ފާސްވާ މިންވަރަށް މައުމޫން ހަމީދާއި މުހުތާޒަށް މާކުހެއް ނުލިބުނު

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލައްވާފައިވާ ގާނޫނީ ވަކީލު މައުމޫން ހަމީދާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިނަށް ކޮމެޓީން ފާސްވާ މިންވަރަށް މާކްސް ލިބިވަޑައިގެންފައި ނުވުމުން ޕީޖީގެ މަގާމަށް އައްޔަން ކުރާނެ ނަމެއް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާހެއް ނުކުރި އެވެ.
ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މަޖިލީހަށް ފޮނުއްވެވި މައުމޫން ހަމީދާއި މުހުތާޒަށް ކޮމެޓީން މާކްސް ދީފައިވަނީ އެ ދެބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު އެވެ. އެ ދެ ބޭފުޅުން މަޖިލީހަށް ހާޒިރުކޮށް ތައުލީމީ ފެންވަރާއި ގާބިލުކަން ބެއްލެވުމުގެ އިންޓަވިއު ކުރިއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ.
އެ ބޭފުޅުންގެ ނަން ކޮމެޓީން ފާސްވާ މިންވަރަށް މާކްސް ނުލިބުނީ 75 ޕަސެންޓަށް ވުރެ ގިނައިން މާކްސް ލިބިވަޑައިގެންފައި ނުވުމުންނެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މެމްބަރަކު "ސަން"އަށް މިރޭ ވިދާޅުވީ ޕީޖީއަކަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައިވާ ދެ ނަންފުޅުގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދެވީ މުހުތާޒު ކަމަށެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 67 ޕަސެންޓް މާކްސް ކަމަށާއި މައުމޫން ހަމީދަށް ލިބިވަޑައިގެންނެވީ 33 ޕަސެންޓް މާކްސް ކަމަށް އެނާ ވިދާޅުވި އެވެ.
މައުމޫން ހަމީދާއި މުހުތާޒަށް މާކްސް ދިނުމުގައި ބަލާފައި ވަނީ ތައުލީމާއި ތަމްރީނު ހޯދާފައިވާ މިންވަރާއި މަސައްކަތުގެ ތަޖުރިބާ އާއި ގާބިލް ކަމާއި ހުނަރާއި ނަޒާހަތްތެރި ކަމަށެވެ. އަދި ހިންގުމުގެ އެންމެ އިސް ފަންތީގެ ތަޖުރިބާ އާއި ހާސިލްކޮށްފައިވާ ލަނޑުތަޑިތަކާއި ލީޑާޝިޕަށް ކޮމެޓީން ވަނީ ބަލާފަ އެވެ.
މައުމޫން ހަމީދު ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް ނިމިދިޔަ މަޖިލީހަށް ހުށަހެޅުމުން އެފަހަރު ވެސް ފާސްވާ މިންވަރަކަށް އޭނާއަށް މާކުހެއް ނުލިބުނެ އެވެ. އެފަހަރު އޭނާއަށް ލިބިވަޑައިގެންނެވީ 67.06 ޕަސެންޓް މާކުހެވެ. އަދި ކޮމެޓީން ވެސް ކުރިން ފާސްކޮށްފައި ވަނީ އޭނާ ޕީޖީގެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށެވެ. ޖީޕީއަކަށް އައްޔަން ކުރަން މައުމޫން ހަމީދުގެ ނަން މަޖިލީހުގެ ތަޅުމުން ކުރިން ފާސް ނުވީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ނުލިބުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ