އަފްރާޝީމް އަވަހާރަކޮށްލި ރޭ ހުމާމް ޝަހީދު އަލީ މިސްކިތުގައި އަތާއި މޫނު ދޮންނަނިކޮށް ދުށިން: ހެކި

މަޝްހޫރު ދީނީއިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ރޭ ދަންވަރުގެ ވަގުތެއްގައި ހ. ލޮބީ ހުސައިން ހުމާމް އަހްމަދު، ލޮނުޒިޔާރަތްމަގުގައި ހުންނަ ޝަހީދު އަލީ މިސްކިތުގައި އަތާއި މޫނު ދޮންނަނިކޮށް ފެނުނުކަމަށް މީހަކު މިއަދު ހެކިބަސް ދީފި އެވެ.
ކާކުކަން ނޭނގޭގޮތަށް ހެކިބަސް ދެމުން އެމީހާ ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ރައްޓެއްސަކާ އެކު ކޮފީއަކަށް ދިޔުމަށް ފަހު ދަންވަރު 1:20 އެހާކަންހާއިރު އަމީރު އަހްމަދު ސްކޫލް ކައިރީ ހުންނަ ޝަހީދު އަލީ މިސްކިތަށް ނަމާދުކުރުމަށް އޭނާ ދިޔަ ކަމަށެވެ.
މިސްކިތަކަށް ގޮސް ވުޟޫކުރަން ދިޔައިރު އާދަޔާ ޚިލާފަށް މީހަކު އަތާއި މޫނު ދޮންނަން ހުރި ކަމަށާއި އެވަގުތު އެއީ ކާކުކަން ނޭނގުނު ނަމަވެސް ތަހުގީގުގައި ފުލުހުން ފޮޓޯ ދެއްކުމުން އެއީ ހުމާމް ކަން އެނގުނު ކަމަށް ވެސް އެމީހާ ބުންޏެވެ.
އޭނާ ބުނީ އަތާއި މޫނު ދޮވެގެން ވުޟޫކުރާ ތަނުން ހުމާމް ނުކުންނަނިކޮށް ވެސް ފެނުނު ކަމަށާއި ހުމާމްގެ ހަރަކާތްތަކަށް ބެލުމުން އޭނާ ވުޟޫ ނުކުރާކަން އެނގުނު ކަމަށެވެ. އަދި ވުޟޫކޮށް ނިމިގެން އޭނާ މިސްކިތަށް ވަތްއިރު އެއްވެސް މީހަކު ފެންނަން ނެތް ކަމަށް ވެސް ހެކިބަސް ދެމުން އެމީހާ ބުންޏެވެ.
"އަޅުގަނޑު ވުޟޫކުރަން ދިޔައިރު އެތަނުގައި މީހަކު އާދަޔާ ޚިލާފަށް އަތާއި މޫނު ދޮންނަން ހުއްޓާ އަޅުގަނޑަށް ފެނުނު. އެވަގުތު އަޅުގަނޑަކަށް ނޭނގޭ އެއީ ކާކުކަން. އަނެއް ދުވަހު އަޅުގަނޑަށް އިވުނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ އަޑު. ދެން އަޅުގަނޑުގެ ރައްޓެއްސަކަށް އެރޭ ދިމާވި ކަންތައް ކިޔައިދިނިން. ދެން އޭނަ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ. ފުލުހުންގެ އިދާރާއަށް އަޅުގަނޑު ގެންގޮސް 50 ވަރަކަށް ފޮޓޯ ދެއްކި. އޭގެއިން އަޅުގަނޑު ދެއްކިން އެރޭ ފެނުނު މީހާއާ އެންމެ ވައްތަރު މީހާ. މިހާރު ޝަރީއަތުގައި ތިޔަ އިނީ އެރޭ ފެނުނު މީހާއާއި އެންމެ ވައްތަރުމީހާ،" ހެކިބަސްދިން މީހާ ބުންޏެވެ.
އަތާއީ މޫނު ދޮންނަމުން ދިޔަ އިރު ހުމާމުގެ އަތުގައި އެއްވެސް އެއްޗެއް ހޭކިފައި ހުރި ކަމަށް ފާހަގަ ނުކުރެވޭ ކަމަށް ވެސް ހެކިބަސްދެމުން އެމީހާ ވަނީ ބުނެފަ އެވެ.
ހެކިބަސް ދިން ދެވަނަ މީހާ ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު 12:40 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗާ ދިމާލުން އޭނާ ސައިކަލްގައި ދަނިކޮށް ޓަސްކަލޫސާ ކައިރިން އާޓިފިޝަލް ބީޗާ ދިމާލަށް ހާސްކަންމަތީގައި ބާރުސްޕީޑުގައި ހުމާމް މަގު ހުރަސްކުރަނިކޮށް އޭނާ އަށް ފެނުނު ކަމަށެވެ.
އޭނާ ބުނީ ހުމާމް ފިޔަވައި އިތުރު މީހަކު އެތަނުން އޭނާ އަށް ނުފެންނަ ކަމަށެވެ.
ހެކިބަސްދިން ތިން ވަނަ މީހާ ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު 12:07 އެހާކަންހާއިރު ކުޑަކުދިންގެ ބަގީޗާ ކުރިމަތީގައި ސައިކަލްގައި ސިނގިރެޓެއް ބޯން މަޑުކޮށްލައިގެން އިންދައި ހ. ފުންވިލު ގެއާދިމާލަށް އަފްރާޝީމް ވަޑައިގަންނަވަނިކޮށް އޭނާ އަށް ފެނުނު ކަމަށެވެ.
އޭނާ ބުނީ އެވަގުތު އަފްރާޝީމްގެ އަތުގައި ފޮތްތަކަކާއި ޓައީއެއް އޮއްވާ އޭނާ އަށް ފެނުނު ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހުމާމްގެ ދިފާއީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ރޭ 9:00 އިން ފެށިގެން ދަންވަރު 1:00 އާ ހަމަށް އިތުރު ބަޔަކާ އެކު ހުމާމް ހުރީ އާޓިފިޝަލް ބީޗުގެ ޓާފްދަނޑުގައި ކަމަށެވެ.
އެރޭ ހުމާމްއާ އެކު އެތަނުގައި ބަޔަކު ތިބިކަމަށް ބުނެ އެ މީހުންގެ ނަންތައް ދިފާއީ ހެކީގެ ގޮތުގައި ހަސީން ވަނީ ޝަރީއަތަށް ހުށަޅާފަ އެވެ.
ޝަރީއަތަށް ހުށަހެޅި ނަންތަކަކީ ރިޟްވާން ކިޔާ މީހަކާއި ވަނަމަކަށް މައްތު ކިޔާ މީހަކާއި ލުގުމާން އިސްމާއީލް ނަމަކަށް ކިޔާ މީހެއްގެ އިތުރުން ވަނަމަކަށް ހަސަންކޮ ކިޔާ މީހަކާއި ނަމާން ކިޔާ މީހެއްގެ ނަމެވެ.
ހުމާމް ބުނީ އެރޭ އޭނާ އާ އެކު ތިބި މީހުންގެ ތެރެއިން އެކަކު މިހާރު މަރުވެފައިވާ ކަމަށެވެ.
ގާޒީ ވިދާޅުވީ ދިފާއުގައި ހުށަހެޅި ހެކި ޝަރީއަތަށް ބަލައިގަތުމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހުމާމް ބުނީ ނަފްސާނީގޮތުން ފުލުހުން އޭނާ އަށް އަނިޔާކޮށްފައިވާކަމަށާއި އަފްރާޝީމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ފަހުން އޭނާ އަށް ޖިސްމާނީ އަނިޔާއެއް ފުލުހުން ކޮށްފައިނުވާ ކަމަށެވެ.
"އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފަހުން ޖިސްމާނީ އާނިޔާއެއް ކޮށްފައެއް ނުވޭ. އެކަމަކު 2012 ވަނަ އަހަރުގެ ކުރީކޮޅު އަނިޔާކޮށްފައިވޭ،" ހުމާމް ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރި އިރު އޭނައާ މުއާމަލާތް ކުރި ފުލުހުންގެ ބޮލުގައި ތުހުމަތުތަކެއް އެޅުވުމަށް ފަހު ހުމާމް ވަނީ އެމީހުންގެ ރޭންކާއި ނަން ވެސް ޝަރީއަތުގައި ކިޔައިދީފަ އެވެ.
ހުމާމްގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ ނަފްސާނީ ގޮތުން އަނިޔާ ލިބިފައި ހުރި މީހަކަށް އެހާ ތަފްސީލުކޮށް ކަންތައްތައް ކިޔައިނުދެވޭނެ ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ކުރިން އެއްބަސްވެފައި ވަނީ ޝައިތާނާގެ ބަހަށް ކަމަށާއި އަފްރާޝީމް މަރާލީ އޭނާ ނޫންކަން މާތްﷲ ދެނެވޮޑިގެންވާނެ ކަމަށް ވެސް ހުމާމް ބުންޏެވެ.
"އަޅުގަނޑާއި މާތްﷲ ދެނެވޮޑިގެންވާނެ އަޅުގަނޑު އަފްރާޝީމް މަރާނުލާކަން،" ހުމާމް ބުންޏެވެ.
ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ކުށަށް އިއުތިރާފުވެ ބަޔާނެއް ދީފައިވާ ކަމަށް ހުމާމް މިއަދު ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެ ބަޔާނަކީ ފުލުހުން އެއްބަސްވާށޭ ބުނުމުން ދީފައިވާ ބަޔާނެއް ކަމަށް ހުމާމް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ