ރާއްޖޭގެ ތަރައްގީ އަށް އެކި ގޮތްގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެމަނިކުފާނަށް ތައުރީފު ކުރައްވައިފި އެވެ.
ޕީޕީއެމް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން މައުމޫން ވިދާޅުވީ ގާސިމަކީ ރަސްމީގޮތުންނާއި އަމިއްލަ ގޮތުން ވަރަށް ގިނަ ރައްޔިތުންނަށް އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
ތައުލީމީ ރޮނގުންނާއި ސިއްހީ ދާއިރާގެ އިތުރުން ވިޔަފާރީގެ ގޮތުން ގާސިމް ކޮށްދެއްވާފައިވާ ޚިދުމަތްތައް ގިނަ ބަޔަކު ބަލައިގަންނަ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ގާސިމަކީ ދިވެހި ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ވަރަށް ބޮޑަށް މިލްކު ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ތައުލީމީ ގޮތުންނާއި ސިއްހީ ގޮތުންނާ ވިޔަފާރީގެ ގޮތުންނާ އަދި މިނޫން ވެސް އެތަށް ގޮތަކުން ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް އެބަޔަކު ގަބޫކު ކުރޭ. އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ވަރަށް ބޮޑަށް މިލްކު ކުރައްވާފައިވާ ބޭފުޅެކޭ. އެހެންވީމަ އެކަމަށްޓަކައި އަޅުގަނޑު ޝުކުރު ދަންނަވަމޭ،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް ކޯލިޝަނާއި ގާސިމް ގުޅިއްޖެ ނަމަ އެމަނިކުފާނާ މެދު ރައްޔިތުންގެ ހިތްތަނުގައި އޮތް ލޯތްބާއި ގަދަރު އެތައް ގުނަޔަކަށް އިތުރުވެގެންދާނެ ކަމަށާއި އެހެންކަމުން ގާސިމް އެކަން ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެންނާއި އަދި އޭގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް ގާސިމް ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ ގާސިމަކީ މިހާތަނަށް ވެސް ގައުމަށް ތެދުވެރި ވަފާތެރި ޚާދިމެއްގެ ގޮތުގައި ހުންނެވި ބޭފުޅެއް ކަމަށެވެ.
މައުމޫން ގާސިމަށް ތައުރީފު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ