ސީރިޔާގެ އިދްލިބް ހަނގުރާމަވެރިންގެ ބާރުގެ ދަށަށް، ރައްޔިތުން ގެދޮރު ދޫކޮށްދަނީ

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސިފައިންގެ ބާރުގެ ދަށުގައި އޮތް އިދްލިބް، ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިއުމާއި ގުޅިގެން އެސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުން ގެދޮރު ދޫކޮށް ދާން ފަށައިފިއެވެ.
އިދްލިބްގައި 165،000 ރައްޔިތުން ދިރިއުޅެމުންދާ ކަމަށް ރިޕޯޓުތައް ބުނާއިރު، އެ ޕްރޮވިންސް އަލްގައިދާ އާއި ގުޅިފައިވާ ޖަމާޢައްތަކާއި އެނޫންވެސް ހަނގުރާމަވެރި ޖަމާޢަތްތަކާއި އެކްޓިވިސްޓުންގެ ބާރުގެ ދަށަށް ދިއުމާއިއެކު ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައިއެވެ.
އިދްލިބްގެ އިތުރުން ސީރިއާގެ ރައްގާ އޮތީ އައިއެސްގެ ފުރިހަމަ ބާރުގެ ދަށުގައިއެވެ. ރިޕޯޓުތައް ބުނާ ގޮތުން އިދްލިބް އިދިކޮޅު ހަނގުރާމަވެރިންގެ ދަށަށް ގެންދިއުމާއއެކު ސީރިއާގެ ދެބައިކުޅަ އެއްބައި، އޮތީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިއެވެ.
އަލްގައިދާ އާއި ގުޅުން އޮންނަ އަލް ނުސްރާ ފްރަންޓާއި، ޖުންދް އަލް އަގްސާ، ޖައިޝް އަލް ސުންނާ، ލިވާ އަލް ހައްގު، އަޖްނާދް އަލްޝާމް އަދި ފައިނާދް އަލް ޝާމް ޖަމާޢަތް ހިމެނޭ "ފައްތާހް އާމީ ކޯލިޝަން" އިން އިދްލިބް ހިފާފައިވަނީ ފަސްދުވަސް ވަންދެން މެދުނުކެނޑި ހަނގުރާމަ ކުރުމަށްފަހު މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައިއެވެ.
ހަނގުރާމަވެރިން އިދްލިބްއަށް ވަދެ، އަސަދު ސަރުކާރުގެ ގިނަ އިމާރާތްތަކެއް ވަނީ ބިމާކޮށްލާފައެވެ. އަދި  އަސަދުގެ ޕޯސްޓަރުތައް ނަގާފައިވާ ކަމަށްވެއެވެ. އިދްލިބްއަށް ހަނގުރާމަވެރިން އެރުމާއި ގުޅިގެން އެ ސަރަހައްދުގައި އުޅޭ ރައްޔިތުން ވަނީ ކައިރި ވިލެޖްތަކަށާއި ކައިރި ޓައުންތަކަށް ދާން ފަށާފައެވެ.
2011 ވަނަ އަހަރުގެ މާޗް މަހު ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައަށް ފަސް އަހަރުވެފައިވާއިރު، މިހާތަނަށް 220،000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ