއްޖެ އައިސް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
މިމަސައްކަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޮޔާއި ރާޅުތައް ކަަމަށްވާތީ މަސައްކަތްތައް ކުރިއަށް ގެންދަނީ އެކަންކަމުގެ ތަޖުރިބާ އާއިއެކުގައި ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ