ޕާޓީ ކުރި ކުޑަކުއްޖާ ފަސް ދުވަހަށް ގޭގައި ބަންދުކޮށްފި

ވ. އަންބަރާގައި ޕާޓީ ކުރަމުން ދަނިކޮށް ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގަައި ހިމެނޭ 18 އަހަރު ނުފުރޭ ކުޑަ ކުއްޖާ ގޭގައި ބަންދުކުރުމަށް ފަސް ދުވަސް ޖުވެނައިލް ކޯޓުން ޖަހައިދީފި އެވެ.
ޖުވެނައިލް ކޯޓުން މިއަދު ބުނީ އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ކުޑަ އަންހެން ކުއްޖާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިދިނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އަންބަރާގައި މަސްތުވާތަކެއްޗާއެކު "ޕާޓީ" ކުރަމުން ދަނިކޮށް 198 މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ދޫކޮށްލާފައިވާ އިރު 78 މީހުންނަށް ކްރިމިނަލް ކޯޓުން ރޭ ވަނީ 10 ދުވަހުގެ މުއްދަތު ޖަހާފަ އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ތިބި މީހުންގެ ތެރޭގައި 59 ފިރިހެނުންނާއި 19 އަންހެނުން ހިމެނެ އެވެ. އަދި ހައްޔަރު ކުރި ފިރިހެނުންގެ ތެރޭގައި ބިދޭސީން ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި ފުލުހުން މި އޮޕަރޭޝަން ހިންގުމަށް އަންބަރާއަށް ދިޔައީ އެ ރަށުގައި ފެސްޓިވަލެއްގެ ގޮތުގައި މިފަދަ ކަމެއް ހިނގާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ ރަށުން ހައްޔަރު ކުރި ބައެއް އަންހެނުންނާއި ފިރިހެނުން ހައްޔަރު ކުރި އިރު ވެސް ތިބީ ބަރަހާނާ ހާލުގައި ކަމަށް އެނގިފައިވެ އެވެ. އަދި އެ މީހުންގެ އަތުން ފެނުނު ޕެޓްފުޅީގައި ބަނގުރަލާއި މަސްތުވާ ހިކި އެއްޗެއްސާއި ހޭޝް އޮއިލް ފެނިފައިވާއިރު ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވާ ކަމަށް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ