ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށްޓަކައި ށ. މިލަންދޫގެ ރައްޔިތުންތިބީ ތައްޔާރަށް: އަހުމަދު އިމްރާން
ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށްޓަކައި ށ. މިލަންދޫގެ ރައްޔިތުން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ފެނަކަ ރިޖަނަލް މެނޭޖަރ އަހުމަދު އިމްރާން ވިދާޅުވެއްޖެއެވެ. ޗެނަލް ތާރޓީންއަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ ރީޖަނަލް މެނޭޖަރ އަހުމަދު އިމްރާން ވިދާޅުވީ ރައީސް ޔާމީން ށ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ ތެރެއިން ށ. މިލަންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ މަޝްރޫޢު އިފްތިތާޙު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އިމްރާން ވިދާޅުވީ ރައީސްގެ ދަތުރުފުޅުގައި މި މަޝްރޫޢު އިފްތިތާހު ކުރުމަށް ހަމަޖެހިފައިވާއިރު ރަށުގެ ރައްޔިތުންނާއި އަދި ރަށުގެ ސަރުކާރުގެ މުއައްސަސާތަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ރަށުގެ ރައްޔިތުން މިކަމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރިތައް ވަމުންދާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. ށ. މިލަންދޫ އަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައަކީ މީގެ ކުރިން އެރަށު ރައްޔިތުން ވަރަށް ބޮޑެތި ތަކްލީފްތަކެއް އުފުލަން ޖެހުނު ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ ކޮންމެ މަހަކު ނަރުދަމާ ސާފުކުރުމަށްޓަކައި ގާތްގަނޑަކަށް ހަތް ސަތޭކައާއި އަށް ސަތޭކަ އާއި ދެމެދުގެ ޙަރަދު ކޮންމެ ގޭބީސީ އަކުން ކުރަމުންދިޔަ ކަމަށެވެ. އެހެންނަމަވެސް މި ޚަރަދުން ސަލާމަތްވެ ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑު ލުޔެއް މި ސަރުކާރުން ފަހި ކޮށްދެއްވައިފިކަމަށް އިމްރާން ވިދާޅުވިއެވެ. ށ. މިލަންދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް ސަރުކާރުން ފެށީ 2015 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އިމްރާން ވިދާޅުވީ މަަސައްކަތް ވަރަށް ހަލުވި ސްޕީޑުގައި ކުރިއަށްގޮސް ނިންމާލެވުނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތިރީސް ވަނަ ދުވަހު ކަމަށް. މިގެ އިތުރުން އިމްރާން ވިދާޅުވީ ރައްޔިތުން ބޭނުންވާ އަސާސީ ބޭނުންތައް ފުއްދަވައި ދެއްވާ ވެރިއަކީ މިއަދު ރައީސް ޔާމީން ކަމަށެވެ. އެހެންކަމުން ށ. މިލަންދޫ ރައްޔިތުން ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށްޓަކައި ރަށުގެ ޒުވާނުން އަދި ރައްޔިތުން ވަރަށް އެއްބައިވަންތަ ކަމާއެކު އެއް ރޫހެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ