އިސްލާހުވުމަކީ ކޮބައިކަމެއް ނޭނގޭ: އުމަރު

ހަތް ދުވަހުގެ ތެރޭގައި "އިސްލާހުވެ" ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ތެރެއަށް ނުވަދެއްޖެ ނަމަ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު އެ ޕާޓީން ވަކިކުރާ ގޮތަށް ސުލޫކު ކޮމިޓީން ނިންމި ނަމަވެސް "އިސްލާހުވުމަކީ" ކޮބައިކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
"ހަވީރާ" ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޭނާއަކީ އަބަދުވެސް ހައްގު ބަސް ބުނެ، ހައްގުގެ މަގު ދިފާއު ކުރައްވާ އަދި ހައްގު ހިފައިގެން ތެދުވާ ބޭފުޅެއް ކަމަށެވެ. އަދި މިހާތަނަށް ވެސް ޑީއާރުޕީގެ އާންމު މެމްބަރުންގެ "ހައްގު ހިފައިގެން ތެދުވެ" އެ މީހުންނަށް ވޯޓުލުމުގެ [ރިޔާސީ ޕްރައިމަރީގައި] ފުރުސަތު ހޯދައި ދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މީހުންނަށް ވޯޓުލުމުގެ ހައްގު ހޯދައި ދިނީމާ އެ ވޯޓުގެ ހައްގު ގެއްލޭ ގޮތަށް، ވޯޓު ފޮއްޓަށް ގަވާއިދާ ހިލާފަށް ވޯޓު އެޅީމާ އެ މީހުންގެ ހައްގު އެ ގެއްލުނީ. އަނެއްކާ ވެސް އެ ހައްގު ހޯދައިދޭން މި ތެދުވީ. އެހެންވީމާ ހައްގު ހޯދަން ތެދުވާނެ. ވަކާލާތު ކުރާނެ އަޅުގަނޑު. އެއީ ސުވާލެއް އޮތް ކަމެއް ނޫން. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ. ކުށްކުރުމާ ދެކޮޅަށް މަސައްކަތް ކުރާނެ. އެކަންކަން ނުކޮށް ނުވެސް ހުންނާނަން،" ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މިހާރު ވެސް އޭނާ ހުންނެވީ ޕާޓީގެ އަސާސީ ގަވާއިދުގެ ތެރޭގައި ކަމަށެވެ. އަދި އެ ގަވާއިދު ގޮވާލަނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަންކަން ކުރުމަށާއި އަސާސީ ގަވާއިދު ދިފާއު ކުރަން ކަމަށެވެ.
"މި ޕާޓީގެ އަސާސީ ގަވާއިދު ލިޔުނީ ވެސް އަޅުގަނޑު އިނދެގެން. އެހެންވީމާ އަޅުގަނޑަށް އިނގޭނެ އަސާސީ ގަވާއިދު ވަރަށް ރަނގަޅަށް،" އޭނާ ވިދާޅުވި އެވެ. "ޕާޓީ ތެރޭގައި އިސްލާހުކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރި. އިސްލާހުކުރަންޖެހޭ މައިގަނޑު ކަމަކީ ވޯޓު ފޮއްޓާ ކުޅުން. ގަވާއިދާ ހިލާފަށް ވޯޓު ނުލެވޭނެ ގޮތް ހަމަޖެއްސުމާއި އެކަންކަން ކުރުން އެއީ އިސްލާހު ކުރަންޖެހޭ ކަންތައްތައް. އެ މަސައްކަތް އަޅުގަނޑު މިކުރަނީ. އަޅުގަނޑު އެދެނީ މިކަމުގައި ޕާޓީގެ އެންމެން ބައިވެރިވެ ޕާޓީ އިސްލާހުކުރުން. ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓު ފޮއްޓާ ކުޅެ، ކަޅު ފައިސާ ބަހައި ނެހެދޭ ގޮތަށް ހެދުމަކީ އިސްލާހުކުރަންޖެހޭ ކަންކަން."
އުމަރު ވިދާޅުވީ އޭނާ ދުވަހަކު ވެސް މާފަށް އެދިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މާފަށް އެދެން ޖެހޭނީ "ވޯޓު ފޮއްޓަށް ވަގަށް ވޯޓު އެޅި މީހުން" ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މީހުންގެ ސަބަބުން ޕާޓީގެ މަސްލަހަތު ގެއްލި، ޕާޓީ ރޫޅި މި ހުރިހާ ކަމެއް މިވަނީ. އެކަން ހާމަކުރި މީހާ އަކީ ކުށްވެރިވެ މާފަށް އެދެންޖެހޭ މީހެއް ނޫން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުލޫކު ކޮމިޓީން އެޅި ފިޔަވަޅަށް އަމަލު ނުކޮށްގެން ޕާޓީން ވަކިކޮށްފިނަމަ އެއީ "ކޮމިޓީގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުން" ކަމަށެވެ. އުމަރު ވިދާޅުވީ ޕީޕީއެމުން ވަކިކުރިޔަސް އެހެން ޕާޓީއަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ހުންނާނީ ޕީޕީއެމްގައި. ޕީޕީއެމްގެ ދިދަ ނަގާނީ ވެސް. ޕީޕީއެމްގައި އުޅޭނީ ވެސް. އަޅުގަނޑުމެން އުފެއްދި ޕާޓީއެއް މިއީ. އަޅުގަނޑުގެ ކޮނޑުގައި ޕާޓީ ގެނައީ. އަޅުގަނޑުގެ ބަނޑުގައި ގަރުބަ ގަތީ. ޕާޓީއަށް ނަން ކީ ފަހުން އައި ބައެއް ޔާމީންމެންނަކީ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ