ފްލޯޓިން ވިލާތައް ބޭރު މީހުންނަށް މިލްކު ކުރެވޭ ނަމަ ފްލޯޓިން ރަށެއް ދިވެހިންނަށް ހަދައިދެނީ

މާލެއާ ކައިރި ފަޅުތަކެއްގައި ހަދަން ނިންމާފައިވާ އަގުބޮޑު ފްލޯޓިން ވިލާތައް ބޭރު މީހުންނަށް މިލްކުކުރެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި ނަމަ ގެދޮރާ އެކު ބޮޑު ފްލޯޓިން ރަށެއް ދިވެހިންނަށް ހަދައިދޭނެ ކަމަށް ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑުން ބުނެފި އެވެ.
ދުނިޔޭގައި ޓޫރިޒަމަށް އަމާޒުކޮށް މިހާތަނަށް ޑިޒައިންކޮށްފައި ނުވާ ފެންވަރުގެ ހިތްގައިމު ފްލޯޓިން ރަށްތަކެއް ހިމެނޭ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއުއާ ބެހޭ ގޮތުން ކެނެޑާގެ ވެބްސައިޓެއް ކަމަށްވާ ދަ ސްޓާ އަށް ދެއްވި އިންޓަވިއުއެއްގައި ޑަޗް ޑޮކްލޭންޑްގެ ޗީފް އެގްޒެކްޓިވް ޕޯލް ވެން ޑި ކޭމްޕް ވިދާޅުވީ މުޅި މަޝްރޫއުގެ މައިގަނޑު އެއް ބަޔަކީ ވެސް ވިލާތައް ބޭރު މީހުންނަށް މިލްކުކުރެވޭ ގޮތަށް ސަރުކާރުން އެއްބަސްވުން ކަމަށެވެ.
ފައިވް ލެގޫން ޕްރޮޖެކްޓްގައި 10 މިލިއަން ޑޮލަރާއި އެއް މިލިއަން ޑޮލަރުގެ އަގުހުރި ވިލާތައް އިމާރާތްކުރެ އެވެ. އޭގެ އިތުރުން ބޮޑު ގޮލްފް ކޯހެއް ވެސް މޫދުގައި ހަދަ އެވެ.
ޕޯލް ވިދާޅުވި ގޮތުގައި މި ވިލާތައް ބޭރު މީހުންނަށް މިލްކުކުރެވެންޏާ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެވޭވަރުގެ ބޮޑު ރަށެއް، ގެދޮރާ އެކު، އެ ކުންފުނިން ހަދައިދޭނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ލީގަލް އޮފިސަރު ފަސީހް ޒާހިރު މިއަދު ވިދާޅުވީ ސަރުކާރާއެކު އެ ކުންފުނިން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ ފަސް ފަޅުގައި ހަދާ ވިލާތައް ތިން ވަނަ ފަރާތަކަށް ވިއްކުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
"ޓޫރިޒަމް ގަވައިދުގެ ދަށުން އެހެން ފަރާތަކަށް އެ ވިލާތައް ވިއްކުމުގެ އެއްވެސް ހުރަހެއް ނެތް. އެކަމަކު އެ ވިލާތައް ވިއްކޭނީ ގާނޫނުގައި ހުއްދަކުރާ މުއްދަތަށް،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ގާނޫނުގައިވާ ގޮތުން ރަށެއް އެންމެ ދިގު މުއްދަތަށް ކުއްޔަށް ދެވޭނީ 50 އަހަރަށެވެ.
ވިލާތައް ބޭރު މީހުންނަށް މިލްކުކުރެވެންޏާ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެވޭވަރުގެ ބޮޑު ރަށެއް، ގެދޮރާ އެކު، އެ ކުންފުނިން ހަދައިދޭނެ ކަމަށް އެ ކުންފުނިން ބޭރު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނި ނަމަވެސް ސަރުކާރަށް އެފަދަ ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށް ހަވީރަށް އެނގިފައިވެ އެވެ. އަދި އެ ކުންފުނިން ހުށަހެޅި ކޮންސެޕްޓް ޕޭޕަރު ވެސް ސަރުކާރުން އަދި ފާސްކޮށްފައިނުވެ އެވެ.
ޑަޗް ޑޮކްލޭންޑުން މި މަޝްރޫއު އިއުލާންކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.
ޑަޗް ޑޮކްލޭންޑުން ބުނި ގޮތުގައި މަޝްރޫއުގެ ފުރަތަމަ ފޭހުގެ ބައިތައް ބޭރުގެ ފަރާތްތަކަށް ވިއްކަން މި އަހަރުގެ ފަހުކޮޅު ފަށާނެ އެވެ. ދެން ހުރި ބައިތަކުގެ މަސައްކަތް ފަށާނީ ކުރިއަށް އޮތް 2- 5 އަހަރުގެ ތެރޭގަ އެވެ.
ޕޯލް ވިދާޅުވި ގޮތުގައި އޭނާގެ ކުންފުނީގެ ތަޖުރިބާ ބޭރު ގައުމުތަކުގައި ބޭނުންކުރަން ނިންމެވީ ތިމާވެށީގެ މައްސަލަތަކާ ހެދި އެވެ. ނެދަލެންޑަކީ ކަނޑަށް ވުރެ އަޑީގައި އޮންނަ ގައުމެކެވެ. ނަމަވެސް އެގައުމުގައި ފެނުން ރައްކާތެރިވާނެ ވަރަށް ގިނަ ޒަމާނީ ޓެކްނޮލޮޖީތައް ވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން ޑަޗު ޑޮކްލޭންޑުން ވަނީ ފްލޯޓިން ޖަލަކާއި ކޮންފަރެންސް ހޯލެއްގެ އިތުރުން ގެތައް ވެސް އަޅާފަ އެވެ.
ޕޯލް ވިދާޅުވި ގޮތުގައި ފެނާ ދެކޮޅަށް ކުރަން ޖެހިފައި ވަނީ ބޮޑު ހަނގުރާމައެކެވެ. އަދި އެކަމަށްޓަކައި އާ އީޖާތުތައް ތައާރަފުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގާ މަޝްރޫއުގައި މޫދުގައި ތަންތަން ހަދަނީ ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުލިބި އަދި މޫދުގެ ދިރުންތައް ހިމާޔަތްކުރެވޭނެ ގޮތަށް ކަމަށް ޑަޗް ޑޮކްލޭންޑުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ