ގަމުގެ ތިން އަވަށުގެ އިންޖީނުގެ ބަންދުކޮށް އެއް ނެޓްވޯކަކުން ކަރަންޓު ދެނީ

ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމުގެ ތިން އަވަށުގައި ހުރި އިންޖީނުގެތައް ބަންދުކޮށް އެއް ނެޓްވޯކަކުން ކަރަންޓު ދޭން ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވެއްޖެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު "މިހާރު" އަށް އިއްޔެ ވިދާޅުވީ މުކުރިމަގާއި މަތިމަރަދޫ އަދި ތުނޑިއަވަށުގައި ހުރި އިންޖީނުގެތައް ބަންދުކޮށް، މީހުން އަލަށް އާބާދުވި މާހިންނަ ސަރަހައްދުގައި ހުންނަ ސެންޓްރަލް އިންޖީނުގެއިން ކަރަންޓު ދޭން ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ނިންމައި މިހާރު އަންނަނީ ޓެސްޓުކުރަމުންނެވެ. މި މަހުގެ ތެރޭގައި އެ އިންޖީނުގެއިން ކަރަންޓު ދެވޭނެ ކަމަށް ވިދާޅުވި އެވެ.
ގަމުގައި 5،000 މީހުން ދިރިއުޅޭއިރު އެ ރަށުގައި 750 އެއްހާ ގެ ހުރެ އެވެ.
ސައީދު ވިދާޅުވީ އެއް ނެޓްވޯކަކުން ކަރަންޓު ދޭން ފެށުމުގެ ނަތީޖާއަކީ ޖައްވަށް ދޫކުރާ ވިހަ ދުމުގެ އުނދަގުލުން، އެ ތިން ސަރަހައްދުގައި އުޅޭ މީހުން ސަލާމަތްވުމެވެ. އެ އިންޖީނުގެތައް ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ކައިރީގައި ކަމަށް ވުމުން އެކަމުގެ އުނދަގޫ ގިނަ ބަޔަކަށް ފޯރާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ލ. ގަމު މާހިންނަ އިންޖީނުގެ.-- ފޮޓޯ: ފެނަކަ ކޯޕަރޭޝަން
"[އިންޖީނުގެއާ] ކައިރީގައި އުޅޭ ގެތަކުގެ މީހުންނަށް ރަނގަޅަށް ނިދާލެވުން، އަޑުފަށްގަނޑު މަޑުވެގެން ދިޔުން. އެ ދެ އިންޖީނުގެ ވެސް ހުންނަނީ ރަށުގައި މީހުން އުޅޭ ސަރަހައްދުގައި. ކުރީގައި ކަރަންޓުން މަހުރޫމްވެފައި ތިބި ވިޔަފާރިވެރިންނަށް އަދި ބޮޑެތި ބިންތައް ނަގާފައި ތިބޭ އެތައް ބަޔަކަށް ކަރަންޓު ލިބިގެންދިއުން. ހިންގުމުގައި ދިމާވަމުން އައި ބައިވަރު ގޮންޖެހުންތަކުން އަރައިގަނެވޭނެ، އެފިޝިއެންސީ ރަނގަޅުވާނެ[އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށުމުން]،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއް ނެޓްވޯކަކުން ގުޅާލުމުގެ މަސައްކަތް ނިމޭއިރު 4.5 މެގަވޮޓްގެ ކަރަންޓު ލިބޭނެ ކަމަށެވެ. އެ ހިދުމަތް ދިނުމަށް 11،000 މީޓަރުގެ ކޭބަލް ވަޅުލައި ނިމޭނެ ކަމަށެވެ.
"ކުރިއަށް ވުރެ ރަނގަޅުވާނީ އިނގޭތޯ. މައްސަލަ ޖެހުން ކުޑަވެ ހިންގުމުގެ މުޅި ނިޒާމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ގިނަ ގޮތްގޮތުން. ހިންގުމުގެ ހަރަދު ވެސް ކުޑަވެގެން ދާނެ ވަރަށް ބޮޑު ކުޑަވެގެންދާނެ. ތެލަށް ކުރާ ހަރަދު ވެސް ވަރަށް ކުޑަވެގެންދާނެ،" ސައީދު ވިދާޅުވި އެވެ.
އެ މަސައްކަތް ފެނަކައިން ކުރަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ގަމު އެއްކޮށް ގުޅާލާއިރު ދެ ވަނަ ފިޔަވަހީގައި ހިމެނެނީ އެ އަތޮޅު ފޮނަދޫއާ ގުޅާލުމެވެ. އެ ރަށާ ގުޅާލުމުގެ މަސައްކަތް އަންނަ އަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ