ފައިދާ ހޯދާ ކުންފުންޏަކަށްވުމަށް ޕީއެސްއެމް އިން މަސައްކަތްކުރަނީ

ދެހާސް އަށާރަވަނަ އަހަރާ ހަމައަށް
އަންނައިރު ޕަބްލިކް ސަރވިސް މީޑިއާއަކީ އަމިއްލަ މަސައްކަތުން ފައިދާ ހޯދާ
ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަން ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ
މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ހާމަކުރައްވައިފިއެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ
ޑިރެކްޓަރ  އިކުރާމް ވިދާޅުވީ ދައުލަތުން ޚަރަދުކުރާ ކުންފުންޏެއްގެ ގޮތުގައި އޮތުމުގެ
ބަދަލުގައި އަމިއްލަ މަސައްކަތުން ކުންފުނި ހިންގާނެ ފައިސާ ހޯދައި، އިތުރު ފައިދާ
ލިބޭ ކުންފުންޏަކަށް ޕީއެސްއެމް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފައިދާވާ ކުންފުންޏަކަށް ހެދުމަށް ގިނަ
ތަފާތު މަސައްކަތްތަކެއް ކުރެވިދާނެކަން އިކްރާމް ފާހަގަކުރެއްވިއެވެ. އެގޮތުން ކޭބަލް
ޓީވީގެ ޚިދުމަތް ދިނުމާއި، މީޑިއާ ޓްރެއިނިންގ އިންސްޓިޓިއުޓެއް ޤާއިމްކޮށް ބޭރުގެ
ދަރިވަރުންނަށްވެސް ތަޢުލީމު ޙާސިލްކުރުމުގެ ފުރުޞަތު ހުޅުވާލައި، ޕްރޮގްރާމާއި،
ޑޮކިއުމެންޓްރީ ހެދުމަށް ފުރުޞަތު ހުޅުވާލަން ނިންމާފައިވާ ކަމަށް އިކުރާމް
ވިދާޅުވިއެވެ.
ޕަބްލިކް
ސަރވިސް މީޑިއާ އުފެއްދި އެންމެ މުހިއްމު އެއް މަޤުޞަދަކީ ރައްޔިތުންނަށް ބޭނުންވާ
މައުލޫމާތު މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ފޯރުކޮށްދިނުން ކަމަށް
އިކްރާމް ވިދާޅުވިއެވެ. އެގޮތުން ދީނީ މަޢުލޫމާތު ގެނައުމަށާއި، ތަޢުލީމާއި ތަމްރީންގެ
ޗެނަލެއް އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އިކްރާމް ވިދާޅުވިއެވެ. މީގެ
އިތުރުން، ދުނިޔޭގެ މީޑިއާތަކަށް ރާއްޖެއާބެހޭ ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް
" މޯލްޑިވްސް "ގެ ނަމުގައި ޓީވީ ޗެނަލެއް އުފެއްދުމުގެ މަސައްކަތް
ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ކުރައްވަމުންދާ ކަމަށްވެސް ޑެޕިއުޓީ މެނޭޖިންގ
ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ